Advertisement

ލޯ އަނދިރިމީހާ ލޮލަށް ފެންނާން ފެށުމުން ފުރަތަމަ އެއްލާލާނީ އަސާގަނޑެވެ.

7 ޑިސެންބަރު 2023 - 08:03 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ލޯ އަނދިރިމީހާ ލޮލަށް ފެންނާން ފެށުމުން ފުރަތަމަ އެއްލާލާނީ އަސާގަނޑެވެ.

7 ޑިސެންބަރު 2023 - 08:03 2

"އިހުސާންތެރިކަމުގެ ބަދަލަކީ އިހުސާންތެރިކަން ނޫން ކޮންއެއްޗެއް ހެއްޔެވެ؟"

މިއީ މާތްﷲ ގެ ހެޔޮ އަޅުތަކުންނަށް އެބައިމީހުންގެ ހެޔޮކަމުގެ ބަދަލު ހެޔޮ ޖަޒާއިން ދެއްވާނޭ ކަމަށް އެކަލާނގެ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގައި ވެވޮޑިގަންނަވާފައިވާ ވައުދުފުޅެވެ. އެކަލާނގެ ވައުދުފުޅު ފުއްދަވާނޭކަމާމެދު އަހަރުމެން މުސްލިމުންގެ ހިތަކު ޝައްކެއް ނެތެވެ.

އަހަރުމެންގެ ތެރެއިން ބަޔަކު ދެކި ތިބެނީ، މިއީ ދުނިޔޭގައިވެސް ކަންހިނގާނޭ އަދި ހިނގާންވާނޭ ވެސް މަގު ކަމުގަ އެވެ. އިންސާނުންނަށް ވީތީ އިންސާނީ ޖަޒުބާތުތަކުން ބަރީއަވެގެންވާ އެކަކުވެސް އަހަރުމެންގެ ތެރެއަކު ނުވެ އެވެ. އަހަރުމެންގެ ތެރެއިން އެކަކު އަނެކަކަށް މަދަދުދީ އެހީތެރިވެދޭ ކޮންމެ ހިނދުކޮޅަކީ އެ ހެޔޮކަމުގެ ބަދަލު ހެޔޮކަމަކުން ރައްދުކުރެވޭނޭ ކަމުގެ އުއްމީދު، ފަނޑު ގޮތަކަށް ނަމަވެސް ހިތުގައި ހިނގާނޭ ހިނދުކޮޅެކެވެ. ކޮށްދެވުނު ހެޔޮކަމާ އެއްވަރުގެ ބަދަލެއް ނުލިބިދާނޭ ނަމަ ހެޔޮ ބަހަކަށް ނުވަތަ ދުއާއަކަށް އުއްމީދު ކުރެވޭނެ އެވެ.

ދުނިޔޭގެ މި ވަގުތީ ފާލަން އަބަދުމެ ތަކުރާރު ކުރަނީ އެއް މަންޒަރަކެވެ. އިއާދަކޮށް ދައްކައި ދައުރު ކުރަނީ އެއް ހާދިސާތަކެކެވެ. އެކަމުގައި މުޖުތަމައުގެ ވަކި ގިންތިއެއް އިސްތިސްނާއެއް ނުކުރެވެ އެވެ. ހުރިހައި ފަންތިއަކާއި ހުރިހައި ގިންތިއެއް ޝާމިލުވާހެން ކުރަނީ އެއް ތަޖުރިބާއެކެވެ. މީސްތަކުންގެ ތެރެއިން ވަކި އެވެނި މިވެނި މީހާގެ ހިތްދަތިކަން ހާއްސައެއް ނޫނެވެ. އެންމެންގެ ދިރިއުޅުމުގެ ވާހަކައަކީ އެއް ފޮތެއްގެ ނަކަލެކެވެ.

