Advertisement

ފޮރެސްޓް އަތުން މޮޅުވެ، ޓޮޓެންހަމް ކުރިއަށް

16 ޑިސެންބަރު 2023 - 10:56 0


ފޮރެސްޓް އަތުން މޮޅުވެ، ޓޮޓެންހަމް ކުރިއަށް

16 ޑިސެންބަރު 2023 - 10:56 0

ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް ދަނޑުގައި 2-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން ކުރިއަށްދިއުމުގެ އުންމީދު އާ ކޮށްފި އެވެ.

މި މޮޅާ އެކު ޓޮޓެންހަމް ލީގުގެ ފަސް ވަނައިގައި އޮތީ 17 މެޗުން 33 ޕޮއިންޓާ އެކު އެވެ. އެއީ ހަތަރެއްގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓް އެއްވަރުވެގެންނެވެ. ސިޓީ އަށް 16 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު ޖެހީ ރިޗާލިސަން އެވެ. މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ ފަހުން، ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި ރިޗާލިސަން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ރިޗާލިސަން އަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޭޖާން ކުލުސެވްސްކީ އެވެ.

ފޮރެސްޓުން ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމުގެ ފަހަތަށް ކުޅޭ ވިލީ ބޮލީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.

އޭގެ ފަހުން، ޓޮޓެންހަމް އިން ކުރި އެޓޭކެއްގައި ދެ ވަނަ ގޯލު ޖަހައި ލީޑުފުޅާކުރި އެވެ. މި ލަނޑު ޖެހީ މެޗުގެ 65 ވަނަ މިނިޓްގައި ކުލުސެވްސްކީ އެވެ. އޭގެ ފަސް މިނިޓް ފަހުން، ފޮރެސްޓްގެ ރަޔާން ޔޭޓްސް އަށް ކުރި ނުރައްކާތެރި ފައުލަކަށް ޓޮޓެންހަމްގެ ޔްވެސް ބިސޫމާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ މި ސީޒަނުގައި ބިސޫމާ އަށް ދެއްކި ދެ ވަނަ ރަތް ކާޑު ކަމަށްވާތީ ހަތަރު މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ.

ކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހު ވިއްސަކަށް މިނިޓް ކުޅެން ޖެހުނު ނަމަވެސް ޓޮޓެންހަމް އިން ވަނީ ދެ ގޯލުގެ ލީޑާ އެކު މެޗުން މޮޅުވެފަ އެވެ.