ލަންޑަން (އޮކްޓޫބަރު 24) - އެންމެ ފަހުން ކުޅުނު މެޗުތަކުގައި އާސެނަލްގެ ގޯލު ބަލަހައްޓަމުން އަންނަ ސްޕެއިނުގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ، ބެންޗުކުރުމުގެ ވިސްނުމެއް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ނެތް ކަމަށް ހާމަވާ ގޮތަށް މީޑިއާގައި ވާހަކަ ދައްކައިފި އެވެ.
މިދިޔަ ސީޒަނުގައި އާސެނަލްގެ އެއް ވަނަ ގޯލްކީޕަރުގެ ގޮތުގައި ހުރި އިނގިރޭސި ކީޕަރު، އާރޮން ރަމްސްޑޭލް އަށް މި ސީޒަނުގައި ފަހަކަށް އައިސް ކުޅެލަން ލިބެނީ މަދު މެޗުތަކެކެވެ. އާސެނަލްގެ ގޯލުގައި ކުޅެމުން އަންނަނީ މި ސީޒަނުގައި އެ ޓީމުން ލޯން އެއްބަސްވުމެއްގައި ގެނައި، ކީޕަރު ރާޔާ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރާޔާ ކައިރިން ޗެލްސީގެ މިކައިލޯ މުޑްރިކް ޖެހި ގޯލުގެ ސަބަބުން އާސެނަލުން ކުރިއަށް ހުރި މެޗުތަކުގައި ކީޕަރުގެ މަގާމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ރަށުންބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ ބުނީ މާ ބޮޑު ބަދަލުތަކެއް ޓީމަށް ނުގެންނާނެ ކަމަށާއި ގިނަ ކުޅުންތެރިން ވެސް ތިބީ މެޗުގައި ބޭނުންކުރެވޭ ހާލަތުގައި ކަމަށެވެ.
"އަހަރެމެންނަށް ލައިން-އަޕް ފެންނާނެ މާދަމާ (މިރޭ). އަހަރެން މެޗަކަށް ޓީމެއް ނުނަގަން ވަކި ކަންތައްތަކަށް ބަލާފައެއް. އަހަރެން ނަގަނީ ޓީމަށް އެންމެ ފައިދާބޮޑު ގޮތަށް،" އާޓެޓާ ބުންޏެވެ.
"ދެން، (ކީޕަރުގެ މަގާމަށް) ބަދަލު ގެންނަން ޖެހޭތޯ ތި ދެކެވޭ ވާހަކަ އަށް. ފުޓްބޯޅަ ދަންނަ މީހަކަށް އެނގޭނެ، މިސްޓޭކަކީ ފުޓްބޯޅައިގެ ބައެއްކަން. ފޯވާޑުން، މިޑްފީލްޑަރުން، ޑިފެންޑަރުން، ގޯލްކީޕަރުން މި ހުރިހާ މަގާމެއްގައި ވެސް ގޯސް ހެދޭނެ. މާނަ އަކީ ކޮންމެ ފަހަރަކު އެ ކަމެއް ބަދަލުކުރާށެކޭ އެއް ނޫން،"
އާޓެޓާ ބުނީ ބޮޑެތި ކްލަބްތަކުގައި ޕްރެޝަރުގައި ކުޅެން ޖެހޭއިރު، ގޯސްތަކެއް ހެދޭ ފަހަރު އެ ވާހަކަ ދައްކާ މިންވަރު ގިނަވާނެ ކަމަށެވެ. މީގެ އޮތީ ކަންކަމާ ކުރިމަތިލުން ކަމަށާއި އެންމެ ބޮޑު ފޯކަސް އަކީ ޓީމުގެ ފޯމު ދެމެހެއްޓޭ ފަދަ ގޮތަކަށް ކަންކަން ނިންމުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
ސެވިލްގެ ސަންޗޭޒް ޕިޒްޗުއާން ސްޓޭޑިއަމްގައި މިރޭ އާސެނަލާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Comment