Advertisement

ކޯލީ އާއި ޝާމީގެ މޮޅު ކުޅުމާ އެކު އިންޑިއާ ފައިނަލަށް

16 ނޮވެންބަރު 2023 - 01:24 0


ކޯލީ އާއި ޝާމީގެ މޮޅު ކުޅުމާ އެކު އިންޑިއާ ފައިނަލަށް

16 ނޮވެންބަރު 2023 - 01:24 0

މުމްބާއީ (15 ނޮވެމްބަރު) - ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ތަކުގައި ވިރާތު ކޯލީ ހެދި 50 ވަނަ ސެންޗަރީ އާއި މުހައްމަދު ޝާމީ ނެގި ހަތް ވިކެޓާ އެކު، އައިއީސީ ކްރިކެޓް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ނިއު ޒިލޭންޑް އަތުން 70 ލަނޑުން މޮޅުވެ، އިންޑިއާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިންޑިއާގެ މުމްބާއީ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އިން ފުރަތަމަ ބެޓްކުރަން އެރިއިރު، ކޯލީ ވަނީ 117 ލަނޑު ހަދައިފަ އެވެ. ވަން ޑޭ އިންޓަނޭޝަނަލް މެޗުތަކުގައި އޭނާ ހެދި 50 ވަނަ ސެންޗަރީއާ އެކު، އޭނާ ވަނީ އިންޑިއާގެ ލެޖެންޑް ސަޗިން ޓެންޑުލްކާގެ ރެކޯޑް މުގުރާލައިފަ އެވެ.

އިންޑިއާ އިން ހަތަރު ވިކެޓަށް 397 ލަނޑު ހެދިއިރު، ޝުބްމަން ގިލް ނުބައިނުވެ 80 ލަނޑު ހަދައިފަ އެވެ. އަނިޔާއާ ހެދި ފުރަތަމަ މެޗުތައް ގެއްލުނު ޝުބްމަން ގިލް ވަނީ ފަހުން ފިޓްވެެގެން އައިސް މެޗުތަކުގައި ރަނގަޅު ކުޅުމެެއް ދައްކައިފަ އެވެ. އަދި މިރޭގެ މެޗުގައި ޝްރޭޔަސް އަޔާ ވަނީ 105 ލަނޑު ހަދައިފަ އެވެ.

ނިއު ޒިލޭންޑް އިން ޗޭސްކުރަން އެރި ނަމަވެސް، އިންޑިއާގެ ބޯލިންގައި ތަފާތު ދެއްކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ރަނގަޅު ފޯމެއްގައި ހުރި ޝާމީ އެވެ. ޝާމީ ވަނީ މި މެޗުގައި 57 ލަނޑަށް ހަތް ވިކެޓު ނަގައިފަ އެވެ.

އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕްގެ ފައިނަލްގައިވެސް ވާދަކުރި ނިއު ޒިލޭންޑްގެ ޑެރީލް މިޗެލް 134 ލަނޑު ހެދި ނަމަވެސް، އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު ހަމަކުރެވެނީ 327 ލަނޑެވެ.

ވޯލްޑް ކަޕްގެ ފައިނަލަށް އިންޑިއާ މި ދަތުރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. ފައިނަލްގައި އިންޑިއާ ދެކޮޅަށް ނުކުންނާނީ ދެކުނު އެފްރިކާ ނުވަތަ އޮސްޓްރޭލިއާ އެވެ. ދެކުނު އެފްރިކާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ ސެމީ ކުޅޭނީ އޮންނާނީ މާދަމާ އެވެ.