Advertisement

ރާއްޖެ އިސްލާމީ ދައުލަތަކަށް އެނބުރުނީ ކިހިނެއް؟

17 އޮކްޓޯބަރު 2023 - 07:44 1

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ރާއްޖެ އިސްލާމީ ދައުލަތަކަށް އެނބުރުނީ ކިހިނެއް؟

17 އޮކްޓޯބަރު 2023 - 07:44 1

ހުރަހަށާއި ދިގަށް ފެތުރިފައިވާ ބިމުގެ އެކި ކަންކޮޅުތަކުގައްޔާއި ފެއިވެ ފުޅާވެފައިވާ ކަނޑުގެ ރަށްރަށުގައި އިންސާނުން ގައުމު ގައުމުތަކެއްގެ ގޮތުގައި (މާނައީ ޖަމާއަތެއްގެ ގޮތުގައި) ވަޒަންވެރިވެ ތިއްބެވެ. މިގޮތުގައި ތިބި އިންސާނީ އެކި ޖަމާއަތްތަކުގެ މީހުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ ގުޅުންތައް އުފެއްދުމަށް ލާޒިމު ކުރުވީ އިންސާނީ ޟަރޫރީ ބޭނުންތަކާ އަދި ހަމައެހެންމެ އެކި ކަހަލަ އެދުންތަކެވެ. މިހެންވުމުގެ ސަބަބުން ދުނިޔޭގެ އެކޮޅު މިކޮޅު ހޯދާ ބެލުމުގެ ޝައުގު އިންސާނުން ކިބައިގައި އުފެދި އެއް ގައުމެއްގެ ބަޔަކާއި އަނެއް ގައުމެއްގެ ބަޔަކާ ދެމެދު ދަތުރުފަތުރުތައް ފެށިގެން ދިޔައެވެ. ޟަރޫރީ ބޭނުންތަކާއި އެނޫންވެސް އެހެނިހެން އެދުންތައް ފުއްދުމަށްޓަކައެވެ. މި ގުޅުމުގެ ތެރެއިން އެއްބަޔެއްގެ ފުށުން އަނެއް ބަޔަކަށް ލިބެމުން ދިޔައީ ހަމައެކަނި ކާނާގެ ބާވަތްތަކާއި އެނޫންވެސް ވިޔަފާރި މުދާ އެކަންޏެއް ނޫނެވެ. އިލްމާއި ހުނަރާ އަދި ފަންނުތައް ފަދަ އެތައް ކަމެއްވެސް ދިޔައީ ދޭދޭ ގައުމުތަކުގެ މެދުގައި ބަދަލު ކުރެވެމުންނެވެ.

މި ޒަމާނުގައި ބޯދަށަށް ބާލީހެއް ލައިގެން ގައިގާ ރަޖާ އަޅައިގެން އެނދެއްގައި ދެފައި ދަމައިގެން އޮވެގެންވެސް މީހުން މާދުރު ހިސާބު ހިސާބުން އިލްމީ ފާސްތައް ހޯދަމުން އެބަދެ އެވެ. ނޫނީ އެދުރަކު މާ ދުރުގައި ތިބި އޭނާގެ ދަރިވަރުންނަށް އިލްމު ދެއްވަމުން ގެންދަވަ އެވެ. ޒަމާނުގެ ކުރިއެރުންތައް މައުލޫމާތު ބަދަލު ކުރުމަށް ގެނެސްދީފައިވާ ލުއި ފަސޭހަތަކެވެ. އެހެނަސް މިއާ ހިލާފަށް އިހުގެ ޒަމާންތަކުގައި، މިކަން ހިނގަހިނގާ އޮތީ މިހެނެއް ނޫނެވެ. އިލްމާއި ހުނަރާއި ފަންނު ފަދަ އެންމެހައި މައުލޫމާތެއް، އެއް ބައްރުން އަނެއް ބައްރަށް، މާކަނޑު ހުރަސްކޮށް އެކި ދިމަދިމާއަށް ފެތުރެނީ، މައިގަނޑު ގޮތެއްގައި އިންސާނީ ޟަރޫރަތާއި އެދުންތައް ފުއްދުމަށްޓަކައި ގާއިމުކޮށްފައި ހުރި ވިޔަފާރީގެ މަގުމަގުންނެވެ.

