3 ނޮވެންބަރު 2023 - 18:08 1
އަހުމަދު އާއިދު
އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު : ވިދާޅުވީ ގައުމީ އެއްބައިވަންތަކަމަށް ނަސްރުގެ ދުވަހަށް ސަމާލުކަން ދިނުން މުހިންމު ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
3 ނޮވެންބަރު 2023 - 18:08 1
ގައުމީ އެއްބައިވަންތަކަށް ދެމެހެއްޓުމަށްޓަކާ، ނަސްރުގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކޮށް އެ ދުވަސްތަކަށް ދޭން ޖެހޭ ސަމާލުކަން ދިނުން މުހިންމު ކަމަށް އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހުސެއިން ވިދާޅުވީ މިފަދަ ދުވަސްތައް އާލާކުރަން ޖެހެނީ ގައުމަށްޓަކާ މޭ އައްޑަނައަކަށް ހަދައިގެން ނޮވެމްބަރު 3، 1988 ގައި ކުރިމަތިވި ފަދަ އުދުވާނީ ހަމަލާތަކުގައި ޖިހާދުވި ފަރާތްތަކުގެ ޒިކުރު އާލާ ކުރުމަށް ކަމަށެވެ.
"އެކަން އާލާނުކޮށް ތިބިއްޖެ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ކުރިމަތިވާނީ ވަރަށް ހިތްދަތި ދުވަސްތަކެއް، އޭގެ ހިތްދަތިކަން އަޅުގަނޑުމެންނަށް ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނިގެން މިދިޔައީ," މި ސަރުކާރުން ނަސްރުގެ ދުވަހަށް ސަމާލުކަން ނުދޭކަމަށް އިދިކޮޅުން ކުރަމުންދާ ތުހުމަތު ތަކުރާރުކުރައްވާ އެމަނިކުފާނު ވިދާޅުވި އެވެ.
އަދި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ފަދައިން، ދެން ފެށޭ ވެރިކަމުގައި އެންމެ އިސްކަމެއް ދީގެން މިފަދަ ދުވަސްތައް ފާހަގަކުރައްވާނެ ކަމަށާއި އެއީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށްވެސް ހުސެއިން ވިދާޅުވި އެވެ.
"އެ އަބުތާލުންގެ ޒިކުރާ އާލާކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކަމެއް. ހަގީގަތުގައި އެއީ ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫން. އެހެން ނޫންނަމަ ޤައުމެއް ގައުމެއްގެ ގޮތުގައި ދިރުވޭނެ ތަނެއް ނުފެންނާނެ. ޤައުމުގެ އެއްބައިވަންތަ ކަމުގެ ރޫހު އާލާ ނުކުރެވޭނެ. ޤައުމެއްގެ ބަހާތައް ދިރުވޭނީ މިފަދަ ދުވަސްތައް ފާހަގަކޮށްގެން." އިންތިހާބީ ނައިބު ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، އިންތިހާބަށްފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ހުސެއިން ވަނީ ރަނިން މޭޓުގެ ޓިކެޓު ލިބިލެއްވި ގޮތާއި، ޒާތީ ދިރިއުޅުއްވުމުގެ ތަފުސީލުތައް އަދި ނައިބު ރައީސްގެ މަގާމުގައި ކުރައްވާނެ ކަންކަން ވެސް ހިއްސާކުރައްވާފަ އެވެ.
އެގޮތުން، އިންތިހާބީ ރައީސް، ހުސެއިން އަށް ރަނިން މޭޓުކަން ދެއްވީ އިތުބާރާއެކު ޒުވާނުންގެ ކަންކަމުގައި މަސައްކަތް ކުރެވޭނެ ހިންގުންތެރި ޒުވާނެއް އިހުތިޔާރުކުރުމުގެ ގޮތުން ކަމަށާއި ޑރ. މުއިއްޒުއަށް އަދި ގައުމަށް، ނައިބު ރައީސްގެ ހައިސިއްޔަތުން ކުރިއަށް އޮތް ދައުރުގައި ހިދުމަތް ކުރައްވާނީ ގައުމީ ޖޯޝުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Comment