20 އޮކްޓޯބަރު 2023 - 09:26 0
20 އޮކްޓޯބަރު 2023 - 09:26 0
ގާހިރާ، މިސްރު (އޮކްޓޫބަރު 20) - އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެދިއްޖެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް އިޒްރޭލުން ކެނޑިނޭޅި ދެމުން އަންނަ ހަމަލާތަކުގެ ބަދަލުގައި ފަލަސްތީނުން ވެސް މިހާރު އަންނަނީ ހަމަލާ ބަދަލުކުރަމުންނެވެ.
މުސްލިމް ގައުމުތަކުން ފަލަސްތީނުގެ ދިފާއުގަޔާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކިއެކި މަސައްކަތް ކުރަމުން އަންނައިރު، މަޝްހޫރު މުސްލިމް ކުޅުންތެރިން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ފަލަސްތީނުގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.
އެ ގޮތުން، މުސްލިމުންގެ މެދުގައި މަޝްހޫރު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ސަލާހު ވެސް ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް، ކުރި ވީޑިއޯ ޕޯސްޓެއްގައި ފަލަސްތީނުގައި ހިނގަމުން އަންނަ ލާއިންސާނީ ކަންތައްތައް ހުއްޓާލުމަށް ގޮވާލައިފަ އެވެ.
"މި ކަހަލަ ވަގުތެއްގައި ވާހަކަ ދެއްކުން ވަނީ ވަރަށް އުނދަގޫ ކަމަކަށް. ވަރަށް ލާއިންސާނީ ވަރަށް ދެރަ ކަންތައްތަކެއް ހަގީގަތުގައި މި ފެންނަމުންދަނީ. މިއީ އެއްވެސް ވަރަކަށް ހިނގައިގެންވާނެ ކަމެއް ނޫން. ކޮންމެ ފުރާނައެއް ވެސް މުހިންމު. މިއީ ބަލަން ތިބެން ފަސޭހަ ކަމެއް ނޫން. އަހަރެން އެދެނީ ވީ އެންމެ އަވަހަކަށް މި އަމަލުތައް ހުއްޓިގެން ދިއުން،" ސަލާހު ޕޯސްޓްކުރި ވީޑިއޯގައި ބުނެފައިވެ އެވެ.
"މި ވަގުތު އެންމެ މުހިންމު ކަމަކީ އިންސާނީ ހައްގުތައް ކަށަވަރުކުރުން. ގާޒާ އަށް ވީވަރަކުން އެންމެންގެ އެހީތެރިކަން ފޯރުކޮށްދިނުން. ގާޒާގެ މީހުން އެ ދިރިއުޅެނީ ވަރަށް ހިތްދަތި ހާލަތެއްގައި. ހޮސްޕިޓަލްގެ އެ މަންޒަރުތައް ބަލާކަށް ފަސޭހައެއް ނޫން. ގާޒާގެ މީހުންނަށް ފެނާއި ކާބޯތަކެތި އަދި މެޑިކަލް އެހީ ވީ އެންމެ އަވަހަށް ފޯރުކޮށްދީ،"
ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކާ ކުޅުންތެރިންނަށް ބައެއް ކްލަބްތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެ ގޮތުން، ޖަރުމަނުގެ މައިންޒް އަށް ކުޅޭ ނެދަލެންޑްސްގެ ވިންގް، އަންވަރު އެލް ގާޒީ، ވަނީ ކްލަބްގެ ކަންކަމުން ސަސްޕެންޑް ކޮށްފަ އެވެ.
ބަޔާން މިއުނިކް އަށް ކުޅޭ، މޮރޮކޯގެ ނުސައިރް މަޒްރައޮއީގެ މައްސަލައެއް ވެސް އެ ކްލަބުން ބަލަމުން އަންނާތީ އޭނާ ޕްރެކްޓިހުގައި ބައިވެރިއެއްނުވެ އެެވެ.
Comment