ދިވެހި ގައުމަށް ވިސްނަމާ ހިނގާށެވެ! މައި ކަރަޔަކުން ހިޖުރަކޮށްފައި އައިސް މާ ކަނޑުގައިވާ ރަށްތަކެއްގައި ވަޒަންވެރިވެ ތިބި ޖަމާއަތެއްގެ ބަޔެކެވެ. މީގެ އެތަކެއް ހާސް އަހަރު ކުރިން އައިސް މި ރަށްތައް އާބާދު ކުރި ބައެކެވެ. މައި ކަރަ ދޫކޮށް މިތަނަށް އަންނާން ޖެހުނު ސަބަބަކީ ކޮބައި ކަމެއް ނޭނގެ އެވެ. އެކަން އޮތީ ނޭނގުމެއްގެ ތެރޭގައި ކަމަށް ވިޔަސް އެބައި މީހުން މިތަނުގައި ވަޒަންވެރިވީ ހަމަ އެއްވެސް ވިސްނާލުމެއް ނެތި ނޫންކަންވެސް ހާމަވެ އެވެ. އެއީ ދިވެހި ކާބަފައިންނަށް މިރަށްތަކުގައި ވަޒަންވެރިވުމުން އެބައިމީހުންނަށް ހޯދޭނެ ފައިދާ އާއި މަންފާ ކިތަންމެހާ ވެސް ރަނގަޅަށް އެނގޭތީ އެވެ. އެހެނީ މިއީ އިސްވެ މަތީގައި ދެންނެވުނު ފަދަ މަޝްހޫރު ވިޔަފާރި މަގެއްގެ މެދުގައި އުފެދިފައިވާ ރަށްތަކަކަށް ވާތީއެވެ.

ވިޔަފާރީގެ މައި މަގެއްގެ މެދުގައި، ކުދިކުދި ރަށްތަކެއްގެ ތެރޭގައި، ދިވެހި ކާބަފައިން ވަޒަންވެރިވެފައި އެވަނީ ވިސްނުންތަކެއް ވިސްނާފާކަން އެނގޭ އަނެއް ސަބަބަކީ އެބައިމީހުންގެ އަމިއްލަ ދައުލަތެއް މިތަނުގައި އިއުލާން ކޮށްގެން ތިބީމައެވެ. އައްސަވާށެވެ! އެދިމާވި ކޮންމެވެސް ސަބަބަކާ ހުރެ މައި ކަރަ ދޫކޮށް މިރަށްތަކަށް ހިޖުރަ ކުރި ދިވެހި ކާބަފައިންނަށް މިއީ އެބައިމީހުންގެ ގައުމަށް ދިރިދެމެމުން ކުރިޔަށް ދެވިދާނެ ތަނެއްކަން އެނގިފައި އެވަނީ މި ތަނުގެ މުހިންމުކަމާއި މިތަނުން އިންތިހާ ދަރަޖައިގެ ނަފާ ހޯދޭނެކަން އެނގޭތީ އެވެ. މިތަން މިލްކުވެ އޮތް ބަޔަކަށް އެތަކެއް މަންފާތަކެއް ކުރަމުންދާނެކަންވެސް އެނގޭތީ އެވެ. އަދި މިތަނުގެ ޚާލިސް ނަފާ އާއި މަންފާ އެބައި މީހުންނަށް ކުރަމުން ދާނީ އަމިއްލަވަންތަ ކަމެއްގެ މަތީގައި ތިބެގެންކަން ވެސް އެނގޭތީ އެވެ. އެހެން ކަމުން ދިވެހީންގެ ރަސްކަމޭ ބުނެ ވަކި ދައުލަތެއް ވެސް އިއުލާން ކޮށްގެން ތިބީ އެވެ.

އާދޭހެވެ! ކޮންމެ "ސްޓްރެޓީޖިކު" މުހިންމު ތަނަކީ އެތަނެއްގެ މައްޗަށް އަނެކުން ކަޅި އަޅަމުންދާނެ ތަންތަނެވެ. ވަކިން ހާއްސަކޮށް އެފަދަ ތަނަކުން މުއްސަނދިކަމާ ނަފާވެރިކަން ހޯދެން އޮތްނަމަ އެތަނެއްގެ ކަންޓުރޯލު ހޯދުމަށް މަސައްކަތް ކުރާނެ އަނެކުން އަބަދުވެސް ތިބޭނެ އެވެ. މިހެން ކަމުން އެފަދަ ތަނެއްގައި ބަޔަކު އައިސް ވަޒަންވެރިވުމުގެ ކުރިން އެތަނެއް ދިފާއު ކުރެވޭނެ ކަހަލަ ގޮތްތަކެއް ހުރިތޯ ބަލާނެ އެވެ. އެއް ބައްރަކަށް ހިކިފައި ހުންނަ ތަންތަނުގައި ނަމަ ބޮޑެތި ކިއްލާތަކާ، ފައުރުތައް ހަދަހަދައިގެން ތިބެއެވެ. ދިވެހި ކާބަފައިން މި ވަޒަންވެރިވެ މިލްކު ކުރި ބިމުގެ ދިފާއަކަށް އޮތީ ފަރުފަރާއި ގިރިތަކެވެ.

