18 ނޮވެންބަރު 2023 - 07:37 0
މުހައްމަދު ޝަހްޒާން
18 ނޮވެންބަރު 2023 - 07:37 0
މަލާވީގެ އިގުތިސާދަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކެބިނެޓު މިނިސްޓަރުންނާއި ސަރުކާރުގެ އޮފިޝަލުން އަމިއްލަފުޅަށް ވެސް ސަރުކާރުގެ ހަރަދުގައި ބޭރު އެއްވެސް ގައުމަކަށް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދަތުރު ނުކުރެވޭ ގޮތަށް އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ، ލަޒާރުސް ޗަކްވޭރާ ހަދައިފި އެވެ.
އެ ނިންމުން ނިންމަވައި އެކަން އިއުލާނުކުރެއްވީ މަލާވީގެ ޓީވީ ޗެނަލެއްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ އެކިއެކި ބޭނުންތަކަށް މިވަގުތު ގައުމުން ބޭރުގައި ތިއްބެވި ސަރުކާރުގެ އޮފިޝަލުންނަށް ވެސް ވީހައި އަވަހަކަށް އެނބުރި ގައުމަށް ދިއުމަށް އަންގައިފަ އެވެ.
އެ ނިންމުން އިއުލާނު ކުރެއްވުމަށްފަހު ޗަކްވޭރާ ވިދާޅުވީ އެ މުއްދަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް އޮތް ނަމަ އެ ދަތުރެއްގެ މައުލޫމާތު ސީދާ ރައީސް އޮފީހަށް އަންގައި ހުއްދަ ހޯދައިގެން މެނުވީ އެއްވެސް ދަތުރެއް ނުކުރެވޭނެ ކަމަށެވެ.
އޭގެއިތުރުން އޭނާ ވަނީ މަލާވީގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ދައުލަތުގެ ވަޒީރުންނަށް ސަރުކާރުން ދޭ ބައެއް އިނާޔަތްތަކުން ވެސް މިންވަރެއް އުނި ކުރައްވައިފަ އެވެ. އޭގެތެރޭގައި މަލާވީގެ މިނިސްޓަރުންނަށް ތެޔޮ ގަތުމަށް ސަރުކާރުން ދޭ އެލަވަންސްގެ 50 ޕަސެންޓު ކަނޑައިލުން ހިމެނެ އެވެ.
މަލާވީ އަށް ވަނީ އިހުތިސާދީ ކާރިސާއެއް ކުރިމަތިވެ ތަކެތީގެ އަގު، އަތްނުފޯރާ ފަށަށް ގޮސް، އަމިއްލަ ފައިސާގެ އަގު އިންތިހާއަށް ވެއްޓިފަ އެވެ. ހުސްވި ހަފުތާގައި އެކަނިވެސް އެ ގައުމުގެ ފައިސާގެ އަގު އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު، 30 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މަލާވީގެ ސެންޓުރަލް ބޭންކުން ރިޕޯޓުކޮށްފައިވެ އެވެ.
Comment