Advertisement

އިންތިހާބާ ބެހޭ ގާނޫނީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ: އެޗްއާރްސީއެމް

24 ނޮވެންބަރު 2023 - 20:46 1

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އިންތިހާބާ ބެހޭ ގާނޫނީ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ: އެޗްއާރްސީއެމް

24 ނޮވެންބަރު 2023 - 20:46 1

ރާއްޖޭގެ އިންތިހާބާ ބެހޭ ގާނޫނުގެ އޮނިގަނޑަށް މުހިއްމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެކަމަށްޓަކައި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލުވާ ގޮތަށް މަޝްވަރާތައް ކުރިއަށްގެންދަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އެޗްއާރްސީއެމުން އާންމުކުރި މޮނިޓަރިން ރިޕޯޓުގައި ބުނީ ވަށާޖެހޭ ގޮތަށް ގެންނަންޖެހޭ އެބަދަލުތަކަށް ރައްޔިތުން އަހުލުވެރި ކުރުމަށާއި އެ ބަދަލުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް އެކަށީގެންވާ ވަގުތު އޮށްވައި އެ ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.

ގާނޫނީ އޮނިގަނޑުގައި އިސްލާހު ކުރަންޖެހޭކަމަށް އެ ކޮމިޝަނުން ފާހަގަކުރި ބައެއް ކަންތައް:

  • ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި އެއްވުންތައް ބާއްވަން ދައުލަތުގެ ހުއްދައެއް ކުރިން ހޯދަން ލާޒިމުކޮށްފައި އޮތުން.
  • އިންތިހާބުތަކާ ގުޅޭ މައްސަލަތައް ބެލުމުގައި މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު އިތުރަށް ތަފްސީލުކުރުން.
  • ކެމްޕެެއިން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވަން ހަރުދަނާ ގާނޫނީ ހައްލުތަކެއް ހޯދުން
  • ކެންޑިޑޭޓުން ކެމްޕެއިނަށް ކުރާ ހަރަދުތަކާއި މާލީ އެހެނިހެން ކަންކަމާ ގުޅޭގޮތުން ފުރިހަމައަށް ޖަވާބުދާރީ ކުރެވޭ ގޮތައް ގާނޫނު ހަރުދަނާކުރުން.
  • މީޑިއާއަށް ނުފޫޒު ފޯރުވުން ހުއްޓުވަން މީޑިއާތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގާނޫނީ އޮނގަނޑެއް ހިމެނުން.
  • ބާތިލު ވޯޓު ކަނޑައެޅޭނެ ހާލަތް އިތުރަށް ތަފްސީލުކުރުމާއި ވޯޓުލަން ބޭނުންކުރާ "އާދައިގެ" ގަލަމަކީ ކޮބައިކަން ގާނޫނުގައި ހިމެނުން.

އޭގެ އިތުރުން ދައުލަތުގެ މީޑިއާއިން ކަވަރޭޖު ދިނުމުގައި ސަރުކާރު ހިންގާ ޕާޓީ އާއި އެހެން ކެންޑިޑޭޓުންނާއި އެއްހަމަ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން ކަށަވަރުކުރުމަށް އެފަދަ މީހުން ތަމްސީލު ކުރާނެ ފަރާތެއް ކަނޑައެޅުމާއި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ވޯޓުލާ ބޫތުގެ ޑިޒައިންއާއި ބަހައްޓާ ގޮތްވެސް ބަދަލުކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ އިންތިހާބީ ހައްގުތައް އެންމެ ފުރިހަމައަށް ލިބިދިނުމަށް ގާނޫނޫ އޮނިގަނޑު އިސްލާހުކުރަންޖެހޭ ކަމާއި އިންތިހާބީ މާހައުލު މިހާރަށްވުރެ ރަނގަޅުކުރުމަށް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަން އިންތިޒާމުތައް އިތުރަށް ފުރިހަމަކުރެވޭނެ ކަން ފާހަގަކުރެވުނު ނަމަވެސް ޖުމްލަ ގޮތެއްގައި ރިޔާސީ އިންތިހާބު ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތައް ކަމަށެވެ.