Advertisement

ގައުމީ ބާސްކެޓްބޯޅަ ލީގު: ރޯޔަލްސް އިން ދެ ވަނަ ޑިވިޝަން ފެށީ ވަރުގަދަކޮށް

20 ނޮވެންބަރު 2023 - 12:54 0

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ރޯޔަލްސް އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގައުމީ ބާސްކެޓްބޯޅަ ލީގު: ރޯޔަލްސް އިން ދެ ވަނަ ޑިވިޝަން ފެށީ ވަރުގަދަކޮށް

20 ނޮވެންބަރު 2023 - 12:54 0

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބުން ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ހަތް ޓީމެއް ވާދަކުރެ އެވެ. އެއީ ރޯޔަލްސް ބީސީ، ހުޅުމާލެ ސްޕޯޓްސް ކުލަބު، ޑަބްލިއު ސްޕޯޓްސް އެކަޑެމީ، އެލްކިއު ސްޕޯޓްސް ކުލަބު، ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބު އަދި ޓެލޮންސް ބާސްކެޓްބޯޅަ ކުލަބެވެ.

މުބާރާތުގެ ފެށުން އެންމެ ރަނގަޅަށް ފެނުނު ޓީމަކީ ރޯޔަލްސް އެވެ. ލީގުގައި މިހާތަނަށް ހަމަ މެޗު ކުޅެފައިވާއިރު ރޯޔަލްސް ފިޔަވައި އެހެން ޓީމްތަކަށް ހޯދިފައިވަނީ އެންމެ މޮޅެކެވެ. ރޯޔަލްސް އިން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ.

ރޯޔަލްސްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ސްޓިންގާސް ބީސީ ބަލިކޮށްފަ އެވެ. 93-67 އިން ރޯޔަލްސް މި މެޗު ކާމިޔާބުކުރިއިރު، އެޓީމުން ކުޅުނު ދެވަނަ މެޗުގައި ވަނީ ޑަބްލިއު ސްޕޯޓްސް އެކަޑެމީ ބަލިކޮށްފަ އެވެ.

އެހެން ޓީމްތަކަށް ބަލާއިރު ޓެލޮންސް ބީސީ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަންސް ބީސީގެ މައްޗަށް 79-48 އިން ކުރި ހޯދާފަ އެވެ. މި މެޗުން ބަލިވި ނަމަވެސް ސްޕާޓަންސް އިން ވަނީ ފުރަތަމަ މެޗުގައި ހުޅުމާލެ ސްޕޯޓްސް ކުލަބު އަތުން 67-41 އިން މޮޅުވެފަ އެވެ.

ރޯޔަލްސް އަތުން ބަލިވި ޑަބްލިއު ސްޕޯޓްސް އެކަޑެމީ އިން ވަނީ އެޓީމްގެ ފުރަތަމަ މެޗުގައި އެލްކިއު ސްޕޯޓްސް ކުލަބު އަތުން މޮޅުވެފަ އެވެ. މުބާރާތުގައި އެލްކިއުގެ ފުރަތަމަ މޮޅަކީ ހުޅުމާލެ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 85-55 އިންނެވެ.

ލީގު ބުރުގެ ފުރަތަމަ ހަމަ މެޗަށް ބަލާއިރު އެއްވެސް މެޗަކުން މޮޅު ނުވަނީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ސްޓިންގާސް ބީސީ އެވެ. ސްޓިންގާސް ކުޅުނީވެސް އެންމެ މެޗެކެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ސްޕާޓަންސް އާއި ސްޓިންގާސް އެވެ. މިރޭ ކުޅޭ މެޗުގައި ޑަބްލިއު ސްޕޯޓްސް އެކަޑެމީ ނުކުންނާނީ ޓެލޮންސް ބީސީއާ ދެކޮޅަށެވެ.