މަގުރިބް ކަރައިން ހދ. ނޮޅިވަރަންފަރަށް ވިޔަފާރިކަމުގައި ޒިޔާރަތް ކުރި އަރައްބެއްގެ ޒިޔާރަތް


ގުދުރަތުން ދެއްވާފައިވާ އެ ކިއްލާތަކާއި ފައުރުތަކުން ދައުލަތް ދިފާއުވެފައި އޮތެވެ. ހަމަ އެހެންމެ އިންޑިޔާ ކަނޑުގެ ތެރޭގައި ވިޔަފާރި އައިގެން ދުއްވަމުން ދިޔަހާ ނައުޒޯންގު ފަހަރުތައް މަޑުކޮށް، ފެން ބަރުކޮށް، ދަތުރުވެރީން އަރާމުކޮށްލާ ވިޔަފާރިކޮށްލާ ހަދާ ކަހަލަ ބަނދަރުތަކެއް ހުރި ދައުލަތެއްގެ ގޮތުގައި އޮވެގެންވެސްމެ އެވެ. އެފަދަ ނައުޒޯންގު ފަހަރުތައް އިންޑިޔާ ކަނޑު ހުރަސްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް ރާއްޖެ ވަންނަނީ އެކަމަށްޓަކައި ހާއްސަ ކުރެވިފައި ހުންނަ ދަތުރުވެރިންނަށް ދައްކައިދީފައި ހުންނަ ދޮރޯށިތަކަކުން (ކަނޑުއޮޅިތަކަކުން) ނެވެ. މި ދެންނެވި ފަދައިން އެ ޒަމާނުގައި އިންޑިޔާ ކަނޑުގައި އެކި ކޮޅުކޮޅަށް ދަތުރު ކުރި ނައުފަހަރުތައް އެންމެ ގިނައިން ރާއްޖެއަށް ވަދެ ބަނދަރުކޮށް އުޅުނު އެއް އަތޮޅަކީ މާޅޮސް މަޑުލެވެ. އެއީ ދުނިޔޭގެ އިހުގެ ދަތުރުފަތުރާ ގުޅޭ ފޮތްފޮތުންވެސް ޖާގަ ހޯދައިފައިވާ "އިންޓަރނޭޝަނަލް ޓްރާންސިޓު" ބަނދަރެކެވެ.

އިންޑިޔާ ކަނޑުގެ މައްޗަށް ދެން ނަޒަރު ހިންގަވާށެވެ. މިހާރުގެ ގުރީސޭ އެ ކިޔުނު ދައުލަތުގެ މީހުން، އާދެ ޔޫނާނީ ކަރައިގެ މީހުން މި ކަނޑުގައި ވިޔަފާރި އައިގެން އުޅުނެވެ. މަޝްހޫރު ސިކަންދަރު ނުވަތަ އިނގިރޭސި ބަހުން ދަންނަވާނަމަ އެލެގްޒެންޑަ ދަ ގްރޭޓު އިންޑިޔާ ބައްރަށް އޭނާގެ ލަޝްކަރައިގެން އައެވެ. މި ދައްކަނީ އީސާގެފާނު އުފަންވެވަޑައިގަތުމުގެ އެތައް ސަތޭކަ އަހަރެއް ކުރީގެ ވާހަކަ އެވެ. އެއިރުވެސް މި ރަށްތަކުގައި ދިވެހީން ދިރިއުޅެ އެވެ. ފާރިސްކަރައިގެ ގޮނޑުދޮށުގެ ސަހަރުތަކަށާއި އުމާނާއި އަދި އިންޑިޔާ ބައްރުގެ ސަހަރުތަކާއި ސިލޯނު ފަދަ ތަންތަނަށް ދަތުރުކޮށް ހަދަމުންނެވެ. ކޮލޮމްބޯގެ ރޯޔަލް އޭޝިޔާޓިކު ސޮސައިޓީގެ ރައީސްކަން ކުރައްވާފައިވާ މަޝްހޫރު ޕްރޮފެސަރެއްކަމުގައިވާ ޑީނީސް ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި އޮޑިފަހަރުގެ ކިއްސަރާ އެޒަމާނުގެ ގުރީސާ ގުޅުމެއް އެބައޮތެވެ. މި ވާހަކަ މިތަނުގައި ބަޔާން މިކޮށްލީ ދަތުރު ފަތުރުގެ މަގުން އިލްމާ ފަންނާ ހުނަރު ދަތުރު ކުރާ ކުރުމަށް ރިއާޔަތް ކޮށްލުމުގެ ގޮތުންނެވެ.

