Advertisement

މާޗުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި

8 ޑިސެންބަރު 2023 - 22:17 0

ނިމާ ހަސަން

ނިމާ ހަސަން

ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ފިޔާތަކެއް; އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި -- ފައިލް ފޮޓޯ: އަދަދު


މާޗުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި

8 ޑިސެންބަރު 2023 - 22:17 0

އަންނަ އަހަރު އޮންނަ އިންޑިއާގެ ލޮކް ސަބާ އިންތިހާބާ ދިމާކޮށް އިންފްލޭޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ އަހަރުގެ މާޗް މަހާ ހަމައަށް އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރަނީ އިންޑިއާ އިންނެވެ.

އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި, މިއަދުން ފެށިގެން އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން މަނާކަން އެ ގައުމުގެ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ އިއުލާނުކޮށްފަ އެވެ.

އެ އިއުލާނުގައިވާ ގޮތުން މިއަދުން ފެށިގެން އިންޑިއާއިން ފިޔާ ބޭރު ކުރެވޭނީ ތިން ހާލަތެއްގަ އެވެ. އެގޮތުން އެކްސްޕޯޓުކުރުން މަނާ ކުރުމުގެ އިއުލާނު ނެރުމުގެ ކުރިން ލޯޑު ކޮށްފައިވާ ފިޔާ ކޮންސައިންމަންޓްތައް އެކްސްޕޯޓު ކުރެވޭނެ އެވެ. އަދި ޝިޕިން ބިލް ހުށަހަޅައި، ފިޔާ ލޯޑްކުރުމަށް އިންޑިއާގެ ބަނދަރުތަކަށް ކުރިން ބަނދަރުކޮށްފައި އުޅަނދުތަކުގެ ރޮޓޭޝަން ނަންބަރު, އިއުލާން ނެރުމުގެ ކުރިން ކަނޑަ އަޅާފައިވާ ނަމަ އެކަން ކަމާ ބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށްފަހު ފިޔާ އެކްސްޕޯޓު ކުރެވޭނެ އެވެ.

ފިޔާ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދޭ ތިން ވަނަ ހާލަތަކީ އިއުލާން ނެރުމުގެ ކުރިން ފިޔާ ކޮންސައިންމަންޓްތައް ކަސްޓަމްސްއާ ހަވާލުކޮށް, ސިސްޓަމުގައި ރަޖިސްޓްރީ ކޮށްފައިވުމެވެ. މި ހާލަތުގައި ވެސް ހުއްދަ ދެވޭނީ މުދާ ކަސްޓަމްސް ސްޓޭޝަނަށް ވަން ތާރީހައި ގަޑި އެނގޭނެ ހެއްކާއެކު އެވެ.

އެ އިއުލާނުގައިވާ ގޮތުގައި މި ތިން ހާލަތުގައި ވެސް ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެވޭނީ ޖެނުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހެން ނަމަވެސް, އެހެން ގައުމުތަކުގެ ސަރުކާރުން, އިންޑިއާ ސަރުކާރުގައި ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އިންޑިއާ އިން ވަނީ ހަނޑުލާއި ބާސްމަތީ ނޫން ހުދު ބަތް އެކްސްޕޯޓް ކުރުން ވެސް މަނާކޮށްފަ އެވެ.