Advertisement

ކޭންގެ ހެޓްރިކާއެކު ބަޔާނަށް ތަފާތު ބޮޑު މޮޅެއް

29 އޮކްޓޯބަރު 2023 - 09:15 0


ކޭންގެ ހެޓްރިކާއެކު ބަޔާނަށް ތަފާތު ބޮޑު މޮޅެއް

29 އޮކްޓޯބަރު 2023 - 09:15 0

މިއުނިކް (29 އޮކްޓޯބަރު) - އިންގްލެންޑްގެ ފޯވަޑް ހެރީ ކޭންގެ ހެޓްރިކާއެކު، ޖަރުމަން ބުންޑަސްލީގާގައި ރޭ ޑާމްސްޑަޓް އަތުން 8-0 އިން ބަޔާން މިއުނިކް ރޭ މޮޅުވެއްޖެއެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ މި މެޗުގައި ކުޅެފައެވެ.

ބަޔާންގައި ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ ފެށުން ރަނގަޅެއްނުވި އެވެ. އެގޮތުން މެޗުގެ ހަތަރު ވަނަ މިނިޓުގައި ބަޔާންގެ މިޑްފީލްޑަރު ޖޮޝުއާ ކިމިޗް އަށް ވަނީ ރަތްކާޑެއް ދައްކައިފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަ ތިން ރަތްކާޑު ވަނީ ދައްކައިފަ އެވެ. މިއީ ބުންޑަސްލީގާގާގެ މެޗެއްގެ ހާފް ޓައިމްގެ ކުރިން ތިން ކުޅުންތެރިންނަށް ރަތްކާޑު ދެއްކި ފުރަތަމަ ފަހަރެވެ. ފުރަތަމަ ހާފުގައި ކިމިޗްގެ އިތުރުން، ދެން ރަތްކާޑު ދެއްކީ ޑާސްޓަޑްގެ ދެ ކުޅުންތެރިއަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެ ވަނަ ހާފުގައި ބަޔާން އިން ވަނީ ޑާމްސްޑަޓްގެ ޑިފެންސް ފޫއަޅުވާލައިފަ އެވެ.

މި މެޗުގައި އިންގްލެންޑުގެ ކެޕްޓަން ކޭން ހެޓްރިކް ފުރިހަމަ ކުރަން ޖެހި ގޯލުތަކުގެ ތެރޭގައި ސެންޓަ ސާކަލްގައި ހުރެ ކާމިޔާބުކުރި ގޯލެއްވެސް ހިމެނެ އެވެ.

މި މެޗުގައި ބަޔާންގެ ލީރޯއީ ސާނޭ އާއި ޖަމާލް މުސިއާލާ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ތޯމަސް މުލާވެސް ގޯލެއް ޖެހި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސްކީ ކުރަން އުޅެނިކޮށް ލިބުނު ބޮޑު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު، ބަޔާންގެ ގޯލްކީޕަރު ނޯޔާ ވަނީ ރޭގެ މެޗުގައި ކުޅެން ނިކުމެފަ އެވެ.

މި މެޗުގެ ކުރިން، ނޯޔާ އެންމެ ފަހުން ބަޔާނަށް މެޗެއް ކުޅުނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

"މިއީ ވަރަށް އަސަރުގަދަ ދުވަހެއް. ޓީމާއެކު، އަމިއްލަ ސަޕޯޓަރުންގެ ކުރި މައްޗަށް އަލުން ނުކުމެވުނީމަ ވަރަށް އުފާވެއްޖެ،" ނޯޔާ ބުންޏެވެ. -- އޭއެފްޕީ