Advertisement

އެމްޑީޕީއާއި ޖޭޕީ އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ފެށިގެން ކުރިއަށްދަނީ

6 ޑިސެންބަރު 2023 - 16:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް : އެމްޑީޕީ އަދި ޖޭޕީ އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ފެށިގެން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީއާއި ޖޭޕީ އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ފެށިގެން ކުރިއަށްދަނީ

6 ޑިސެންބަރު 2023 - 16:20 0

އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ (ޖޭޕީ) އިން ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރަން ބާއްވާ މަޝްވަރާ ބައްދަލުވުމެއް މިހާރު ފެށިގެން ކުރިއަށްދާކަން އިނގިއްޖެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުންތައް މިވަގުތު ކުރިއަށްދަނީ ގ. ނިއުޝާ ގައި ހުންނަ އެމްޑީޕީގެ މައި އޮފީހުގަ އެވެ.

އެ ޕާޓީގެ ޗެއާޕާސަން ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ މި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

އެ ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވާ އިސް އޮފިޝަލުންގެ ޓީމުގެ ތަފުސީލެއް އަދި ލިބިފައެއް ނުވެ އެވެ. އެ ޕާޓީގެ ޓީމެއް ވަނީ މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއާ އެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލިސް އިންތިހާބަށް ކޯލިޝަން ހެދުމަށް ބޭނުންވާ ކަމަށް ބުނެ ޖޭޕީއިން ވަނީ ނޮވެމްބަރު 27، ގައި އެމްޑީޕީއަށް ސިޓީއެއް ފޮނުވާފަ އެވެ. ބެލެވޭ ގޮތުގައި މިއަދު ކުރިއަށްދާނީ އެ މަޝްވަރާތަކެވެ.

ޖުމްހޫރީ ޕާޓީއަކީ އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެކެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރީ ވަކިންނެވެ.

މިހާރު މަޖިލީހުގައި ތިއްބެވީ ޖޭޕީގެ ދެ މެންބަރެކެވެ. ނަވާރަވަނަ މަޖިލީހަށް ޖޭޕީގެ ޓިކެޓުގައި ފަސް މެންބަރަކު އިންތިހާބުވެފައިވެ އެވެ. އެމްޑީޕީގެ 55 މެންބަރުން ތިބި އިރު، މަޖިލީހަށް އެމްޑީޕީގެ 65 މެންބަރުން އިންތިހާބުވި އެވެ. ކުރިން، 2019، ގެ މަޖިލިސް އިންތިހާބުގައި ދެ ޕާޓީން ނުކުތީ ވަކިންނެވެ.