Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށްފި

6 ނޮވެންބަރު 2023 - 12:23 0

ނިމާ ހަސަން

ނިމާ ހަސަން

ޑިޖިޓައިޒްކޮށްފައިވާ, ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު


ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށްފި

6 ނޮވެންބަރު 2023 - 12:23 0

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް އަލުން ޝާއިއުކޮށްފި އެވެ.

މި ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީން އާންމުކުރަންޖެހޭ ކުށްވެރިންގެ ލިސްޓެވެ.

މި ދަފްތަރު ޑިޖިޓަލައިޒް ކުރުމަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އިއްޔެ, އިފްތިތާހު ކޮށްދެއްވި މަސައްކަތެކެވެ.

ޑިޖިޓަލައިޒް ކުރި މި ދަފްތަރު އަދާ ހަމަ ކުރުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޖެންޑާ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން, ކޯޓުން ހުކުމެއް ކުރުމާއެކު، އެ ހުކުމާ ބެހޭ މައުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީއަށް ފޯރުކޮށްދެމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ދަފްތަރު, މިހާރު އޮތް ގޮތަށް ޑިޒައިން ކޮށްފައިވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަންނީ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، ޕީޖީ އޮފީހުގެ އައިޓީ މުވައްޒަފުންނެވެ.

އެ އޮފީހުން ބުނި ގޮތުގައި މި ދަފްތަރު، ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުން

ކުޑަކުދިންނާ ބެހޭ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު ވުޖޫދަށް އައީ ވަރަށް އަނިޔާވެރިކޮށް ޖޫން 11، 2009 ގައި މަރައިލި، އެންމެ 10 މަހުގެ މުހައްމަދު ނާފިއު އިބްރާހިމްގެ ހަނދާނުގަ އެވެ. އެންމެ ފުރަތަމަ އެ ގާނޫނަށް ކިޔަން އުޅުނީ ވެސް ނާފިއު ގާނޫނެވެ. ނަމަވެސް މެމްބަރުން އެ ނަން ފާހެއް ނުކުރި އެވެ.

ނާފިއު މަރައިލީ އޭނާގެ މަންމަ އާއި މަންމަގެ ލޯބިވެރިޔާ އާއި އިތުރު މީހަކު މަސްތުވާން ތިއްބާ ރޯތީވެ އުނދަގޫވެގެންނެވެ. ނާފިއު މަރުވީ އޭނާގެ ދެ ކިހިލިފަތުގައި ހިފައި ތަޅުވައިގަތްލެތް ބާރުކަމުން، ވަގުތުން ހިތް ހުއްޓިގެންނެވެ. ޑޮކްޓަރުން ބުނެފައި ވަނީ ގިނަ ދުވަސްތަކެއްގެ މަތިން ނާފިއުއަށް ޖިންސީ ގޯނާ އާއި އެހެނިހެން ހާނިއްކަ ދީފައި ހުރިކަމުގެ ނިޝާން އެ ތުއްތު ކުއްޖާގެ ހަށިގަނޑުގައި ފެންނަން ހުރި ކަމަށެވެ.

ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށްވެރިވާ މީހުންގެ މައުލޫމާތު "އާއްމުކޮށް ޝާއިއު ކުރަމުން ގެންދަންވާނެ" ކަމަށެވެ. އަދި އާއްމު ކުރަންޖެހޭނީ "ކުށް ކުރާ މީހުންގެ ފުރިހަމަ މައުލޫމާތު" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންނާ ބެހޭ މީހުންގެ މައުލޫމާތު އާންމު ކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ކުދިންގެ ރައްކަލަށް މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާއިން ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު


ކުޑަކުދިންނާ ބެހޭ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު 57 ވަނަ މާއްދާގައި ބުނެފައި ވަނީ: "ގާނޫނުގައި ކުށްކަމަށް ކަނޑައަޅާފައިވާ ކުށްކުރާ މީހުންގެ މައުލޫމާތު އާންމުކޮށް ޝާއިއުކުރަމުން ގެންދަންވާނެއެވެ. އަދި މިފަދަ ކުށްކުރާމީހުންގެ ކިބައިން އެހެން ރައްޔިތުންގެ ސަލާމަތްތެރިކަމާއި، ރައްކާތެރިކަމަށްޓަކައި، އެފަދަ އަމަލެއް ތަކުރާރުކުރުމަށް މަގުފަހިވާފަދަ ފުރުސަތެއް ނުދިނުމުގެ ގޮތުން މިފަދަ ކުށްކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އާންމުކޮށް އިންޓަރނެޓް ވެބްސައިޓެއްގައި ފަސޭހައިން ބެލޭނެގޮތަށް ގާއިމުކޮށްފައި ހުރުމާއި، އަދި މޯބައިލް ޑިވައިސް ބޭނުންކޮށްގެން ޝޯޓް މެސެޖް ސަރވިސް (އެސްއެމްއެސް) ގެ ޒަރީއާއިން ވެސް އެފަދަ ކުށްކޮށްފައިވާ މީހުންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބޭނުންކޮށްގެން ފަސޭހަކަމާއެކު، އެމީހުން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަންވާނެއެވެ. އެކަންކުރާނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާ (ޖެންޑާ މިނިސްޓްރީ) އިންނެވެ."