ލޯ އަނދިރި މީހާ އޭނާ ހިނގާބިނގާވެ އުޅުމުގައި އެހީތެރިކަމަށް ބޭނުންކުރާ އަސާގަނޑަށް ބަލާށެވެ. އެއީ އޭނާގެ ނުފެންނަ ދެލޮލަށް މަގު ދައްކާ އާރުކާޓީ އެވެ. ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އެޅުމަށް ނުވަތަ ނުއެޅުމަށް އޭނާގެ ސިކުނޑިން ނިންމާ ނިންމުމުގައި ބަރޯސާ ވަނީ އޭނާގެ އަތުން ކުރިއަށް ދިއްކޮށްގެން ހުރި އަސާ ބުނެދޭ ބުނެދިނުމަށެވެ. އޭނާގެ ޖިސްމު ކުރިއަށް ހިންގުމަށް ކުރިމަތިވެދާނޭ ކޮންމެ ހުރަހަކާ އޭނާއާ ސައުވީސް އަނގުލުގެ ފަރަގެއް ގެނެސް، ދުރާލާ އިންޒާރުދޭ ނިޒާމަކީ އޭނާގެ އަސާ އެވެ.

އެކަން އެހެން އޮތްހައި ދުވަހަކު އޭނާގެ އައްޒާތީކަމާއި ފާޑުބޮޑުކަން ދޫކޮށް، ހުރިހައި ނިންމުމެއްގައި މުތުލަގަށް ބަރޯސާ ވަނީ އޭނާގެ އަސާ އަށެވެ. އެގޮތުގައި އުމުރުގެ ބޮޑުބައި ވެއަތުކުރާ ފަހުން އޭނާގެ ލޮލުގެ ފެނުން އަނބުރާ ލިބެ އެވެ. އެހިސާބުން އޭނާ ގެންގުޅު އަސާކޮޅަކީ އަސާގަނޑަކަށް ވެދެ އެވެ. އޭނާގެ ފުރަތަމަ ނިންމުމަކަށް ވަނީ އަސާގަނޑު އެއްލާލުމެވެ.

އެއް ވިސްނުމުން ވިސްނާއިރު އެހެން ނުހަދާންވީ ސަބަބެއް ވެސް ނެތެވެ. ހުރިހައި ހިއްސެއް ސަލާމަތުން ހުރި އިންސާނަކަށް އޭނާގެ އާންމު ދިރިއުޅުން އުޅުމަށް އަސާއެއްގެ ބޭނުމެއް ނުޖެހޭނެ އެވެ. ފުރިހަމަ ހާލުގައި ހުރެ އަސައަކަށް ބަރޯސާވެގެން އުޅޭން ދިމާކުރާނީ އަދިވެސް ކުޅަނދެއް މަދުވީމާ ތޯއްޗެކެވެ.

އެހެންނަމަވެސް ދިރިއުޅުމުގެ މަދަދުގާރެއް ކަމުގައިވީ އަސާގެ ޝިކާޔަތާއި އާދޭހަކީ، މިހާރު ޒަރޫރަތު ފިލައި ގޮސްފައި ވީ ނަމަވެސް، ކޮށްދެވިފައި ހުރި ހެޔޮކަމުގެ ޝުކުރެއްގެ ގޮތުން ކަމަށް ދެކިގެން ނަމަވެސް ރައްކާތެރިކަމާއެކު ބާއްވައި ދިނުމެވެ. އެ އަސާގެ ބޭނުން ހިފާންޖެހިއްޖެ ހިނދެއްގައި އަދިވެސް ހިދުމަތުގައި ދެމި އޮންނާނޭކަމަށް ދެކި ހުރުމަތާއި ޝުކުރުގެ ނަޒަރަކުން ބެލުމެވެ. މި ހިނދަށް ބޭނުންކެނޑިފައި އޮތް އިހަށް ހިދުމަތްތެރި 'އަސާގަނޑަށް' އެ މިންވަރު ފުދި އިތުރުވެ އެވެ.

ހެޔޮބަހާއި ހެޔޮ ނަސޭހަތަށް އަހަރުމެން އެންމެންގެ ކަންފަތާއި ދޫ ފަރިތަ އެވެ. އަހަރެންނަށާއި ތިބާއަށް ނުކުރެވޭ ކަމަކީ އެ ބަސްތަކުގެ މައްޗަށް އަމަލުކުރުމެވެ. ހަނދާން ނައްތައި ނުލާށެވެ. ކާމިޔާބުގެ ސިޑިން އަރަމުން ދިޔައިރު އެހީތެރިވެދިން އެ 'އަސާގަނޑު' ގެ މައްޗަށް ތިބާގެ ދަރަންޏެއް އެބަ އޮތެވެ. އެ ދަރަންޏަކީ ކެނޑިގެން ދާނޭ ދަރަންޏެއް ނޫނެވެ.