Advertisement

ރެޑް ކްރެސެންޓުގެ ފަލަސްތީން އިމަޖެންސީ ފަންޑުގެ މުއްދަތު އިތުރުކޮށްފި

26 އޮކްޓޯބަރު 2023 - 12:24 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ފައިލް


ރެޑް ކްރެސެންޓުގެ ފަލަސްތީން އިމަޖެންސީ ފަންޑުގެ މުއްދަތު އިތުރުކޮށްފި

26 އޮކްޓޯބަރު 2023 - 12:24 0

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެ ގައުމަށް އެހީވުމަށް ރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާލާފައިވާ އިމަޖެންސީ ފަންޑަށް ފައިސާ ޖަމާކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ.

ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތް ހިމްޔާ ވިދާޅުވީ، ފަލަސްތީނު ރެޑް ކްރެސެންޓަށް އެހީވުމުގެ ގޮތުން އޮކްޓޯބަރު 14، ގައި ހުޅުވާލި އިމަޖެންސީ ފަންޑަށް ފައިސާ ޖަމާކުރެވޭ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން, ފަލަސްތީނު އިމަޖެންސީ ފަންޑަށް އަންނަ ނޮވެމްބަރު 12، ގެ ނިޔަލަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ހިމްޔާ ވިދާޅުވި އެވެ. މީގެ ކުރިން އޮތީ އަންނަ ހޮނިހިރު ދުވަހަށް ފަންޑުގެ މުއްދަތު ހަމަވާ ގޮތަށެވެ.

ފަންޑުގެ މުއްދަތު އިތުރު ކުރަން ރެޑް ކްރެސެންޓުން ނިންމީ ފަލަސްތީނުގައި ކުރިއަށްދާ ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުގެ އިތުރުން، އާންމުންގެ ވަރަށް ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމުގައި ހިމްޔާ ފާހަގަކުރެއްވި އެވެ.

"ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުންނާ، އާންމުގެ ތެރެއިންނާ އެކި ފަރާތްތަކުގެ އެދުމުގެ މަތިން މި މުއްދަތު[އިމަޖެންސީ ފަންޑަށް ފައިސާ ޖަމާކުރުމުގެ މުއްދަތު] އަޅުގަނޑުމެން މިވަނީ ނޮވެމްބަރު 12، އަށް އިތުރުކޮށްފަ،" ހިމްޔާ ވިދާޅުވި އެވެ.

ހިމްޔާ ވަނީ މި ފަންޑަށް ލިބޭ ހުރިހާ ފައިސާއަކީ ވެސް ފަލަސްތީނު ރެޑް ކްރެސެންޓުގެ އިމަޖެންސީ ފަންޑަށް ފޮނުވޭނެ ފައިސާކަމަށް ވިދާޅުވެފަ އެވެ. އަދި އޮކްޓޯބަރު 24، ގެ ނިޔަލަށް ރެޑް ކްރެސެންޓުގެ އިމަޖެންސީ ފަންޑަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ފައިސާ ޖަމާކޮށްފައިވަނީ އަމިއްލަ ވަކި ވަކި ފަރުދުންކަން ހިމްޔާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ފަންޑަށް ފައިސާ ޖަމާކުރުމުގެ މުއްދަތު އިތުރުކުރި ނަމަވެސް، ވީ އެންމެ އަވަހަކަށް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އޮކްޓޯބަރު 28، ގެ ނިޔަލަށް ލިބޭ ފައިސާ ފަލަސްތީނު ރެޑް ކްރެސެންޓަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރެޑް ކްރެސެންޓުން މައުލޫމާތު ދެ އެވެ.

"މި ހާރު ވެސް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ފަލަސްތީނު ރެޑް ކްރެސެންޓާއި ކަމާއި ގުޅުންހުރި އެކި ބޭންކުތަކާ އެކު ވެސް މަޝްވަރާތައް ވަނީ ފެށިފަ،" ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ހިމްޔާ ފާހަގަކުރެއްވި އެވެ.

ރެޑް ކްރެސެންޓުން ވަނީ ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ގޮތުން، އިޒްރޭލުން އެ ގައުމަށް ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އިޒްރޭލުން މެދުކެނޑުމެއް ނެތި ފަލަސްތީނަސް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 2،700 އަށް ވުރެ ގިނަ ކުޑަ ކުދިން، 1،500 އަށް ވުރެ ގިނަ އަންހެނުން އަދި 300 އަށް ވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.

މި ހަމަލާތަކާއި ގުޅިގެން 17،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފަ އެވެ. އަދި އިމާރާތްތަކުގައި ތާށި ވެފައިވާ މީހުންގެ އަދަދު ކަށަވަރު ނުވާކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން މައުލޫމާތު ދެ އެވެ.