ހެލެނިސްޓިކު ޒަމާން ނިމި ދެން އިންޑިޔާ ކަނޑުގެ ވިޔަފާރި ފުރޮޅުނީ މަޝްހޫރު ރޫމީ އަންބަރާޠޫރިއްޔާ (ރޯމަން އެމްޕަޔަރ) ގެ މައްޗަށެވެ. ރޫމީންގެ ފައިސާ އާއި އެމީހުންނާ ގުޅުން ހުރި ކަންވާރުގެ އެކި ބާވަތްތައް ދިވެހިރާއްޖެއިން ފެނިފައި އެބަ ހުއްޓެވެ. ރޫމީންގެ އަމްބަރުޒޯރުގެ (އެމްޕެރާގެ) އަރިހަށް ދިވެހި ރަސްކަމުގެ ފަރާތުން ސަފީރުން ފޮނުއްވި ވާހަކަ އެބައިމީހުންގެ ފޮތްފޮތުގައި ލިޔެފައި އެބަހުއްޓެވެ. ދިވެއްސަކު އެބައިމީހުންގެ އަމްބަރުޒޯރުގެ ދަރުބާރުގައި ( އެމްޕެރޯގެ ދަރުބާރުގައި) އުޅުނުކަންވެސް އެނގެން އެބަ ހުއްޓެވެ. ރޫމީން ދިވެހިރާއްޖެއިން ގަނެގެން ކިތަންމެ މުދަލެއް އެމީހުންގެ ވެރިރަށަށް ގެންގޮސްފައި އެބަހުއްޓެވެ. ދިވެހީންގެ ތެރެޔަށް އެބައިމީހުންގެ ކިތަންމެ ފަންނަކާ ހުނަރެއް ވަދެފައިވެސްވެއެވެ.

އާދޭހެވެ! މި ދެންނެވި ދެ ޒަމާނުގައި ދިވެހި ރާއްޖެ އޮތީ ބުދިޒަމަށެވެ. ފެންނަ އާސާރީ ހެކިތަކުން އެނގެނީ އޭގެ މަހަޔާނާ ގޮފީގެ ތަންތިރިކޭ ކިޔުނު ޒާތުގެ ބުދިޒަމުކަމެވެ. ރާއްޖެއިން ފެންނަން ހުރި ބުދިޒަމުގެ ބައެއް އާސާރުތައް ބެއްލެވި ޕްރޮފެސަރުންނާ އާކިއޮލޮޖިސްޓުންގެ ބަހުން އެނގޭ ގޮތުގައި ބުދިޒަމު ފެށިގެން އައި ދުވަސްވަރާ ގާތްކުރާ ޒަމާނެއްގެ އާސާރު ރާއްޖެއިން ފެންނަން އެބަހުއްޓެވެ. މާނައަކީ އީސާގެފާނު އުފަންވެވަޑައިގަތުމުގެ މާކުރީ ޒަމާނުއްސުރެ މިރަށްތަކުގައި މީހުން އާބާދުވެ ދިރިއުޅެމުން އައިސްފައިވާކަމެވެ. ދިވެހިރާއްޖެއަކީ އިހަށް ދުވަހު އުފަންވި ގައުމެކޭ ބުނާ ކޮންމެ މީހެއްގެ ކުރިމައްޗަށް ހުށައަޅަން ހުރި އާސާރީ ހެކިތަކެވެ.

މި ދެންނެވުނު ދުވަސްވަރުގައި ރާއްޖެ އާއި އެންމެ ގާތަށް އޮތް އަދި ދިވެހީން ވިޔަފާރިކަމު ގޮސް އުޅޭ ދެކުނު އިންޑިޔާގެ ސަހަރުތަކުގައި ވެސް ބުދިޒަމުގެ އެ ގޮފި މޫލާފައި އޮތެވެ. މިހެންކަމުން ބެލެވެނީ އެ ސަހަރުތަކުން ރާއްޖެއަށް އޭގެ ނުފޫޒާ އަސަރު ފޯރަމުން ދާނެކަމެވެ. ދަތުރުފަތުރުން ބަދަލު ކުރެވެމުންދާ މައުލޫމާތުގެ ތެރެއިންނެވެ. އެހެންނަމަވެސް މީލާދުން 700 ވަނަ އަހަރާއި ހަމައަށް އައި އިރު ދެކުނު އިންޑިޔާގެ ތެރެއިން ބުދިޒަމުގެ އަސަރު ފިލަން ފައްޓައިފި އެވެ. ހިންދީ ދީނަށާއި އެހެނިހެން ދީންތަކަށް އެކި ސަހަރުތައް އެނބުރެން ފަށައިފިއެވެ. މިކަމުގެ ސަބަބެއްކަމަށް ގިނަ މުއައްރިޚުން ލިޔުއްވަނީ އެ ސަހަރު ސަހަރުތަކުގައި ތިއްބެވި ރަސްކަލުންގެ އެ ދީންތަކުން ދުރުވެ ދިޔުމެވެ.

