15 ޑިސެންބަރު 2023 - 03:41 5
އަޒްލިފާ އަބްދުﷲ
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފު. ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ގެންދާން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މާއްދާތަކަށް އާންމު ކޮމިޓީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް، މަސައްކަތް ފަސޭހަކޮށްފައި. -- ފޮޓޯ: ރައީސް އޮފީސް
15 ޑިސެންބަރު 2023 - 03:41 5
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކޮށް، އެ މަރުހަލާގެ ހަމަތަކަކާއި ތަރުތީބަށް ބަދަލު ގެނެސް، ބައެއް ކަންކަމަށް ވަގުތުތަކެއް ކަނޑައަޅައިފި އެވެ.
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އެ ހުށަހެޅުން ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމަށް އަދި ނުފޮނުވަ އެވެ. ފެށޭ ހަފުތާގައި އެ ހުށަހެޅުން އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
ރައީސް އާއި ނައިބު ރައީސް އަޒުލުކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސްގެ މޭޒުކޮޅުގައި މައްސަލަ ހުއްޓުވާފައި ބޭއްވިޔަ ނުދިނުމަށްޓަކައި ހަމަތަކާއި ތަރުތީބުތަކެއް މަޖިލީހުގެ ގަވާއިދަށް ގެންނަން ކޮމިޓީން ފާސްކުރި އެވެ. އެ ބަދަލުތަކަކީ؛
ރައީސް އާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ މަޖިލީހުގެ ކޮމިޓީން، މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ މަގާމުގައި ހުންނަ ބޭފުޅަކު ވަކިކުރުމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހާލަތުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްތޯ ބަލައި، ހެކި ލިބެން ހުރިތޯ ބަލަން ޖެހޭނެ އެވެ. ކޮމިޓީން މައްސަލަ ދިރާސާކުރާއިރު ވެސް ރައީސް އަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ދިފާއުގައި ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ އެވެ.
އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ އެވެ. 1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުން. 2. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއް ކުރުން. 3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން.
ރައީސް އާއި ނާއިބު ރައީސް އަޒުލް ކުރަން ގަރާރެއް ހުށަހެޅޭނީ ސަބަބާއެކު މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. އެއީ މިހާރު ވެސް ގަވާއިދު އޮތް ގޮތެވެ.
އެ ގަރާރަށް މަޖިލީހުގައި ބަހުސްކޮށް މައްސަލަ ކޮމިޓީއަށް ލިބުމުން، އަމަލުކުރާންޖެހޭނެ ގޮތާއި ރިޕޯޓު މަޖިލީހުގެ ރައީސް އަށް ލިބުމުން އަމަލު ކުރާންޖެހޭނެ ގޮތްތައް ކޮމިޓީގެ އިސްލާހުގައިވެ އެވެ. އެއީ؛
ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމާ ހާލަތެއްގައި، އެ ބޭފުޅުން މަގާމުން ވަކިވާނީ މިހާރު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމެއް ކުރިޔަށް ދަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ
މިހާރު ގަވާއިދު އޮތް ގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ހުށަހެޅުމަށް ފަހު އެ މައްސަލައެއް ކުރިޔަށް ގެންދަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަަމަ ދިރާސާކުރަން ނަގާ ކޮމިޓީގައި 11 މެންބަރުން ތިބެންޖެހެ އެވެ. ނަމަވެސް އަލަށް ގެންނަ ބަދަލާއެކު ދެން ތިބޭނީ ހަތް މެންބަރުންނެވެ.
އެގާރަ މެންބަރުންގެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ތަމްސީލުވާންޖެހޭ އެވެ. އަލަށް ގެންނަން ބަދަލުން އެކަން ލާޒިމެއް ނުކުރެ އެވެ.
މިހާރު ގަވާއިދު އޮތް ގޮތުން ރައީސް އަށް ނުވަތަ ނައިބު ރައީސްގެ މައްޗަށް ކުރާ ތުހުމަތުތައް ވަކިވަކިން ބަޔާންކޮށް، ވޯޓަށް އަހަންޖެހެނީ އެ ތުހުމަތުތަކަށް ވަކިވަކީންނެވެ. އަދި ކޮންމެ ތުހުމަތަކަށް ދެ ގަޑިއިރު ބަހުސްކުރަން ދޭންޖެހެ އެވެ. އެ އުސޫލު ބަދަލުކޮށް، ބަހުސްކުރަން ޖުމުލަ ތިން ގަޑިއިރު ދޭން ވަނީ ކަނޑައަޅައިފަ އެވެ.
ގަވާއިދު މިހާރު އޮތް ގޮތުން ބަހުސަށް ފަހު މަޖިލީހުން ނިންމާ ގޮތެއް ކަނޑައެޅުމަށް މެމްބަރުން ބަހުސްކުރަން ބާއްވަންޖެހޭނީ ސިއްރު ޖަލްސާއެކެވެ. ނަމަވެސް ގަވާއިދަށް ގެންނަ ބަދަލުގައި އެކަމެއް ނެތެވެ.
މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި: މިހާރު މަޖިލީހުގައި ތިއްބެވީ ޖުމުލަ 80 މެންބަރުން. -- ފޮޓޯ: މަޖިލީހުގެ އިދާރާ
ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކުރިއިރު، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަޣުލަބިއްޔަތު ގުނުމާ ގުޅޭ ގޮތުން ވެސް ގަވާއިދަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ބަދަލުތަކެއް ގެނައީ، އާ ސަރުކާރާއެކު މަޖިލީހުގެ ހަތް މެންބަރަކު ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށްޓަކައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިތައް ހުސްވުމުންނެވެ.
ގަވާއިދަށް ކޮމިޓީން ގެނައި ބަދަލުގައި ބުނެފައިވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެއްވެސް ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ދާއިރާއަށް އަލުން މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް ޖުމުލަ މެންބަރުން ގުނުމުގައި ގޮނޑި ހުސްވެފައިވާ ދާއިރާއެއް ނުގުނާނެ އެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި ދެން ބަލާނީ 80 މެންބަރުން ތިބި ކަމަށެވެ.
މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަޣުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އަންނާނެ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލުކުރަން ދެން ބޭނުން ވާނީ 54 މެންބަރުންގެ ވޯޓެވެ. ކުރިން ނަމަ 58 މެންބަރުންގެ ވޯޓު ބޭނުން ވާނެ އެވެ.
މަޖިލީހުގެ ގަވާއިދަށް ގެންނަ މި ބަދަލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން ފަސޭހަ ވެގެންދާނެ އެވެ.
ރާއްޖޭގެ ތާރީހުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު މަޖިލީހުން އަޒުލުކޮށްފައެއް ނެތެވެ. ރައީސް ޔާމީންގެ ދެ ނައިބު ރައީސުންކަމުގައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، އަހުމަދު އަދީބު، މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.
75.00%
0.00%
12.50%
12.50%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޝައިނީ
over 1 year ago
އެމްޑީޕީ އިސްވެގެން މަޖްލީހުން ގެންނާން މި ރާވަނީ ކަޅު ބަޢާވާތެކެވެ. އެމްޑީޕީގެ އިތުރުން މި ބަޢާވާތުގައި ބައިވެރިވާ އިސް މޭސްތިރިންނަކީ ، ޔާމީނާއި ، ނަޝީދާއި ޑރ. މުނަވައްވަރެވެ. ފަންޑްކުރަން ހަމަޖެހިފައިވަނީ އިންޑިއާ އިންނެވެ. ރައީސް މުއިއްޒު ސްމާޓިއްޔާ ކުރަންވީ ކަމަކީ މި ކަމުގައި އިސްކޮށް އުޅޭ އެންމެން މިހާރުން މިހާރަށް ހައްޔަރުކޮށް ތަހްގީގުކުރުން. މިހާރު އަންނި ވެސް ހުރީ އަޑިއަޑިން އެމްޑީޕީއާ ބައިވެގެންނެވެ.
އަލީ
over 1 year ago
ރާއްޖޭގައި ސިޔާސީ ފިތުނަ އުފެދެން ދިމާވި އެންމެ ބޮޑު ސަބަބަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަން މަގުމަތިން ވައްޓާލުން. އެކަމުގަ އެންމެ އިސްރޯލު ކުޅުނު މީހުން މިއަދު ވެރިކަމުގަ އެބަތިބި. މިނެދޭ ނާޅިން މިނެދޭށޭ ބުނަނީވެސް ކަމެއް ވެގެން.
މުރޭ
over 1 year ago
ފާސްކުރާ އެއްޗެއް ފާސްކޮށްގެން ދެން އުޅެބަލަ. އެމްޑީޕީ އަކީ މިރާއްޖެ ހަލާކުކުރަން ހަދާފައިވާ އޮގަނައިޒޭޝަނެއް. މި ފަހަރު މި ގަނޑު ގަންނަން އުޅެފި ނަމަ މި ޖަމާއަތް އުވާލަންޖެހޭނެ.
ހަސަދަ
over 1 year ago
މިހާރު މި ފެންނަމުންދަނީ އެމްޑީޕީގެ ސިފަގެއްލި ޑީއާރުޕީގެ ސިފައެވެ. ރައްޔިތުން ބާރެތްދިނީމާ އެބާރު ނުހައްގުން ބޭނުން ކުރުމަކީ ގަބޫލު ކުރެވޭނެ ގޮތެށްނޫނެވެ.
27
over 1 year ago
މިދާވަރުން ވިއްޔާ އެމްޑީޕީން ގާނޫނުތަކަށް ބަދަލުގެނަސްފާނެ ރައީސާ ނައިބުރައީސް ދިރިތިއްބާ ވަޅުލަންވެސް، ވެރިކަން ބަދަލުވީވަ ހަޖަމްނުވިއަސް މީދެން ބޮޑުވަރެއް، ރައިއްޔަތުން ބޭނުންނެތިގެން އެމްޑީޕީ ވެރިކަން މިއަދު ބަދަލުކޮށްފަ މިއޮތީ، ދެން ކޮން ހަސަދައެއް މިބާލަނީ؟؟
Comment