Advertisement

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ އުމުރުފުރާގެ ތިން ފައިނަލުން އުމައިރު އާއި މިޝްކާ ޖާގަ ހޯދައިފި

26 އޮކްޓޯބަރު 2023 - 10:12 0

ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިޝްކާ މުހައްމަދު އިބްރާހިމް ކުޅެނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ އުމުރުފުރާގެ ތިން ފައިނަލުން އުމައިރު އާއި މިޝްކާ ޖާގަ ހޯދައިފި

26 އޮކްޓޯބަރު 2023 - 10:12 0

މިހާރު ކުރިއަށްދާ 28 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖޫނިއާ އުމުރުފުރާގެ ތިން އިވެންޓެއްގެ ފައިނަލުން އުމައިރު މުހައްމަދު މުއިއްޒު އާއި މިޝްކާ މުހައްމަދު އިބްރާހިމް ޖާގަ ހޯދައިފި އެވެ.

ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނޭ މިޝްކާ ޖާގަ ހޯދާފައިވަނީ 15 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ ސިންގަލްސް ފައިނަލްގެ އިތުރުން 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ފައިނަލުންނެވެ.

15 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި މިޝްކާ ނުކުންނާނީ މަރިޔަމް އުޒްމާ އަރީފްއާ ދެކޮޅަށެވެ. 17 އަހަރުން ދަށުގެ ފައިނަލުގައި އޭނާ ނުކުންނާނީ ފާތިމަތު ދީމާ އަލީއާ ދެކޮޅަށެވެ. 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ފައިނަލްގައި މިޝްކާ އާއި އައިޝަތު ޒާރާ ސާހިލްގެ ޕެއާ ނުކުންނާނީ މިންހާ މަހުޖޫބު ސުޖާއު އާއި މަރިޔަމް އުޒްމާ އަރީފްގެ ޕެއާއާ ދެކޮޅަށެވެ.

މި ފައިނަލްތަކުގެ އިތުރުން މިއަދު ކުރިއަށްދާ ފުރަތަމަ ޑިވިޝަންގެ ޑަބަލްސް، މިކްސް ޑަބަލްސް އަދި ސިންގަލްސް އިވެންޓުގެ ފަހު ބުރުގައިވެސް މިޝްކާ ވާދަކުރާނެ އެވެ.

މިޝްކާ އެކޭ އެއްގޮތަށް އުމީރުވެސް ޖާގަ ހޯދީ 15 އަހަރުން ދަށާއި، 17 އަހަރުން ދަށުގެ ސިންގަލްސް ފައިނަލްގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުންނެވެ.

15 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި އުމައިރު ނުކުންނާނީ އައުން އިބްރާހިމް ލަތީފްއާ ދެކޮޅަށެވެ. 17 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި އޭނާ ނުކުންނާނީ ޒީކް ހަސަން ލަތީފްއާ ދެކޮޅަށެވެ. 15 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުގައި އުމައިރު އާއި މުހައްމަދު ހަލަފް ރާފިއުގެ ޕެއާ ނުކުންނާނީ އައުން އާއި މުހައްމަދު އާލް އިމްރާންގެ ޕެއާއާ ދެކޮޅަށެވެ.

28 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހުރިހާ ފައިނަލެއް މިއަދު ނިމޭއިރު، އެންމެ ފޯރިގަދަކޮށް ފެންނަ ފިރިހެން ސިންގަލްސްގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު މެންދުރު ފަހު ކުޅޭނެ އެވެ.

މިގޮތުން ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މޫސާ މުންސިފް އަހުމަދު ނުކުންނާނީ އިބްރާހިމް އައުޒަމް އަޒީމްއާ ދެކޮޅަށެވެ. ދެ ވަނަ ކުއާޓާގައި ރަސިކާ މަނޯޖް ނުކުންނާނީ މުހައްމަދު ތާބިން ސުޖާއުއާ ދެކޮޅަށެވެ. ތިން ވަނަ ކުއާޓާ ފައިނަލުގައި މުހައްމަދު މައިޒަރު އާދަމް ޒާހިރު ނުކުންނާނީ ޒީކް ހަސަން ލަތީފްއާ ދެކޮޅަށެވެ. ފަހު ކުއާޓާގައި މުހައްމަދު ޝައްފާން އިސްމާއިލް ނުކުންނަނީ އަޝާން އަސްވިދާއާ ދެކޮޅަށެވެ.