ދިވެހިން ބޭރު ދަތުރުކުރަން އިހުޒަމާނުގައި ބޭނުންކުރި އޮޑިއެއް


މި ގޮތަށް ކަން ހިނގަމުން ދިޔައިރު އިންޑިޔާ ކަނޑަށް ވަނީ އެހެން ބާރެއް އައިސްފައެވެ. ޔޫނާނީންގެ އަތުން ރޫމީން ހޯދައިގަތް އިންޑިޔާ ކަނޑު، އެބައި މީހުންގެ އަތުން އަރަބީން ވަނީ ހޯދައިގަތްފަ އެވެ. މިއަށްވުރެ ޞަރީހަކޮށް ދަންނަވާނަމަ މުސްލިމުންގެ މީހުންނެވެ. އެއިރުގެ މުސްލިމުންނަކީ އިލްމާއި ފަންނާއި ހުނަރުގައި ދުނިޔޭގައި އެންމެ ކުރިއަރާފައި ތިބި މީހުންނެވެ. ފިޒިކްސް، ކެމިސްޓްރީ، ހިސާބު އިލްމު، ޖޯގުރަފީ ނެވިގޭޝަން އަދި ފަލްސަފާ ފަދަ އެތައް އިލްމީ ދާއިރާއެއްގެ ކުރި ފަޅާ އިސްލާމުންގެ ތެރޭގައި އެ ހެދިބޮޑުވެފައިވެ އެވެ. މި ދެންނެވި ދާއިރާތަކުގެ ބޮޑެތި އާލިމުން ތިއްބެވެ. ދުނިޔޭގެ ސުޕަ ޕަވަރު، ރޫމީން ބަލިކޮށް އައު ސްޕަ ޕަވަރަކަށް އަރަބީން ވެދިޔައީވެސް އެހެންވެ އެވެ.

އިންޑިޔާ ކަނޑުގައި އަރަބީންގެ ނައު ފަހަރުތައް ވިޔަފާރި އައިގެން އެކޮޅު މިކޮޅަށް ދުއްވާން ފައްޓައިފި އެވެ. އޭގެ ތެރޭގައި ދަތުރު ކުރަމުން ދިޔައީ ހަމައެކަނި ސައުދާގަރުންނާއި މަހުޖަނުންނެއް ނޫނެވެ. ކިއެއްތަ ދުނިޔޭގެ އަޖާއިބުތައް ދެކިލާން ދަތުރު ކުރަމުން ދިޔަ ބުއްދިވެރީންނާ އިލްމުވެރީންނާއި ފަލްސަފާވެރިން ފަދަ އެތައް ބައެކެވެ. މިފަދަ ބޭބޭކަލުންގެ ފުށުން ދެކުނު އިންޑިޔާގެ ގޮނޑުދޮށްތަކުގައިވާ ސަހަރުތަކަށް އިސްލާމީ ހިދާޔަތުގެ ނޫރު ފޯރަމުން ދިޔަ އެވެ. ރާއްޖެއަކީވެސް ހަމަ އެ ކަނޑުގައި އޮތް ވިޔަފާރީގެ ބަނދަރެއްކަމުން މި ދެންނެވި ބީދައިން އަރަބި ނައު ފަހަރުތައް ދިވެހީންގެ ބަނދަރުތަކުގައިވެސް ބަނދަރުކުރަމުން ގޮސްފައިވެ އެވެ. މިކަން އެނގެނީ ރާއްޖެ އިސްލާމުވުމުގެ މާކުރިއްސުރެ އަރަބި އެކި އެކި އިލްމުވެރީން ދިވެހިރާއްޖޭގެ ވާހަކަ އެބައިމީހުންގެ ފޮތްފޮތުގައި ލިޔެފައިވާތީ އެވެ. އެންމެ ފޮތެއްގައެއް ނޫނެވެ. ކިތަންމެ ފޮތެއްގަ އެވެ.

