Advertisement

ވިނީޝިއުސްއާ ދިމާކޮށްލި އެތުލެޓިކޯގެ ސަޕޯޓަރުންނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް!

7 ޑިސެންބަރު 2023 - 09:10 0


ވިނީޝިއުސްއާ ދިމާކޮށްލި އެތުލެޓިކޯގެ ސަޕޯޓަރުންނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް!

7 ޑިސެންބަރު 2023 - 09:10 0

މެޑްރިޑް (ޑިސެމްބަރު 7) - ރެއާލް މެޑްރިޑްގެ ބްރެޒިލް ވިންގް، ވިނީޝިއުސް ޖޫނިއާއާ ދިމާކޮށްލި އެތުލެޓިކޯ މެޑްރިޑްގެ ހަތަރު ސަޕޯޓަރަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ދިނުމަށް ސްޕެއިނުގެ ޕްރޮސެކިއުޓަރުން ޑިމާންޑްކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު، ރެއާލް މެޑްރިޑްގެ ޓްރެއިނިން ދަނޑުކައިރީގައި ހުންނަ ބްރިޖެއް ކައިރީގައި ވިނީޝިއުސްގެ ޖޯޒީ ލައްވާފައިވާ މީހެއް ދަންޖައްސާ މަންޒަރު ދައްކުވައިދޭ ހަރަކާތެއް އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެއީ ރެއާލާއި އެތުލެޓިކޯ ކުޅުނު މެޗެއްގެ ކުރިންނެވެ. ވިނީޝިއުސް ޖޯޒީގައި ހުރި މީހެއް ދަންޖައްސާ ހަރަކާތަށް ފަހު، ދެން ދައްކާލާފައިވަނީ ބެނާ އެކެވެ. އެ ބެނާގައި ޖަހާފައިވަނީ "މެޑްރިޑް ހޭޓްސް ރެއާލް" މިހެނެވެ.

މި ކަމުގައި ހަރަކާތްތެރިވި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ.

މިދިޔަ އަންގާރަ ދުވަހު ސްޕެއިނުގެ ޕްރޮސެކިއުޓަރުން ވަނީ މި މައްސަލައިގައި މި ހަތަރު މީހުންނަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.

އެތުލެޓިކޯގެ އަލްޓްރާ ސަޕޯޓަރުންގެ ގްރޫޕް، ފްރޭންޓޭ އެތުލެޓިކޯ އަށް ނިސްބަތްވާ ހަތަރު މީހުންނާ ދެކޮޅަށް، ހޭޓްސް ސްޕީޗް ފެތުރުމުގެ ދައުވާ އުފުލައި، މި މައްސަލަ އަވަހަށް ނިންމަން ސްޕެއިނުގެ ޕްރޮސެކިއުޓަރުން އެދިފައިވެ އެެވެ.

ކަޅު ނަސްލުގެ މީހެއް ކަމަށްވާތީ، ސްޕެއިނުގައި ވިނީޝިއުސް އަށް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ނަސްލީ ތަފާތު ކުރުމުގެ ކަންކަމާ ކުރިމަތިލާން ޖެހިފަ އެވެ.

އެ ގޮތުން، މިދިޔަ މެއި މަހު ވެލެންސިއާގެ މެސްޓެއްޔާ ސްޓޭޑިއަމްގައި ކުޅުނު މެޗެއްގެ ތެރެއިން ވިނީޝިއުސްއާ ތަކުރާރުކޮށް ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަ އަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ.

ވިނީޝިއުސްއާ ދިމާކުރިކަން ވީޑިއޯތަކުން ފެންނަ ހަތް މީހަކު އެ މައްސަލައިގައި ހައްޔަރުކުރި އެވެ. އަދި ވެލެންސިއާ އިން ވަނީ އެ މައްސަލައިގައި ވިނީޝިއުސް ކިބައިން މާފަށް އެދިފަ އެވެ.

ވެލެންސިއާ މެޗުގެ އެ މައްސަލައިގެ ތަހުގީގު ވެސް މިހާރު އަންނަނީ ކުރިއަށްދަމުންނެވެ. އަނިޔާގައި މި ވަގުތު ހުރި ވިނީޝިއުސް ވަނީ މިދިޔަ އޮކްޓޫބަރު މަހު، އެ މައްސަލައިގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުވެފަ އެވެ.