Advertisement

ގާނޫނީ ހުރަހެއް ނެތް، ސާޖިދާއަށް ވަޒީފާގައި ހުންނެވޭނެ: ސީއެސްސީ

13 ނޮވެންބަރު 2023 - 11:01 0

ނިމާ ހަސަން

ނިމާ ހަސަން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު; ހުވާ ކުރެއްވުމަށްފަހު ވެސް ސާޖިދާއަށް މަގާމުގައި ހުންނެވޭނެ ކަމަށް ސީއެސްސީން ބުނޭ -- ފޮޓޯ: އިޔާން/ އަދަދު


ގާނޫނީ ހުރަހެއް ނެތް، ސާޖިދާއަށް ވަޒީފާގައި ހުންނެވޭނެ: ސީއެސްސީ

13 ނޮވެންބަރު 2023 - 11:01 0

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ފަހު ވެސް، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއަށް ސިވިލް ސާވިސްގެ ހިދުމަތުގައި ހުންނެވުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސާޖިދާއަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ.

މި މަހުގެ 17 ވަނަ ދުވަހު އާ ރައީސް މުއިއްޒު އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާ ކުރައްވާނެ އެވެ. ނަމަވެސް ސާޖިދާ ބޭނުން ވަނީ ސިވިލް ސާވިސްގައި މިހާރު ވެސް އަދާކުރައްވާ ވަޒީފާގައި ދެމި ހުންނެވުމަށެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު މިއަދު "އަދަދު" ނޫހަށް ވިދާޅުވީ ފަސްޓް ލޭޑީއަކީ ރަސްމީ މަގާމަކަށް ނުވާތީ, މިހާރު ވެސް އަދާކުރައްވަމުން ގެންދަވާ ވަޒީފާގައި ދެމިހުންނެވުމުގެ އިހުތިޔާރު ލިބިވަޑައިގަންނަވާ ކަމަށެވެ.

"އެއީ ގާނޫނީ ހުރަހެއް އޮތް ކަމެއް ނޫން, [ހުވާ ކުރުމަށްފަހު ވެސް] މަގާމުގައި ދެމިހުންނަވަން ބޭނުންފުޅިއްޔާ ހުންނެވޭނެ،" ނާސިހު ވިދާޅުވި އެވެ.

ކުރީގެ ރައީސްއެއްގެ އަނބިކަނބަލުން ވެރިކަމުގެ ދައުރުގައި ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރައްވާފައެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެ އެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ މަހަކު 100،000ރ. އެވެ.