Advertisement

ބްރައިޓަން އާއި ވެސްޓް ހޭމް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް

15 ޑިސެންބަރު 2023 - 05:11 0

ބްރައިޓަންގެ ޖޮއާއޯ ޕެޑްރޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ބްރައިޓަން އާއި ވެސްޓް ހޭމް ޔޫރޮޕާ ލީގުގެ ގަދަ 16 އަށް

15 ޑިސެންބަރު 2023 - 05:11 0

ލަންޑަން (ޑިސެމްބަރު 15) - ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތަކުން ރޭ މޮޅުވެ، ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އާއި ވެސްޓް ހޭމް ޔުނައިޓެޑް ދަތުރުކޮށްފި އެވެ.

މިއީ ބްރައިޓަން އިން ޔޫރަޕްގެ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ޔޫރޮޕާ ލީގުގެ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަށް ގަދަ 16 އިން ފުރުސަތު ލިބޭއިރު، ދެ ވަނަ އަށް ދާ ޓީމަށް ލިބޭނީ ނޮކައުޓް ޕްލޭއޮފްގެ ޖާގަ (ގަދަ 32 ޓީމުގެ ބުރުން ފުރުސަތު) އެކެވެ. ގަދަ 32 ބުރުގައި ކުޅޭ ޓީމުތައް ވާދަކުރަން ޖެހޭނީ ޗެމްޕިއަންސް ލީގުގެ ކޮންމެ ގްރޫޕެއްގެ ތިން ވަނަ ހޯދާ ޓީމަކާ އެވެ. ޔޫރޮޕާ ލީގުގެ ކޮންމެ ގްރޫޕެއްގެ ތިން ވަނަ އަށް ދާ ޓީމެއް ކޮލިފައިވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ ނޮކައުޓް ބުރަށެވެ.

ބްރައިޓަން އިން ވަނީ، ރޭ ޖާއޯ ޕެޑްރޯ މެޗުގެ 88 ވަނަ މިނިޓްގައި ޖެހި ގޯލުން 1-0 އިން ފްރާންސްގެ ގަދަބާރު، މާސޭ ބަލިކޮށް، ގްރޫޕް ބީގެ އެއް ވަނަ ހޯދައިފަ އެވެ. ވެސްޓް ހޭމް އިން ގްރޫޕް އޭގެ އެއް ވަަނަ ހޯދީ ފަހު މެޗުގައި ރޭ ޖަރުމަނުގެ ފްރައިބާގް 2-0 އިން ބަލިކުރުމަށް ފަހު އެވެ. ވެސްޓް ހޭމްގެ ލަނޑުތައް ޖެހީ މުހައްމަދު ކުޑޫސް އާއި ހޫލިއަން އަލްވަރޭޒް އެވެ.

ގްރޫޕް އޭ އިން ވެސްޓް ހޭމް 15 ޕޮއިންޓް ހޯދިއިރު، މި ގްރޫޕުން ދެ ވަނަ ހޯދައި، ނޮކައުޓް ޕްލޭއޮފްގައި ކުޅޭނީ 12 ޕޮއިންޓް ހޯދި ފްރައިބާގް އެވެ. ގްރޫޕްގެ ތިން ވަނަ ހޯދި އޮލިމްޕިއާކޯސް ކުޅޭނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ. ފުލަށް ދިޔަ ސާބިއާގެ ޓީއެސްސީ ވަނީ ކަޓައިފަ އެވެ.

ގްރޫޕް ބީ އަށް ބަލާއިރު، ބްރައިޓަން އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. މާސޭ އަށް ދެ ވަނަ ލިބުނީ 11 ޕޮއިންޓް ހޯދުމުންނެވެ. ތިން ވަނަ މަގާމަށް ދިޔައީ ފަސް ޕޮއިންޓް ހޯދި އަޔަކްސް އެވެ. ފުލަށް ދިޔަ އޭއީކޭ އެތަންސް އަތުން 3-1 އިން ރޭ މޮޅުވި އަޔަކްސް ދެން ކުޅޭނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ.

ގަދަ 16 ޔަގީންކޮށްފައިވާ ލިވަޕޫލް ވަނީ ރޭ ކުޅުނު ގްރޫޕް ފަހު މެޗުން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސް އަތުން 2-1 އިން ބަލިވެފަ އެވެ. ލިވަޕޫލުން މި މެޗުގައި ކުޅެފައިވަނީ ޔޫރަޕް މުބާރާތެެއްގައި އެ ޓީމުގެ ތާރީހުގައި ވެސް ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރަ އެވެ.

ލިވަޕޫލުން، ގްރޫޕް އީގެ އެއް ވަނަ ހޯދީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމީ 11 ޕޮއިންޓް ހޯދި ފްރާންސްގެ ޓުލޫސް އެވެ. އެ ޓީމުން ނޮކައުޓް ޕްލޭއޮފްގައި ކުޅޭނެ އެވެ. ތިން ވަނަ އަށް ދިޔަ ސެއިންޓް ގިލޮއިސް ވާދަކުރާނީ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ. ފުލަށް ދިޔަ އޮސްޓްރިއާގެ ލާސްކް ވަނީ ކަޓައިފަ އެވެ.

ގަދަ 16 ބުރަށް ދިޔަ ޓީމުތައް:

ވެސްޓް ހޭމް، ބްރައިޓަން، ރޭންޖާސް، އެޓަލަންޓާ، ލިވަޕޫލް، ވިޔަރެއާލް، ސްލާވިއާ ޕްރާގް، ބަޔާ ލެވަކޫސަން.

ނޮކައުޓް ޕްލޭއޮފްގައި ކުޅޭނެ ޓީމުތައް:

ފްރައިބާގް، މާސޭ، ސްޕާޓާ ޕްރާގް، ސްޕޯޓިން ސީޕީ، ޓުލޫސް، ރެނެސް، ރޯމާ، ގަރަބަގް.

ޗެމްޕިއަންސް ލީގުން ޔޫރޮޕާ ލީގުގެ ޕްލޭއޮފަށް ކޮލިފައިވި ޓީމުތައް:

ގަލަސަތަރާއި، ލޯންސް، ބްރާގާ، ބެންފީކާ، ފެޔަނޫޑް، އޭސީ މިލާން، ޔަންގް ބޯއީސް، ޝަހުތަރު ޑޮނެސްކް