Advertisement

ޔަމަނުން އިޒްރޭލަށް ފޮނުވި މިސައިލްތަކެއް ސައުދީއިން ފެއިލްކޮށްލައިފި

26 އޮކްޓޯބަރު 2023 - 12:34 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން : ޔަމަނުގެ ގްރޫޕަކުން އިޒްރޭލަށް ދިން ހަމަލާއެއް ސައުދީއިން ދިފާއުކޮށްފި -


ޔަމަނުން އިޒްރޭލަށް ފޮނުވި މިސައިލްތަކެއް ސައުދީއިން ފެއިލްކޮށްލައިފި

26 އޮކްޓޯބަރު 2023 - 12:34 0

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމާ ދެކޮޅަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ގްރޫޕަކުން ދިން ހަމަލާއެއް ސައުދީ އަރަބިއާއިން ދިފާއުކޮށްފި އެވެ.

ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ހޫތީން ދިން މި ހަމަލާގައި ފޮނުވާލި ފަސް މިސައިލްގެ ތެރެއިން ހަތަރު މިސައިލް ދިފާއުކޮށްފައިވަނީ އެމެރިކާގެ ވައިގެ ދިފާއީ ސިސްޓަމަކުންނެވެ. އަނެއް މިސައިލް ދިފާއުކުރީ އެމެރިކާއިން ފަންޑުކުރާ ސައުދީގެ ވައިގެ ދިފާއީ ނިޒާމުންނެވެ.

މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކުގައި 6،500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާއިރު، ހަމާސްގެ އިތުރުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕުތަކުންވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.

އެގޮތުން އިޒްރޭލަށް އެންމެ ފާޅުގައި ހަމަލާދީފައިވަނީ ލުބުނާނުގެ ހިޒްބުﷲ އިންނެވެ. އިޒްރޭލުން ބަދަލުގައި ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ 44 ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ. އޭގެ އިތުރުން ސީރިއާ އަދި ޔަމަނުގައި ހަރަކާތްތެރިވާ އީރާނުން ފަންޑުކުރާ ކަމަށް ހުޅަނގުން ބުނާ ގްރޫޕުތަކުން ވަނީ އިޒްރޭލަށް އަދި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފަ އެވެ.

އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނަކު ބުނި ގޮތުގައި އިޒްރޭލަށް އަދި އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް މި ދެ ހަފުތާގައި ދެމުންދާ ހަމަލާތަކަކީ ސީދާ އީރާނުގެ އެންގުމަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އިޒްރޭލުން ހަނގުރާމަ އިއުލާންކުރުމާއެކު އެމެރިކާއިން ވަނީ އެ ގައުމުގެ އަސްކަރީ މަތިންދާ ބޯޓު އުފުލާ ދެ މަނަވަރެއް އިޒްރޭލުގެ އައްސޭރިއަށް ފޮނުވާފަ އެވެ.

އިޒްރޭލަށް ދިން ހަމަލާ ދިފާއުކުރި ސައުދީއިން ބުނަނީ އެ ގައުމުން މަސައްކަތް ކުރަމުންދަނީ މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ކަމަށާއި އެ ގައުމުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ނަމަވެސް އެ ކަންކަން އަމަލުން ނުފެންނަ ކަމަށްބުނެ ގިނަ ބަޔަކު އަބަދުވެސް ސައުދީއަށް ފާޑުކިޔަ އެވެ.