Advertisement

ނިއުކާސަލް ކަޓައި ޕީއެސްޖީ އަނެއް ބުރަށް، ސިޓީ އަށް ފުރިހަމަ ރެކޯޑެއް

14 ޑިސެންބަރު 2023 - 08:56 0


ނިއުކާސަލް ކަޓައި ޕީއެސްޖީ އަނެއް ބުރަށް، ސިޓީ އަށް ފުރިހަމަ ރެކޯޑެއް

14 ޑިސެންބަރު 2023 - 08:56 0

ލަންޑަން (ޑިސެމްބަރު 14) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭގެ ނަތީޖާތަކަށް ފަހު ނިއުކާސަލް ޔުނައިޓެޑް ކަޓައި، ޕީއެސްޖީން ގަދަ 16 ބުރަށް ދަތުރުކުރިއިރު، ރެޑް ސްޓާ ބެލްގްރޭޑް 3-2 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

ގްރޫޕް އެފްގައި ރޭ ނިއުކާސަލް ދަނޑުގައި އެ ޓީމު ވަނީ އޭސީ މިލާން އަތުން 2-1 އިން ބަލިވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ބޮރޫޝިއާ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ނިއުކާސަލްގެ ޖޮއެލިންޓަން އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، މިލާނުން ފަހަތުން އަރައި މޮޅުވީ ދެ ވަނަ ހާފުގައި ކުރިން ޗެލްސީ އަށް ކުޅުނު، ކްރިސްޓިއަން ޕުލިސިޗް އާއި ސެމިއުލް ޗުކުވޭޒީ ޖެހި ގޯލުތަކުންނެވެ. ޑޯޓްމަންޑުގެ ކަރީމް އަޑިޔޭމީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް ޕީއެސްޖީގެ ޒައިރޭ-އަމޭރީ ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ގްރޫޕް އެއް ވަނަ ދިޔައީ ހަ މެޗުން 11 ޕޮއިންޓް ހޯދި ޑޯޓްމަންޑް އެވެ. ދެ ވަނަ އަށް ދިޔަ ޕީއެސްޖީ އާއި ތިން ވަނައިގައި ނިންމި މިލާނަށް ހަ މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލް ފުލަށް ދިޔައީ ހަ މެޗުން ފަސް ޕޮއިންޓާ އެކު އެވެ.

ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް ސިޓީގެ ގޯލުތައް ޖެހީ އެކެޑަމީން ޕްރޮމޯޓްވެގެން އައި ދެ ކުޅުންތެރިން ކަމަށްވާ މިކާ ހަމިލްޓަން، އޮސްކާ ބޮބް އަދި ޕެނަލްޓީ އަކުން ކަލްވިން ފިލިޕްސް އެވެ. ރެޑްސްޓާގެ ލަނޑުތައް ޖެހީ ހްވާން އިން ބޮއެމް އާއި އަލެކްސަންޑާ ކަޓާއި އެވެ.

މި ގްރޫޕްގެ އަނެއް މެޗުން އާރްބީ ލައިޕްޒިގުން ވަނީ 2-1 އިން ސްވިޒަލެންޑްގެ ޔަންގް ބޯއީސް ބަލިކޮށްފަ އެވެ.

ސިޓީން ހުރިހާ މެޗަކުން މޮޅުވެ، 18 ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ހޯދިއިރު، ލައިޕްޒިގު ދެ ވަނަ ދިޔައީ 12 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަަނައިގައި ނިންމީ ހަތަރު ޕޮއިންޓް ލިބުނު ޔަންގް ބޯއީސް އެވެ. ފުލަށް ދިޔަ ރެޑް ސްޓާ އަށް ލިބުނީ އެއް ޕޮއިންޓެވެ.