Advertisement

ވިނަރެސް ފްލެޓުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ނިންމައިފި

5 ޑިސެންބަރު 2023 - 17:51 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ވިނަރެސް ފްލެޓު - އަބްދުﷲ އިޔާން / އަދަދު


ވިނަރެސް ފްލެޓުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ނިންމައިފި

5 ޑިސެންބަރު 2023 - 17:51 1

ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމަންޓުން 50 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ވިނަރެސް ފްލެޓުގެ މަހު ކުލިން އެވްރެޖުކޮށް 4200ރ. ކުޑަ ކުރަން ނިންމާފައިވާ ކަމަށް ރައީސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ ވިނަރެސް ފްލެޓުގެ ކުލި ކުޑަ ކުރުމަށް ފޯމިޔުލާއެއް ހަދާފައިވާ ކަމަށެވެ.

" އެކި ފަރާތްތަކުން އެކި ވަރަށް ކުލި ދައްކަނީ، އެ ދައްކާ އެއްޗަކުން އެވްރެޖްކޮށް 4200 ރުފިޔާ އުނިކުރުމަށް މިހާރު ވަނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ވިނަރެސް ފުލެޓުތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ނުވިކި ބާކީ ހުރި 123 ފުލެޓު ވިއްކަން އާބަންކޯއިން ހުޅުވާލީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އެ ފްލެޓްތައް ވިއްކާލަން ހުޅުވާލިތާ އެއް ގަޑިއިރު ނުވަނީސް ހުރިހާ ފްލެޓްތަކެއް ވިކިފައިވާ ކަމަށް އާބަންކޯ އިން ބުނެފައިވެ އެވެ.

އެކި ސަބަބުތަކާ ހެދި ނުވިކި ހުރި ވިނަރެސް ފްލެޓްތައް ވިއްކަން ހުޅުވާލީ ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަ ކުރުމަށްފަހު އެވެ. ކުރިން އިންޓްރެސްޓް ރޭޓަކީ ނުވަ ޕަސަންޓެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. ނުވިކުރި ފްލެޓުތައް ވިއްކުމަށް ހުޅުވާލީ 2.5 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ބޭނުންވާ ނަމަ ޑައުޕޭމެންޓު ދެއްކުމަށް ފަހު 20 އަހަރަށް ނުވަތަ 25 އަހަރުން ފައިސާ ދައްކައި ހަލާސްކުރެވެ އެވެ. ފަންސަވީސް އަހަރުން ފައިސާ ދައްކާނަމަ މަހަކު ދައްކަން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮތީ 16،000ރ އާއި 20،000ރ. ދެމެދުގެ އަދަދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި، ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.