ދިވެހީން ވިޔަފާރިކަމު ގޮސް އުޅޭ މައި ތަންތަނުގެ ގޮތުގައި ހިމެނޭ ބަބުރުކަރައިގެ ބަރުބަރީ ސަހަރާ (މިހާރުގެ ސޯމާލިޔާގެ ރަށެއް) ފާރިސްކަރައިގެ ސިރަފޭ ކިޔުނު ސަހަރާ އަދި އިންޑިޔާ ބައްރުގެ މަލާބާރުކަރަ ފަދަ ތަންތަނަށްވެސް މި ވިޔަފާރީގެ ގުޅުމުގެ ތެރެއިން އިސްލާމުން ވަޒަންވެރިވުމާ އެނޫންވެސް ގޮތްގޮތުން އޮތީ އިސްލާމުދީން ފެތުރެން ފަށައިފަ އެވެ. ވީމާ ވިޔަފާރި އައިގެން ދިވެހީން ދަތުރު ކުރަމުން ދިޔަ ތަންތަނުގައިވެސް އޮތީ އިސްލާމުދީނުގެ މަތިވެރި ނޫރު ފެތުރެން ފަށާފައެވެ. ނޫނީ ފެތުރި މޫލާފަ އެވެ. ހަމައެހެންމެ ކުރިންވެސް ދަންނަވާލެވުނު ފަދައިން ވިޔަފާރި އައިގެން ރާއްޖެއަށް އައިސްގޮސްވެ އުޅޭ އަރަބި ނައުފަހަރުތަކުން ވެސް އިސްލާމުދީނުގެ މައުލޫމާތު ފެތުރި އާއްމުވަމުން ދާނެ އެވެ.

ދިވެހީން ދަތުރު ކުރަމުން ދިޔަ ވިޔަފާރި ބަނދަރުތަކުން ދިމާވާ އިސްލާމުންގެ ރިވެތި އަހުލާގާއި އެބައި މީހުން ދައްކަމުން ދިޔަ ތެދުވެރިކަމާއި އަމާނާތްތެރިކަން ދިވެހީންނަށް ފެންނާނެ އެވެ. އެބައިމީހުންގެ ނަފުސުގައި ހުންނަ ހިތްހެޔޮކަމާއި އަނެކުންނަށް އަޅާލުން ހުރި މިންވަރު ފެންނާނެއެވެ. ދީނުގެ ގޮތްތަކުން އިންސާނުން ގިންތި ކުރުމާއި ދަރަޖަ ކުރުމުން ދުރުހެލިވެފައި އޮތް ދީނަކަށް ތަބައަވެގެން ނަފުސުގެ މިނިވަންކަމާއެކު އުޅޭތަން ފެންނާނެ އެވެ. ޝައިޠާނީ ގުރުބާންތަކާ ހާމުދުރުންނަށް އަޅުދާސްތުވެގެން އުޅެންޖެހޭ އުޅުން ނެތް ސާފު ދިރިއުޅުމެއްގައި އުޅެވޭ ދީނެއް ފެންނާނެ އެވެ. މިހެންކަމުން މި އެންމެހާ ކަންކަމާއެކު އާއްމު ދިވެހީންގެ ތެރޭގައި އެއިރު އޮންނާނީ އިސްލާމުދީން ފެތުރެން ފަށާފަ އެވެ. ސިއްރިޔާތުގައި އިސްލާމުދީނުގެ މައުލޫމާތު އަތޮޅާއި ރަށުގެ އާއްމުންގެ ތެރޭގައި ފެތުރެމުން ދާނެ އެވެ.

އާއްމުންގެ މެދުގައި ދީން ފެތުރެމުން ދިޔަސް ދައުލަތެއް އެއް ދީނުން އަނެއް ދީނަށް އެނބުރޭނީ އެ ދައުލަތެއްގެ ސަރުކާރު އެ ދީނަކަށް އެނބުރިގެންނެވެ. ގައުމެއްގެ ބަޔަކާ އެކު ވިޔަފާރީގެ ގުޅުންތައް ހިނގާނަމަ އެ ވިޔަފާރިއެއްގެ ތެރޭގައި އުޅޭ ފައިސާވެރި ސައުދާގަރުންނާ އެގައުމެއްގެ ވެރިކުލައިގެ މީހުންނާވެސް އޮންނާނީ ރަޙުމަތްތެރިކަމުގެ ގުޅުންތަކެއް އުފެދިފަ އެވެ. މިހެންކަމުން އަރަބީންނާ ދިވެހީންނާ ދެމެދު ވިޔަފާރީގެ ގުޅުން އުފެދުނު ހިސާބުން ވިޔަފާރި އުޅަނދުތައް ވަދެ އުޅޭ އަތޮޅުތޮޅާއި ރަށްރަށުގައި ތިއްބަވާ ވެރީންނާ އެބައިމީހުންނާ ދެމެދު ގާތް ގުޅުންތަކެއް އުފެދިފައި ހުންނާނެ އެވެ. އަދި އެގުޅުމުގެ މަތީގައި ދެތިން ގަރުނެއް ފާއިތުވާއިރު އެއްބައެއްގެ ފުށުން އަނެއް ބަޔަކަށް ލިބޭ ލައްކަ މައުލޫމާތުވެސް ހުންނާނެ އެވެ. މިގޮތުގެ މަތީންވެސް ރާއްޖޭގައި އިސްލާމުދީން އޮންނާނީ ފެތުރެން ފަށައިފަ އެވެ. އަތޮޅުތޮޅުގައި ތިއްބަވާ ވެރިކުލައިގެ މީހުން މައި ރަސްގެފާނަށް، އާދެ މާލޭގައި ހުންނަވާ މަހާ ރަދުންނަށް ސިއްރިޔާތުގަ އެވެ.

ބުދިއްޓު ޒަމާނުގައި ތޮއްޑޫގައި ހުރި ދާގަބާ


މިހެން ކަމުން މީލާދުން ގާތްގަނޑަކަށް 700 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް އިސްލާމީ ނޫރުގެ އަލިކަން އޮންނާނީ ފާޅުވާން ފަށާފަ އެވެ. އެދުވަސްވަރުން ފެށިގެން އާއްމުނާއި ބައެއް ވެރިކުލައިގެ މީހުން ސިއްރިޔާތުގައި އިސްލާމުދީނަށް އެނބުރެން ފަށައިފައިވާނެ އެވެ. ހަމަ މި ދުވަސްވަރުގައި ދެކުނު އިންޑިޔާގެ ސަރަހައްދުތަކުގައި ހިނގަމުން ދިޔަ ކަންކަމަށްވެސް ރިއާޔަތް ކުރަން ޖެހެ އެވެ. އެއީ ހިންދީ ދީނުގެ ދައުލަތްތައް އުފަންވެ ބުދިޒަމު ފޮހެން ފައްޓާފައިވުމެވެ. ބުދިސްޓު އުސޫލު ދަމަހައްޓަމުން ދިޔަ ދައުލަތްތަކާ ހަނގުރާމަ ކުރަން ފައްޓާފައިވުމެވެ. މިހެންކަމުން މިއީ ދިވެހިރާއްޖެއަށް ކުރިމަތިވާނެ ވަރަށް ބޮޑު އުނދަގުލެއްކަންވެސް ދަންނަން ވާނެ އެވެ.

ރާއްޖެއީ ވިޔަފާރި އައިގެން ކޮންމެހެންވެސް މައި ކަރަޔަށް ދަތުރުކުރަން ޖެހޭ ބައެކެވެ. ކާޑާ އެނޫންވެސް ޟަރޫރަތްތައް ފުއްދުމަށެވެ. އެދުވަސްވަރު ބުދިސްޓު ދައުލަތެއްގެ ގޮތުގައި އޮވެގެން އެފަދަ މީހުނާ ހަނގުރާމަ ކުރަމުން ދިޔަ ސަހަރުތަކަކަށް ދަތުރު ކުރުމުގައި ދިވެހީން ވެސް ވިސްނާލާނެ އެވެ. ރާއްޖޭގެ ރަސްކަމުގެ ފަރާތުންވެސް މަޑުމަޑުން ބުދިޒަމާ ދުރަށް ދާން ފެއްޓި އެއް ސަބަބަކީ މި ދެންނެވި ފަދައިން ދައުލަތުގެ މިނިވަންކަމާ އިސްތިގުލާލަށް އެކަމުން ބުރޫ އެރުމުގެ ބިރު އޮތުމުންކަމަށް ވުމަކީ އެކަށޭނަކަމެކެވެ.

އިސްވެ މި ދެންނެވި ފަދަ ސަބަބެއް އޮވެދާނެކަމަށް ބާރު ލިބޭ އެންމެ ބޮޑު އެއް ތާރީހީ ހާދިސާއަކީ އެޒަމާނުގައި މި ސަރަޙައްދުގައި އުފެދުނު އެންމެ ބޮޑު "ސުޕަ ޕަވަރުން" ދިވެހިރާއްޖެއާ ދިމާކޮށްގަތުމެވެ. އެއީ ޗޯޅާއިންނެވެ. އެބައިމީހުން ދެ ފަހަރެއްގެ މަތިން ރާއްޖެ އާއި ދިމާކުރި އެވެ. އެއީ ރާޖަރާޖަ ދަ ގްރޭޓޭ ކިޔުނު ރަސްގެފާނުގެ ރަސްކަމުން 29 ވަނަ އަހަރުގައްޔާއި މިރަސްގެފާނުގެ ދަރިކަލުން ރާޖެންދުރަ ޗޯޅާގެ ރަސްކަމުން 5 ވަނަ އަހަރުގަ އެވެ. ރާއްޖޭގެ ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުން އުތުރުގެ ބައެއް އަތޮޅުތައް އެބައިމީހުންގެ އަތްދަށަށް ދިޔައެވެ. މި ދެންނެވި ޗޯޅާއިންނަކީވެސް އިންޑިޔާގެ މައި ކަރައިން ބުދިޒަމް ފޮހެލާ ހިންދުއިޒަމު ފަތުރަން ފޫގަޅައިގެން ތިބި ބައެކެވެ. ޗޯޅާއިންގެ ހަމަލާ އާއި ރާއްޖެ އިސްލާމު ދީނަށް ރަސްމީކޮށް އެނބުރުމާ ދެމެދު ހުރީ 100 ވަރަކަށް އަހަރުގެ ފަރަގެވެ. ވީމާ އިސްވެ ދެންނެވުނު ސަބަބަކީ ވުން ގާތް ގޮތެއްކަމަށް ބެލެވެއެވެ.

އާދޭހެވެ! ރަސްމީ ހައިސިއްޔަތުން ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްކަމަށް އަނބުރުނީ މީލާދުން 1153 ވަނަ އަހަރުގެ ޖޫން ނޫނީ ޖުލައި ތެރޭގަ އެވެ. އިސްލާމީ ދައުލަތަކަށް މި ރާއްޖެ އަނބުރާލެއްވި ބަތޮލަކީ އެއިރު ދިވެހީންގެ ޒަމާންވީ ސިންގާ ތަހުތުގައި އިންނެވި ސްވަސްތީ ސްރީ ތްރިބުވަނަ އާދީއްތަ މަހާރަދުންނެވެ. އެއީ 35 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރަސްކަލެކެވެ. އިސްލާމުދީނުގެ މައްޗަށް ވެރިކަން ކުރެއްވީ ރަސްކަމުގެ ފަހު 12 އަހަރެވެ. އެރަސްގެފާނުން މާލޭ ގައްޔާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބެހެއްޓެވި އެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ބައެއް ތަންތަނަކީ މާލޭ ހުކުރު މިސްކިތް އެހުރި ތަނުގައި ބެހެއްޓެވި މިސްކިތަކާއި މާލޭގައި އެހުރި ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި ނިލަންދެ އަތޮޅު ނިލަންދޫގައި އެހުރި އާސާރީ މިސްކިތާއި އައްޑު އަތޮޅު ގަމުގައި އެހުރި މާ މިސްކިތް ހުރި ތަނުގައި ބެހެއްޓެވި މިސްކިތެވެ. އެރަދުން ބިންގާ އަޅުއްވާ ދެއްވީ އިސްލާމީ ހަޟާރަތެއްގެ ބިންގަލެވެ. އެ ބިންގަލުގެ މަތީގައި މި ދިވެހިރާއްޖެ ދަތުރުކުރަމުން އަންނަތާ 850 އަށް ވުރެ ގިނަ އަހަރުވީއެވެ.

ރާއްޖެ އިސްލާމުވި ހާދިސާ އާއި ގުޅުވައިގެން ކިޔާ އުޅޭ ރަންނަމާރި ފޯކުލޯރަކީ ދިވެހީންގެ ގަދީމީ ތާރީހު އުނގެނުމަށް މުހިންމު ވާހަކައެކެވެ. އެ ވާހަކައިން ވަރަށް ޞަރީޙަކޮށް ތަންތިރިކު ބުދިޒަމުގެ އަމަލުތަކަށް އިޝާރަތް ކުރޭވެސްމެ އެވެ. ހަމައެހެންމެ އެނޫނަސް ދިވެހީންގެ މުސްކުޅި ގަދީމީ އެހެނިހެން ހަބަރު އަޚުބާރުތަކުގެ މައްޗަށް އިޝާރާތް ކުރެއެވެ. އެއީ ގަދީމީ ދިވެހި ތާރީހު ފަހުމުކުރުމަށް މަގެއް ހޯދޭނެ މުހިންމު ވާހަކައެކެވެ. އެހެނަސް ދަންނާށެވެ! ރަންނަމާރި އާއި "ދަރުމަވަންތަ ރަސްގެފާނު" އައްސުލްޠާން މުޙައްމަދު ބުނު އަބްދުﷲ އާއި އެއްވެސް ގުޅުމެއް ނުވެ އެވެ. އެ ނަޖިސް އަމަލުން އެ މާތް ރަދުން ބަރީއަވެގެންވެ އެވެ. އެފަދަ ތުހުމަތެއް އެރަދުންގެ އިސްތަށިފުޅުގައި އެޅުވޭނެ ތާރީހީ މަންޠިޤީ އެއްވެސް ހަމައެއް ނެތެވެ. އެއީ ތާރީހުގެ އެއްވެސް އަސްލަކަށް ބެލުމެއް ނެތި ފޯކުލޯރުތައް އުފެދިފައި ހުންނަ ގޮތްތަކާއި އޭގެ ޠަބީޢަތަށް ވިސްނާލުމެއް ނެތި ބަޔަކު ދައްކާ އުޅޭ ވާހަކައެކެވެ.