Advertisement

މުއިއްޒު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ދޭނެ ކަމަށް

3 ނޮވެންބަރު 2023 - 11:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ދޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މުއިއްޒު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ނަސްރުގެ ދުވަހަށް ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ދޭނެ ކަމަށް

3 ނޮވެންބަރު 2023 - 11:22 1

މި މަހު 17 ގައި އަލަށް އުފެދޭ ސަރުކާރުން ރާއްޖޭގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް "ސަރުކާރަކުން ދޭން ޖެހޭ ސަމާލުކަން" ދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސް މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ތަހުނިޔާ ދެންނެވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުތަކުން ސަމާލުކަން ދޭން ޖެހެނީ "ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މައުލޫމާތު، ހާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި" ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސަމާލުކަން ނުދޭ ކަމަށް ބުނެ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރި އިދިކޮޅުން ވޭތުދިޔަ ފަސް އަހަރު ވަނީ ސަރުކާރަށާއި ރައީސަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ނެރުނު ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކަންކަމުން ދުރުހެލިވެ ތިބެންޖެހޭ ކަމަށެވެ. މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހި ވެރިކަން ބަދަލުކުރުމަށް ނޮވެމްބަރު 3، 1988 ގައި މާލެ އަށް އަރައި، 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ދިވެހިނަށް ނަސްރު ލިބުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ފާހަގަކުރަނީ "ނަސްރުގެ ދުވަސް" ގޮތުގަ އެވެ.