Advertisement

ވަކިކުރާ ފަނޑިޔާރުންގެ ވަކީލު ހުއްދަ ގެއްލޭ ބިލު ދެވަނަ ފަހަރަށް އަނބުރާ ކޮމިޓީއަށް

18 އޮކްޓޯބަރު 2023 - 14:25 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ވަކިކުރާ ފަނޑިޔާރުންގެ ވަކީލު ހުއްދަ ގެއްލޭ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ފާސްކުރި - ފޮޓޯ: މަޖިލިސް


ވަކިކުރާ ފަނޑިޔާރުންގެ ވަކީލު ހުއްދަ ގެއްލޭ ބިލު ދެވަނަ ފަހަރަށް އަނބުރާ ކޮމިޓީއަށް

18 އޮކްޓޯބަރު 2023 - 14:25 0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލް ކުރަން ޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެންނަ ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން ހުށަހެޅި ރިޕޯޓް ފާސްނުކުރަން 34 މެންބަރުން ވޯޓު ދެއްވި އެވެ. ރިޕޯޓް ފާސްކުރަން ވޯޓު ދެއްވީ ނުވަ މެންބަރެކެވެ.

ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީއަށް އަލުން ފޮނުވަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

މިއީ މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލި ދެވަނަ ފަހަރެވެ. ބިލު ފުރިހަމަ ކުރުމަށް ޓަކައި އަނބުރާ ކޮމިޓީއަށް ފޮނުވައިލިއިރު، މަޖިލީހުގައި މެންބަރުން ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ނިސްބަތަށް އައި ބަދަލުތަކަށް ފަހު ކޮމިޓީތައް ވަނީ އަލުން އެކުލަވައިލައިފަ އެވެ.

ބިލު ފުރަތަމަ އޮތް ގޮތް

ބިލުގައި ބުނާ ގޮތުން ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައި އެ ގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެ ކަމަށެވެ.

އެ ގޮތަށް ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވުމަށް ފަހު، ދެން އެ މީހަކަށް ރާއްޖޭގައި ވަކީލު ކަން ކުރަން، ވަކީލު ކަމުގެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، އެ ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުން ކަމަށް ބުނެފައިވެ އެވެ. ފަސް އަހަރު ނުވާނަމަ ހުށަހެޅިއަސް ހުއްދަ ނުދެވޭނެ ކަމަށް ބިލުގައިވެ އެވެ.

ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރު ކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ފަނޑިޔާރު ކަމުން ވަކިކުރަން ފޮނުވާ މައްސަލާގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ގާނޫނުގައި ދަށުން ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށް ވެސް ބިލުގައިވެ އެވެ.

ބިލަށް ކޮމިޓީން ގެނައި ބަދަލުތައް؛

ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ގެނައި އެއް ބަދަލަކީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކުރާ ނުވަތަ ވަކިވާ ފަނޑިޔާރުން އެ މަގާމުން ވަކިކުރާ ނުވަތަ ވަކިވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށެވެ.

ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެދޭ ގާނޫނީ ވަކީލުން އެ ކަން ބަޔާންކޮށް ބާ ކައުންސިލުން ކަނޑައަޅާ އުސޫލާ އެއް ގޮތަށް އެ ކައުންސިލަށް ހުށަހެޅިދާނެ އެވެ.

އެއަށް ފަހުގައި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި ނުގެނައުމުގެ އިހުތިޔާރު ބާ ކައުންސިލަށް ދީފައިވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށް ފަހުގަ އެވެ.