Advertisement

މާފަށް ނޭދޭނަމަ ސަންޗޯ ވިއްކާލަން ޔުނައިޓެޑުން ނިންމައިފި

19 އޮކްޓޯބަރު 2023 - 13:11 0


މާފަށް ނޭދޭނަމަ ސަންޗޯ ވިއްކާލަން ޔުނައިޓެޑުން ނިންމައިފި

19 އޮކްޓޯބަރު 2023 - 13:11 0

މެންޗެސްޓާ (އޮކްޓޫބަރު 19) - މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، ޖޭޑަން ސަންޗޯ އާއި އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގް ދެމެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ސުލްހަވެރި ހައްލަކަށް އައުމަށް މާފަށް އެދެން ސަންޗޯ އަށް ދިން ފުރުސަތުގައި އޭނާ އެކަން ނުކުރާނަމަ ޖެނުއަރީ ޓްރާންސްފާގައި ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓްރެއިނިން ތެރޭގައި ސަންޗޯގެ ފަރާތުން ފެންނަ އެޓިޓިއުޑާ މެދު ހިތްހަމަަނުޖެހޭތީ އޭނާ މެޗުތަކުގައި ބޭނުން ކުރެވެން ނެތް ކަމަށް ޓެން ހާގް ބުނުމާ އެކު، އެ ވާހަކަތަކަށް ސަންޗޯ ރައްދުދިނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

އެއާ އެކު، ސަންޗޯ އަށް ޔުނައިޓެޑްގެ މެނޭޖްމަންޓުން އެޅި ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުގައި ފުރަތަމަ ޓީމުގެ ޓްރެއިނިންތަކުން އެކަހެރިކޮށް، ޖޫނިއާ ޓީމުތަކާ އެކު ޓްރެއިނިން ކަންކަން ގެންދިއުމަށް އެންގި އެވެ.

މައްސަލަ އަށް ހައްލެއް ހޯދަައި ކުރިއަށް ދިއުމުގެ ވިސްނުމުގައި ޔުނައިޓެޑުން ވަނީ ސަންޗޯ ގާތުގައި މާފަށް އެދެން އަންގައިފަ އެވެ. އެކަމަކު، މައްސަލަ ހިނގިތާ މަހެއްހާ ދުވަސްވިއިރު ވެސް ސަންޗޯ އެ ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަންޗޯ، މާފަށް ނޭދޭނަަމަ ޖެނުއަރީ ޓްރާންސްފާގައި އޭނާ ވިއްކާލަން ޔުނައިޓެޑްގެ ބޯޑުން އޮތީ ނިންމައިފަ އެވެ. އެ ގޮތުން، ދާއިމީ ޓްރާންސްފާއެއްގައި ދޫކޮށްލެވެން ނެތްނަމަ، ލޯން ޑީލަކަށް ވެސް ޔުނައިޓެޑުން ތައްޔާރެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު ސަންޗޯ ހޯދަން ޖަރުމަނުގެ ކްލަބްތަކާއި އިނގިރޭސި ކްލަބްތަކުން ވެސް ޝައުގުވެރިވެ އެވެ. އެކަމަކު، ޔުނައިޓެޑުން ސަންޗޯ ގަންނަން ކުރި ހޭދައާ އެއްވަރުގެ ބިޑެއް ލިބުމުގެ ފުރުސަތު ކުޑަ އެވެ.

މީގެ ދެ އަހަރު ކުރިން، ޑޯޓްމަންޑުން ސަންޗޯ ޔުނައިޓެޑަށް ވިއްކާލީ އެންމެ ފުރަތަމަ 74 މިލިއަން ޕައުންޑް (100 މިލިއަން ޑޮލަރު) ދޭ ގޮތަށެވެ. އަދި ޔުނައިޓެޑާ އެކު ސަންޗޯ ސޮއިކުރި، 2026 ވަނަ އަހަރުގެ ނިޔަލަށް އޮތް ކޮންޓްރެކްޓްގައި ހިމަނާފައިވާ މާއްދާގައިވާ ގޮތަށް، ސަންޗޯ، ޔުނައިޓެޑްގައި ދައްކާ ކުޅުމަށް ބަލާފައި ޔުނައިޓެޑުން އިތުރު 25 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އޭގެއިން ވަކި ބައެއް މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ލީގު ކަޕް ކާމިޔާބު ކުރުމުން ޑޯޓްމަންޑަށް ދޭން ޖެހުނެވެ.