17 ނޮވެންބަރު 2023 - 19:18 0
މުހައްމަދު ޖަމްޝަތު ވަހީދު
އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހިއްކަން ފަށާފައިވާ ސަރަހައްދު --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
17 ނޮވެންބަރު 2023 - 19:18 0
ކުރިއަށް އޮތް ފަސް އަހަރު ތެރޭ އުތުރު ތިލަފަޅުން ފެށިގެން ފުށި ދިއްގަރު ފަޅާ ހަމަޔަށް ޒަމާނީ އިމާރާތްތަކާއި ބަގީޖާތަކުގެ ހާރެއް އަތުރައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްކަމުގެ ހުވާ މިއަދު ކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިކަމާ ގެދޮރުވެރިކަމަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ދީނީ ގޮތުންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި ސިއްހީ އެތައް ގެއްލުންތަކަކާވެސް ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނީ މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރު ތިލަ ފަޅުން ފެށިގެން ފުށި ދިއްގަރު ފަޅާ ހަމަޔަށް އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ ލިޔެކިޔުންތަކުގެ ގިނަ މަސައްކަތްތަށް މިހާރުވެސް ހުރީ ނިމިފައި ކަމަށެވެ. އަދި ވަރަށް އަވަހަށް ޒަމާނީ އާ ސަހަރުތަކުގެ ޒީނަތްތެރި މަލަތައް ދިވެހި ފަޅުފަޅުން އުފުލިގެން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީގެ އިތުރުންވެސް ރާއްޖެއަށް ދެމެހެއްޓެނިވި، އަދުލުވެރި ތަރައްގީގެ ނިޒާމެއް ބޭނުންވާ ކަމަށާއި މި ސަރުކާރުގެ ތަރައްގީގެ ހަރަކާތްތައް ކުރިއަށްގެންދާނީ އެ ވިސްނުމުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި މާލެ ސަރަހައްދު އިތުރަށް ތަރައްގީކުރުމާއި ގެދޮރު އެޅުމަށް ލުއިފަސޭހެ ގޮތްތަކެއް ހަމަޖެއްސާނެ ކަމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ބުނެފައި ވެ އެވެ. އަދި ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދިނުމަކީ ވެސް އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.
އެކަމަށްޓަކައި މާލެ ކައިރިން ތިން ފަޅެއް ހިއްކުމަށް އެމަނިކުފާނު ވަނީ މެނިފެސްޓޯގައި ޕްލޭން ކުރައްވާފަ އެވެ. އެއީ ގުޅީފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅެވެ. އަދި މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން މާލެ ސަރަހައްދުން 65,000 ގެދޮރު ގާއިމުކޮށްދޭން ގޯތި ދިނުމަށް އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް ފުށިދިއްގަރު ފަޅު ހިއްކުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އެމަނިކުފާނު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް އެ ފަޅު ހިއްކަން ފެށުން ވަނީ ހިމަނާފަ އެވެ.
މާލެެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެގޮތުން ގުޅީފަޅާއި ގިރާވަރު ފަޅާއި ހުޅުމާލެ ފަޅު އިތުރަށް ހިއްކައި މާލޭގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޯތި ދެއްވާފަ އެވެ. އަދި އުތުރު ތިލަފަޅުން ހިއްކައިގެން އެތަނުންވެސް ގޯތި ދިނުމަށް އެމަނިކުފާނުގެ ސަރުކާރުގައި ޕްލޭން ކުރެއްވި އެވެ.
Comment