Advertisement

ޑިމޮކްރެޓްސްގެ އިންތިހާބުގައި މެމްބަރުން ތިބި ވަރަށް ވުރެ ވޯޓު ގިނަވުމުން ނަތީޖާތަކެއް ބާތިލުކޮށްފި

6 ޑިސެންބަރު 2023 - 18:13 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މީޑިއާއާ ވާހަކަަދައްކަވަނީ. އޭނާ ވިދާޅުވީ އެޕާޓީގެ އިންތިހާބުގެ ބައެއް ނަތީޖާ ބާތިލުކޮށްފައިވާ ކަމަށް. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޑިމޮކްރެޓްސްގެ އިންތިހާބުގައި މެމްބަރުން ތިބި ވަރަށް ވުރެ ވޯޓު ގިނަވުމުން ނަތީޖާތަކެއް ބާތިލުކޮށްފި

6 ޑިސެންބަރު 2023 - 18:13 0

ދަ ޑިމޮކްރެޓްސް ޕާޓީއިން ބޭއްވި ފުރަތަމަ އެތެރޭގެ އިންތިހާބުގެ ބައެއް ވޯޓު ފޮށި ތަކަށް ވޯޓުލީ މީހުންގެ އަދަދު، އެ ދާއިރާތަކުގައި ތިބި މެމްބަރުންގެ އަދަދަށް ވުރެ އިތުރުވުމުން ނަތީޖާ ބާތިލުކޮށް، އަލުން ވޯޓުލާން ނިންމައިފި އެވެ.

ޕާޓީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވީ ބާތިލް ކުރުމަށް ނިންމީ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރު ހޮވަން ވޯޓުލީ ފޮށިތަކުގެ ނަތީޖާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެކަން އެގޮތަށް ދިމާވީ އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ބޭފުޅުންނަށް ހެދިފައިވާ ގޯހަކުން ކަމަށެވެ. އެ ގޯހަކީ އޭނާ ވިދާޅުވި ގޮތުގައި ބައެއް ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓުކަރުދާސް ދޫކުރެވިފައި ވުމެވެ.

"ޒުވާނުން ތިބި އަދަދަށްވުރެ ގިނައިން ކަރުދާސް ފޮނުވިފައި އެބަ ހުރި، ކޮންމެ މެމްބަރަކަށް މަދުވެގެން 3 ވޯޓު ކަރުދާސް އެބަ ދެވޭ، ޖުމްލަ 10 ކަރުދާސް ބައެއް މީހުންނަށް ދެވޭ، އެއީ ޕާޓީގެ އެކި ގޮފިތަކަށާއި ދާއިރާތަކަށް މީހުން ހޮވުމަށް ވަކި ކަރުދާސް ކޮޅުތައް، ވޯޓު ކަރުދާސް ދޫކުރުމުގައި އޮޅުން ތަކެއް އަރާފައިވޭ،" އާޒިމް ވިދާޅުވި އެވެ.

ޒުވާނުންގެ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓު ބާތިލް ކޮށްފައިވާ ރަށްތަކަކީ

  • ބ. ދަރަވަންދޫ، ފެހެންދޫ، ގޮއިދޫ، ކުޑަރިކިލު
  • ގދ. ގައްދޫ،
  • ހއ. ހޯރަފުށި،
  • ހދ. ނޭކުރަންދޫ
  • ރ. އަލިފުށި
  • ށ. މާއުނގޫދޫ
  • ތ. ކިނބިދޫ
  • ހދ.ނޮޅިވަރަމް
  • ނ.މިލަދޫ
  • ބ.މާޅޮސް

މައްސަލަ އުޅޭތީ ނ.އަތޮޅުގެ ރައީސް ހޮވުމަށް ވެސް އަލުން ވޯޓު ލާން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޕާޓީގެ ޒުވާނުންގެ ލީޑަރު ކަމަށް ވާދަ ކުރެއްވީ މުހައްމަދު މާޝިހު އަދި ޔޫސުފް ޝާހު އެވެ.

ޕާޓީގެ ލީޑަރުކަމަށް އިންތިހާބުވި ހަސަން ލަތީފަށް ލިބިވަޑައިގަތީ 1807 ވޯޓެވެ. ދެން ލީޑަރު ކަމަށް ވާދަ ކުރެއްވި ހުސެއިން އަމްރުއަށް ލިބިވަޑައިގަތީ 1484 ވޯޓެވެ. 25 ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ އިންތިހާބުގެ ނަތީޖާ ހާމަ ކުރީ ވޯޓު ލީތާ އެއް ދުވަސް ފަހުންނެވެ. އެކަމުގެ ސަބަބުން ޕާޓީގެ އާންމު މެމްބަރުން ވެސް ނުރުހުން ފާޅު ކޮށްފައިވެ އެވެ. ޑިމޮކްރަޓްސްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 5،835 މެމްބަރުންނަށެވެ.