Advertisement

ގާނާޗޯގެ އާދަޔާހިލާފު ގޯލަށް ތައުރީފު އޮހެނީ

27 ނޮވެންބަރު 2023 - 11:30 0

ގާނާޗޯ ރޭގެ މެޗުގައި ގޯލަށް ބޯޅަ ފޮނުވާލަނީ.---


ގާނާޗޯގެ އާދަޔާހިލާފު ގޯލަށް ތައުރީފު އޮހެނީ

27 ނޮވެންބަރު 2023 - 11:30 0

ލިވަޕޫލް (ނޮވެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗުގައި އެ ޓީމުގެ އަލެހަންދްރޯ ގާނާޗޯ ޖެހި އާދަޔާހިލާފު މޮޅު ގޯލަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި، ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ ނަގައިދިން ހުރަހަކުން، ގާނާޗޯ ޖެހި އޯވަހެޑް ކިކް އަމާޒުވީ، އެވަޓަން ކީޕަރު، ޖޯޑަން ޕިކްފޯޑް އަތްމަތިން ގޯލުގެ މަތީ ކަނަށެވެ.

"އެ ގޯލަަކީ (ގާނާޗޯގެ ގޯލަކީ) މިހާރު ވެސް މި ސީޒަނުގައި ފެނުނު އެންމެ މޮޅު ގޯލު،" ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުންޏެވެ.

އެވަޓަންގެ ކޯޗު، ޝޯން ޑައިޝް ބުނީ، "މިއީ ފުޓްބޯޅައިގައި އަހަންނަށް ހަމަލޮލުން ބަލާލަން ލިބުނު އެންމެ މޮޅު ގޯލު" ކަމަށެވެ.

މޮޅު ގޯލާ ބެހޭގޮތުން، ގަނާޗޯ ބުނީ، ބޯޅަ އައި ވަގުތު ބައިސްކަލް ކިކަކުން ފޮނުވާލީ ކަމަށެވެ. އެ ބޯޅަ ގޯލަށް ވަންކަން އެނގުނީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަން ފެނުމުން ކަމަށާއި ގޯލެއް ކަން ގަބޫލުކުރެވުމާ އެކު، ލިބުނު ހިތްހަމަޖެހުން ބޮޑު ކަމަށް ގާނާޗޯ ވަނީ ބުނެފަ އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު، ގަާނާޗޯ އުފާފާޅުކުރަނީ.---


"މިއީ އަދި ނޮވެމްބަރު މަސް، އެކަމަކު، އެއީ ސީޒަނުގެ މޮޅު ގޯލު ކަމަށް ވެދާނެ،" އެއީ ސީޒަނުގެ އެންމެ މޮޅު ގޯލަށް ވެދާނެތޯ އެހުމުން ގާނާޗޯ، 19، ބުންޏެވެ.

މިއީ، މީގެ 12 އަހަރު ކުރިން، މެންޗެސްޓާ ސިޓީ ކޮޅަށް، ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ވޭން ރޫނީ ޖެހި އޯވަހެޑް ކިކް އަށް ވުރެ މޮޅު ގޯލެއް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި އޯވަހެޑް ކިކާ އެއް ލެވަލެއްގައި ގާނާޗޯގެ ގޯލު ގުނޭނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ލީގުގެ 19 ވަނައިގައި އޮތް އެވަޓަން ކޮޅަށް ޔުނައިޓެޑްގެ ފަހު ދެ ގޯލު ޖެހީ ޕެނަލްޓީ އަކުން މާކަސް ރެޝްފޯޑް އާއި އެންތަނީ މާޝިއަލް އެވެ. މި މޮޅާ އެކު، ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 13 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ.

އެސްޓަން ވިލާ އިން ރޭ 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް، ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ 13 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 13 މެޗުން 26 ޕޮއިންޓެވެ.