27 ނޮވެންބަރު 2023 - 12:43 2
މިންހާ އަބްދުﷲ
ޓެރަރިޒްމްގެ ހަމަލާއަކާ ގުޅިގެން ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު
27 ނޮވެންބަރު 2023 - 12:43 2
އެމެރިކާއިން އެކުލަވާލީ ޓެރަރިޒްމް ލިސްޓުގައި 20 ދިވެއްސެއްގެ ނަން އޮތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފި އެވެ.
އެމްއެންޕީ އަދި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހުށަހެޅުއްވި ގަރާރުގައި އެމެރިކާ ސަރުކާރުން 31 ޖުލައި، 2023 ގައި ކުރި އިއުލާނުގައި ބައިނަލްއަގްވާމީ ޓެރަރިޒަމްގައި އަމަލީގޮތުން 20 ދިވެއްސަކު ބައިވެރިވާކަން ހާމަކޮށްފައި ވާތީ އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު މަޖިލީހުން ދެނެގަތުމަށް ގޮވާލާފައިވެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫއެސް ޑިޕާޓްމަންޓް އޮފް ދަ ޓްރެޝަރީއިން ޓެރަރިޒަމްގައި ބައިވެރިވާކަމަށް 20 ދިވެއްސެއްގެ ނަމާއި އެ މީހުންނާ ގުޅުން 29 ވިޔަފާރިއެއްގެ ނަން ހާމަކޮށްފައިވެ އެވެ. އަދި އެމީހުންނަށް ނިސްބަތްވާ މުދަލާއި ތަކެތި ބްލޮކްކޮށް، އެ މީހުންނާއެކު މުއާމަލާތް ކުރާ މީހަކާ މެދުވެސް އެމެރިކާ ސަރުކާރުން ފިޔަވަޅު އަޅާނެކަން ހާމަކޮށްފައިވެ އެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި ދިވެހީންނަށް އަދި އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމަށް ނެދެވޭ އަސަރު ކުރާނެ ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ދިރާސާކޮށް ބެލުމަށް ފަހު، އޭގެ އަސަރު ކުޑަވާނެ ގޮތަކަށް އަވަސް ފިޔަވަޅު އެޅުމަށް، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރުމަށް ގަރާރުގައިވެ އެވެ.
އޭގެ އިތުރުން، އެމެރިކާގެ ބަޔާން ނެރުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޕާލިމަންޓްރީ އިންކުއަރީ އިންވެސް ޓެރަރިޒަމްގެ ބިރުވެރިކަން އޮތް މިންވަރު ވަޒަން ކޮށްފައިވާކަން ނާޒިމް ހުށަހެޅުއްވި ގަރާރުގައިވެ އެވެ.
އެ އިންކުއަރީއިން ފާހަގަވި ކަންކަމަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާއިރު، އެ ރިކޮކޮމެންޑޭޝަންތަކަށް އަމަލު ކޮށްފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
މިއީ ބޭރުގެ ސަރުކާރަކުން ދިވެހިންގެ ތެރެއިން ބަޔަކާ މެދު މިފަދަ ނިންމުމެއް ރަސްމީކޮށް ނިންމި ފުރަތަމަ ފަހަރުކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން، މިކަމުގެ ސަބަބުން ރާއްޖޭގެ ނަމަށާއި އިގްތިސާދަށް އަތުވެދާނެ ކިލަނބުކަން ބަލާ އެއިން މިންޖުވުމުގެ ފިޔަވަޅު އެޅުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ. އަދި މިކަމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހުން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment