Advertisement

ރެކޯޑަކަށް ފަހު ރެކޯޑެއް، ކޭން އަށް ހުއްޓުމެއް ނެތް

12 ނޮވެންބަރު 2023 - 12:52 0


ރެކޯޑަކަށް ފަހު ރެކޯޑެއް، ކޭން އަށް ހުއްޓުމެއް ނެތް

12 ނޮވެންބަރު 2023 - 12:52 0

މިޔުނިކް (ނޮވެމްބަރު 12) - ޖަރުމަން ބުންޑަސް ލީގާގައި ރޭ ކުޅުނު މެޗުގައި ދެ ގޯލު ޖަހައި ބަޔާން މިޔުނިކްގެ ފޯވާޑް ހެރީ ކޭން ލީގުގެ ރެކޯޑެއް ހަދައިފި އެވެ.

ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކަށް މި ސީޒަންގައި ބަދަލުވި ކޭން އަންނަނީ އެކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭ ހެއިޑެންހެއިމް އަތުން 4-2 އިން ބަޔާން މޮޅުވި މެޗުގައި ކޭން ޖެހި ދެ ގޯލާ އެކު މި ސީޒަނުގައި އޭނާ ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 17 އަށް އަރާފަ އެވެ.

މިއާ އެކު މީގެ ކުރިން 11 މެޗުގައި 16 ގޯލު ޖަހައިގެން ރޮބާޓް ލެވަންޑޯސްކީ ހަދާފައިވާ ރެކޯޑު އޭނާ ވަނީ މުގުރާލާފަ އެވެ.

ރޭގެ މެޗުގައި ބަޔާންގެ ފުރަތަމަ ދެ ގޯލު ކޭން ޖަހައި އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ޓިމް ކްލެއިންޑިއެންސްޓް އާއި ނިކޮލަސް ބެސްޓޭ ޖެހި ގޯލުން ހެއިޑެންހެމުން ނަތީޖާ ހަމަހަމަކުރި އެވެ. ބަޔާން މެޗުން މޮޅުވީ ރަފައެލް ގަރޭރޯ އާއި ޗޮޕޫ މޯޓިން ޖެހި ގޯލުންނެވެ.

މި މޮޅާއިއެކު ބަޔާން ވަނީ ބުންޑަސް ލީގާގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 29 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތް ބަޔާ ލެވަކޫސެން އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ބަޔާ ލެވަކޫސެން މިރޭ ނުކުންނާނީ ޔޫނިއަން ބާލިންއާ ދެކޮޅަށެވެ.

ބަޔާން މިޔުނިކާއި ބަޔާ ލެވަކޫސެން އަކީ މި ސީޒަންގެ ޖަރުމަން ބުންޑަސް ލީގާގައި ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމެވެ.

ބުންޑަސް ލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސްޓުޓްގާޓުން ވަނީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑް ބަލިކޮށްފަ އެވެ. އޮއުގްސްބާގާއި ހޮފެންހެއިމް ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު، ބޮޗުމް އާއި ކްލޯންގެ ކުރިމަތިލުންވެސް އެއްވަރުވީ 1-1 އިންނެވެ. ޑާމްސްޓަޑް އާއި މެއިންޒް ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.