Advertisement

ކޮވިޑުގައި ފަރަށް އުރުނު އޮޑި ފުންކުރަން ރައީސް ކުރެއްވި ކާމިޔާބު މަސައްކަތް

11 ނޮވެންބަރު 2023 - 12:08 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު


ކޮވިޑުގައި ފަރަށް އުރުނު އޮޑި ފުންކުރަން ރައީސް ކުރެއްވި ކާމިޔާބު މަސައްކަތް

11 ނޮވެންބަރު 2023 - 12:08 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި، ފަސް އަހަރުން އެމަނިކުފާނު ދިވެހިރާއްޖެ ގެންދަވަން ބޭނުންފުޅުވި މަންޒިލް އަތުނުވީ، ދަތުރު ފެށިތަނާ ގިނަ ދުވަހެއް ނުވެ ވަރުގަދަ ފަރަކަށް އޮޑި އުރުމުންނެވެ.

ކޮވިޑޭ ކިޔުނު އެ ފަރުން އޮޑި ފުންކުރުމުގައި ވަރަށް ގިނަ ފައިސާ އާއި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނެވެ. އެފަރަށް އަރައި 300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ރިސޯޓުތައް ބަންދުކޮށް، ބޭރުފައިސާ ވަނުން ސުމަކަށް ގޮސް، އިގުތިސޯދު ވެސް ހުއްޓުނެވެ.

އެ ފަރަށް ނޭރި ނަމަ، އަންނަ ހުކުރު ދުވަހު ރައީސް ސޯލިހު ދަތުރުފުޅު ނިންމަވާލެއްވީހީ ބޭނުންވި މަންޒިލަށް އޮޑި ބަނދަރުކުރުމަށް ފަހު ކަމަށް ސަޕޯޓަރުން ވެސް ގަބޫލުކުރެ އެވެ. އަދި ދެން އޮތް ދަތުރަށް ވެސް ރައްޔިތުން ގައުމުގެ ހުންގާނު އެމަނިކުފާނާ ހަވާލުކުރީސް ކަމަށް ސަޕޯޓަރުން ގަބޫލުކުރެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި، އަދި އެހެން ގޮތަކުން ނަމަ އެމަނިކުފާނުގެ ވަދާއީ ވާހަކަފުޅުގައި، އެކަމަށް އިޝާރާތްކުރައްވައި ވިދާޅުވީ ކޮވިޑުގެ ސަބަބުން، ފަސް އަހަރަށް ކުރަން ފެށި މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދުނިޔެއަށް އެރި ހުއްޓުމާ އެކު، ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުން، ހަގީގަތުގައި އެ ބަންދުކުރެވުނީ ރާއްޖެ އަށް އާމްދަނީ ވައްދައިދޭ ދޮރާށި ކަމަށެވެ. އަދި ރަށްތައް ތަޅުލެވި، މަގުތައް ފަޅުވެ، ވިޔަފާރިއާ އާއްމު ހޭލަމޭލަވުން ހުއްޓުނު ކަމަށާއި، އާމްދަނީގެ ގޮތުން އަތްފައި ބަނދެވި ގައުމު ފުރަބަންދުވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއީ ރާއްޖެ ފަދަ ހަމައެކަނި ޓޫރިޒަމަށް ބަރޯސާވާ ގައުމެއް ބަނގުރޫޓު ވެދާނެ ފަދަ ހާލަތެކެވެ. އަވަށްޓެރި ސްރީ ލަންކާ އާއި ބައެއް އެހެން ގައުމުތައް ބަނގޫރުޓުވެ އެކަމުން އަދިވެސް އަރައިނުގަނެވެ އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެ ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި، ތެޔޮ ދަތިނުވެ ލިބޭނެގޮތް ކަށަވަރުކުރި ކަމަށެވެ. ސަރުކާރުން ހިންގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްދާނެ ގޮތް ވެސް ހޯދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮވިޑާ ގުޅިގެން އެހެން ގައުމުތަކުގައި ޕައިލެޓުން ތިބެން ޖެހުނީ ގޭގައި. ނަމަވެސް ޕީޕީއީގައި ރާއްޖޭގެ ޕައިލެޓުން ތިބީ ބޭހާ ވެކްސިން އަދި ބަލި މީހުން ގޮވައިގެން ކޮވިޑުގެ ކުރިއަށް ވުރެ އަވަދިނެތި އުދުހުމުގައި. ދޭސީ އެއް ބިދޭސީ އެއް މިކަމުގައި ތަފާތެއް ނުކުރަން،"

ހަމައެކަނި އެއެއް ނޫނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ މުވައްޒިފެއްގެ ވަޒީފާ ވެސް ގެއްލުވާނުލައި މުސާރަ ދިން ކަމަށެވެ. އަދި އަމިއްލަ މީހުންގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލި އާމްދަނީ ނާޒުކު ހާލަތަށް ދިޔަ މީހުންނާ ވިޔަފާރި ތަކަށް ސަރުކާރުން އެހީދިން ކަމަށް ވެސް ވިދާޅުވި އެވެ.

