Advertisement

ފުށިދިއްގަރުފަޅު ހިއްކާނީ މުސޫމީ ބަދަލުތަކަށް އެކަށޭނަ ގޮތަކަށް: މުއިއްޒު

28 އޮކްޓޯބަރު 2023 - 18:13 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހުޅުމާލެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިވެންޓަށް ވަޑައިގެން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފުށިދިއްގަރުފަޅު ހިއްކާނީ މުސޫމީ ބަދަލުތަކަށް އެކަށޭނަ ގޮތަކަށް: މުއިއްޒު

28 އޮކްޓޯބަރު 2023 - 18:13 1

އަންނަ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކުން ކުރިއަށް ގެންދާނީ މުސޫމީ ބަދަލުތަކުގެ އަސަރުތަކަށް ބަލައި، އެކަށޭނަ ގޮތަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ މާލެ ސަރަހައްދު ކައިރީގައި އޮތް، އަދި މި ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅީފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރު ފަޅު ހިއްކައިގެން 65،000 ގޯތި ދޫކުރުމެވެ.

މިއަދު ހަވީރު ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫއަކީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަމެއް ދެއްވާނެ މަޝްރޫއު ކަމަށެވެ.

ފަޅު ހިއްކުމުގެ މަސައްކަތް ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ފަށައި، ހަ މަހާއި އަހަރު ދުވަހުގެ ތެރޭގައި ހިއްކުމުގެ މަސައްކަތް ނިންމުމަކީ އެ ސަރުކާރުގެ އެންމެ ބޮޑު އަޒާމު ކަން މިއަދު ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

މަޝްރޫއު ކުރިއަށް ގެންދާނީ ވެށި ރައްކާތެރިކަން ލިބޭ ފެންވަރަށް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

"ފުރަތަމަ އަހަރު އިރާދަކުރެއްވިއްޔާ އެއްކޮށް ހިކޭނެ، ރިވެޓްމަންޓް ޖަހައި އެއްކޮށް ރައްކާތެރިކުރެވި، ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ފީޗާސް ހުންނަ ވަރަށް، މަދުވެގެން ތިން މީޓަރު އުސްކޮށް، ކްލައިމެޓް ޗޭންޖުގެ ހުރިހާ ކަމަކަށް އެޑެޕްޓް ކުރެވޭނެ ގޮތަކަށް މަޝްރޫއު ބައްޓަން ކުރާނީ،" މުއިއްޒު ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. މުއިއްޒުގެ މެނިފެސްޓޯގައި ވަނީ އެ ސަރަހައްދުން 11،970 ގޯއްޗާއި، ތިން ކޮޓަރި އަދި ހަތަރު ކޮޓަރި އެޕާޓްމަންޓްތަކުގެ 26،500 ހައުސިން ޔުނިޓް އެޅުމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ގެދޮރު ދެވޭ ގޮތަށް ގުޅީފަޅާއި ފުށިދިއްގަރު ފަޅު ހިއްކުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ރިޔާސީ އިންތިހާބަށް ގާތްކޮށް އިއުލާން ކުރެއްވި މަޝްރޫއެކެވެ.

މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އިއުލާން ކުރެއްވި އެ މަޝްރޫއުގައިވާ ގޮތުން މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު އަޅަނީ ތިލަފުށީގަ އެވެ. ނަމަވެސް އެ މަޝްރޫއު ގުޅީފަޅަށް ބަދަލު ކުރުމުން، އެ ކަން ބަދަލު ކުރުމަށް މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ސަރުކާރުގައި އެދިވަޑައިގެންފައިވެސް ވެ އެވެ.