23 އޮކްޓޯބަރު 2023 - 13:08 0
އަހުމަދު އާއިދު
އެފްއެސްއެމްގެ ލިޔެކިޔުންތައް ނައްތާލާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް.
23 އޮކްޓޯބަރު 2023 - 13:08 0
ނައްތާލީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ލިޔުންތަކެއް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މިއަދު ބުނެފި އެވެ.
އެފްއެސްއެމްގެ ކިޔުންތަކެއް ސިމެންތި ގަށާ މެޝިނަކަށް އަޅައިގެން ފުނޑުކުރާ ވިޑީއޯއެއް ލީކުކޮށްލާފައިވާއިރު، ސޯޝަލް މީޑިއާގައި ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެފްއެސްއެމްއިން މިއަދު މީޑިއާތަކަށް ފޮނުވި ކުރު މެސެޖެއްގައި ބުނީ އެއީ ގުދަކޮށްފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ލިޔުންތަކެއް ކަމަށެވެ.
"މި ކުންފުނީގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލަމުންދާ މަންޒަރު ފެންނަކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،"އެ ކުންފުނިން ބުންޏެވެ.
ހަގީގަތް އޮޅޭ ގޮތަށް ވީޑިއޯ ނަގައި ދައުރުކުރަނީ އާންމުންނަށާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ.
އެހެންވެ، އެ ވީީޑިއޯ ރެކޯޑުކޮށް އާންމުކުރި އެމުވައްޒަފު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެފްއެސްއެމްގެ ސީނިއާ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ މުވައްޒަފު ސަސްޕެންޑުކުރީ ކުންފުނީގެ އުސޫލުގެ އުސޫލުތަށް ކަމަށެވެ.
"ކުންފުނީގެ އެތެރޭގައި ހިންގާ ގަވާއިދާ ހިލާފު ކަންކަމާއި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓު ކުރެވޭނެ ގޮތްތައް އެބަ ހުރި. ވީޑިއޯ ލީކްކޮށްލީ ނުބައި ނިޔަތް އޮވެގެން،" އޭނާ ވިދާޅުވި އެވެ.
ގިނަ ދުވަސްވެފައިވާ ލިޔުންތައް ނައްތާލަން ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި، އެ ނިންމުން ނިންމާފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
Comment