Advertisement

"ބަނޑުފިލާ ޗެލެންޖު 2023" މި މަހުގެ 18 ވަނަ ދުވަހު ފަށަނީ

9 ޑިސެންބަރު 2023 - 13:20 0

2022 ވަނަ އަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ޗެމްޕިއަންކަން ހޯދުމަށްފަހު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ބަނޑުފިލާ ޗެލެންޖު 2023" މި މަހުގެ 18 ވަނަ ދުވަހު ފަށަނީ

9 ޑިސެންބަރު 2023 - 13:20 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު 2023 މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 18-20 އަށް ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ މުބާރާތުގައި މި އަހަރު ފަސް ޑިވިޝަނެއް ކުރިއަށްދާނެ އެވެ. އެއީ މެންސް އޯޕަން، ޖޫނިއާ ފިރިހެން، ޑްރޮޕް ނީ ބައިގެ އިތުރުން މިދިޔަ އަހަރު އަލަށް ތައާރަފްކުރި މާސްޓާސް ބަޔާއި، އަންހެން އޯޕަން ބަޔެވެ.

ބަނޑުފިލާ ޗެލެންޖާ އެކު މިއަހަރުގެ ގައުމީ ބޮޑީބޯޑިން ލީގު ނިމޭއިރު، ޖޫނިއާ ފިރިހެން އަދި ފިރިހެން އޯޕަން ލީގު ޗެމްޕިއަންވެސް ހޮވާނެ އެވެ. މިދިޔަ އަހަރު ޖޫނިއާ ބައި ކާމިޔާބުކުރީ އާމިން އުމަރު މޫސާ އެވެ. ފިރިހެން ބައިގެ ޗެމްޕިއަނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ގައުމީ ބޮޑީބޯޑިން ލީގުގައި މި އަހަރު ހަތަރު މުބާރާތް ހިމެނި އެވެ. ނަމަވެސް މާލީގޮތުން ދިމާވި ގޮންޖެހުންތަކާއި، މުބާރާތްތައް ބާއްވަން ލިބުނު ވަގުތަށް ބަލާއިރު ހަތަރު މުބާރާތުގެ ދެ މުބާރާތް ޖެހުނީ ކެންސަލް ކުރާށެވެ.

މި އަހަރުގެ ޖޫން 17-23 އަށް ކުރިއަށްގެންދިޔަ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖަށް ފަހު މިއަހަރު ބާއްވަން ރޭވި ރަންދާ ބޮޑީބޯޑިން ޗެލެންޖާއި، ފުވައްމުލައް ބޮޑީބޯޑިން ޗެލެންޖު ޖެހުނީ ކެންސަލް ކުރާށެވެ.

އަހަރުގެ ފަހު މުބާރާތްކަމަށްވާ ބަނޑުފިލާ ޗެލެންޖު އެންމެ ބޮޑަށް ހާއްސަވާ ސަބަބަކީ މި މުބާރާތުގެ ނަތީޖާތަކަށް ބެލުމަށްފަހު އަންނަ އަހަރުގެ ބޮޑީބޯޑިން ގައުމީ ޓީމު އެކުލަވާލުމެވެ. އަނެއްކޮޅުން، މި އަހަރުގެ މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ސެޓްފިކެޓް ލިބިފައިވާ ދިވެހި ޖަޖުންނެވެ.

މިދިޔަ އަހަރުގެ ބަނޑުފިލާ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ. އައްޔަ ވަނީ ފައިނަލުގައި އަހުމަދު ނަޒްމީން ބަލިކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖޫނިއާ ބައިގެ ފައިނަލުގައި މުހައްމަދު ޖަރީޝް ޖިހާދު ބަލިކޮށް ޗެމްޕިއަންކަން ހޯދީ އާމިން އެވެ.