Advertisement

ރެއާލަށް ބަދަލުވާން އަވަސްއަރުވާ ނުލާނަން: އަލޮންސޯ

10 ޑިސެންބަރު 2023 - 10:22 0


ރެއާލަށް ބަދަލުވާން އަވަސްއަރުވާ ނުލާނަން: އަލޮންސޯ

10 ޑިސެންބަރު 2023 - 10:22 0

މެޑްރިޑް (ޑިސެމްބަރު 10) - ރެއާލް މެޑްރިޑަށް ބަދަލުވުމަށް އެންމެން ހިޔާލުދިން ނަމަވެސް އެކަންކުރަން އަވަސް އަރުވާ ނުލާނެ ކަމަށް ބަޔާ ލެވަކޫސަންގެ ކޯޗު ސްޕެއިނުގެ ޒަބީ އަލޮންސޯ ބުނެފި އެވެ.

އަލޮންސޯ އަކީ 2009 އިން 2014 އާ ހަމައަށް ރެއާލް އަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާގެ ކޯޗިން ކެރިއަރު ފެށީވެސް ރެއާލް މެޑްރިޑްގެ ޔޫތު ޓީމުންނެވެ. އޭގެ ފަހުން ރެއާލް ސޮއިއެޑާޑުގެ ޔޫތު ޓީމަށް އިރުޝާދު ދިނުމަށްފަހު މި ސީޒަންގައި އޭނާ ހަވާލުވެގެންހުރީ ޖަރުމަން ލީގުގެ ބަޔާ ލެވަކޫސެން އަށެވެ.

ބަޔާ ލެވަކޫސަންއާ އެކު ސީޒަންގެ ފެށުން ކާމިޔާބުކޮށް ފެންނައިރު، އޭނާ ހޯދުމަށް ސްޕެއިންގެ ރެއާލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ވަގުތު ރެއާލްގައި ހުރި ކޯޗު ކާލޯ އޮންޗެލޮޓީގެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ރެއާލް އިން އަލޮންސޯއާ އެކު އެއްބަސްވުމަކަށް އަންނަން ބޭނުންވެ އެވެ.

ރެއާލްއާ އެކު އަންޗެލޮޓީ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވުމަށް އޮންޗެލޮޓީ ވަނީ ނިންމާފަ އެވެ. އަނެއްކޮޅުން، އޮންޗެލޮޓީގެ ކޮންޓްރެކްޓް އާކުރަންވެސް ރެއާލްއިން ބޭނުންވެ އެވެ.

އަލޮންސޯ އަންނަނީ މި ސީޒަންގައި ލެވަކޫސަންއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިގޮތުން ޔޫރަޕްގެ ލީގުތަކަށް ބަލާއިރު މިހާތަނަށް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަކީވެސް ޖަރުމަން ލީގުގެ އެއް ވަނައިގައި އޮތް ލެވަކޫސެން އެވެ.

ރެއާލް އަށް ދިޔުމާ ގުޅޭގޮތުން އަލޮންސޯ ބުނީ އޭނާގެ އެކުވެރިން އެ ކުލަބަށް ބަދަލުވުމަށް ހިޔާލުދިން ނަމަވެސް އެކަން ކުރުމަށް އަވަސްއަރުވާ ނުލާނެ ކަމަށެވެ. ރެއާލް ކަހަލަ ކުލަބަކާ ހަވާލުވާނީ އެ ކަމަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފަ އެވެ.