"ބިލް ނުދެއްކިގެން ކަރަންޓާ ފެން ނުލިބޭ އެއްވެސް ރައްޔިތަކު ނެތްކަން ކަށަވަރު ކުރިން،" ރައީސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އެންމެން ވެކްސިނޭޓް ކުރި ދުނިޔޭގެ މަދު ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރި."


ރައީސް ވިދާޅުވި ގޮތުގައި ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބު ދައްކުވައިދެނީ އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ގައުމަށް ރާއްޖެ ވުން ކަމަށެވެ/ އެގޮތުން ޓޫރިޒަމާއި، އިގްތިސާދު އިހު ހުރި ހިސާބަށް ރުޖޫއަވުމުގައި ލިބުނު ކާމިޔާބުގެ އަސްލަކީ އެހާ އަވަހަށް ބޯޑަރު ހުޅުވާލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސުވާލެއް ނެތެވެ. ކޮވިޑަކީ ރައީސް، ރާއްޖެ ގެންދަވަން ބޭނުންވި ހިސާބަށް ގެންދާށާއި، އިތުރު ދައުރެއް ހޯދަން ކުރި މަސައްކަތަށް އެޅުނު ހުރަހެވެ. ރައީސް މިއަދު ވިދާޅުވީ ކޮވިޑަކީ ރައްޔިތުންނާއި ގައުމު ސަލާމަތް ކުރުމުގައި އެމަނިކުފާނުގެ ހަޔާތުގެ އެންމެ ބޮޑު އިމްތިހާނު ކަމަށެވެ.

"އެންމެ ގިނަ ރޭނިދިން އަޅުގަނޑު މަހުރޫމްވާން މަޖްބޫރުވި ހާލަތަކީ އެއީ. އެހެންނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާގެ ރަހުމަތްފުޅު ކިތަންމެހާވެސް ތަނަވަސް،" ރައީސް ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ސައިޑް އިފެކްޓްސް އިގުތިސާދަކޮށް މިއަދު އެމަނިކުފާނަށް އޮތީ ނުރުހުމެވެ. ނަމަވެސް އެ ހާލަތު އެމަނިކުފާނު މެނޭޖްކުރެއްވި ގޮތަކީ، ކުރު މުއްދަތުގައި އޭގެ ގެއްލުންތަކެއްވި ނަމަވެސް އޭރަށް ބަލާއިރު އޮތް ހަމައެކަނި ގޮތެވެ.

އެއީ ރަނގަޅު ފިޔަވަޅުތަކެއް ކަމާއި، ކޮވިޑުން އަރައިގަތުމަށް އެމަނިކުފާނު ކުރެއްވީ ހިތްވަރުގަދަ، ޖެހިލުންކުޑަ މަސައްކަތެއްކަން ފެންނާނީ މާދަމާ އެވެ. ތާރީހުގެ ދުރުމިން އިއްޔެ ބެލުމުންނެވެ. އެމަނިކުފާނަށް ތާރީހު އިހުސާންތެރިވާނެ ކަމަށް ރައީސް އަބަދުވެސް އެވިދާޅުވީ އެހެންވެ އެވެ.

ރާއްޖޭގެ އިގުތިސާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ ދިވެހިންގެ އަމިއްލަވަންތަކަން ޖީލުތަކަށް ވާރުތަ ކުރުމުގެ އަސާސް ކަމަށް ރައީސް ސޯލިހު ގަބޫލުކުރައްވާއިރު އިގުތިސާދު ފެންމަތީގައި ނަމަވެސް ދިރިދިރި އޮތީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުންނެވެ.

މަންޒިލަށް ނުދެވުމުގެ މާޔޫސްކަން އޮތް ނަމަވެސް، ދަތުރުގައި ކުރިމަތިވި އެ މުސީބާތުން އަރައިގަތުމުގައި ހޯއްދެވި ކާމިޔާބަކީ ދައުރު ނިންމަވަލައްވާއިރު ރައީސް ސޯލިހަށް އޮތް ހިތްޕުޅުހަމަޖެހުމެކެވެ.