Advertisement

ހިތި ނަމަވެސް މޫސުމީ ބަދަލަކީ ރާއްޖޭގެ ހަގީގަތް!

17 އޮކްޓޯބަރު 2023 - 08:48 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހިތި ނަމަވެސް މޫސުމީ ބަދަލަކީ ރާއްޖޭގެ ހަގީގަތް!

17 އޮކްޓޯބަރު 2023 - 08:48 2

"އެއީ އަބަދުވެސް ދައްކާ ވާހަކައެއް.... އަޅުގަނޑަކަށް ހީއެއް ނުވޭ އެއީ [ނާސާ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ރިޕޯޓުތައް] ހަގީގަތެއް ހެނެއް. މީގެ 50 އަހަރު ކުރިން ވެސް އެ ވާހަކަ ދެއްކި. ކަނޑުގެ ލޮނުގަނޑު އެހާ ބޮޑަށް އުފުލޭ މަންޒަރެއް އަޅުގަނޑުމެންނަށް ނުފެނޭ."

މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް އަސަރުކުރާ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. މި 1,192 ޖަޒީރާގައި އުޅެ ބޮޑުވާ ކޮންމެ މީހެއް ވެސް މި ހަގީގަތް ދަންނާނެ އެވެ. އެހެން ނަމަވެސް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ވާހަކަ ފެއްޓެވީ އެ ހިސާބުންނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާއި ގުޅޭ ގޮތުން ސައިންސްވެރިން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވި އެވެ. ކަނޑުން މައްޗަށް އެންމެ މީޓަރަކަށް އުފުލިފައިވާ މި ޖަޒީރާ ރަށްތަކަށް މޫސުމީ ބަދަލުތަކުން ބޮޑު އަސަރެއް ނުކުރާ ކަމަށް ވިދާޅުވެ، އެންމެ ފަހުން ސައިންސްވެރިން އަމިއްލައަށް ރާއްޖެ އައިސް އެކަން ބެލުމަށް އެމަނިކުފާނު ދައުވަތު ވެސް އެރުވި އެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި ގެއްލުންވެފައި. ހިއްކައިގެން ރަށްރަށް ހެދުމުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ އަސަރު ކުރާ މިންވަރު ވަނީ އިތުރުވެފައި --- ފޮޓޯ: ފައިލް


ފާއިތުވި 100 އަހަރު މި ދުނިޔޭގެ ވެއްޓަށާއި މޫސުމަށް އައި ބަދަލުތައް އޭގެ ކުރީ 1,000 އަހަރާ ނުބައްދަލެވެ. ތެދެކެވެ. އަބަދުވެސް މޫސުމަކީ ބަދަލުވާ އެއްޗެކެވެ. އެކަމަކު އެ ބަދަލުވާ ރޭޓު އިންތިހާއަށް އަވަސްވެއްޖެ އެވެ. އޭގެ ސަބަބުން ކޮންމެ އަހަރަކުމެ ލިބެމުން އެދަނީ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެވެ. 2050 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ 80 އިންސައްތައިގައި މީހުން ދިރިއުޅެން ދަތިވާނެ ކަމަށް ދައްކާ ވާހަކައަކީ ފުލޯކު ވާހަކައެއް ނޫނެވެ. އެއީ ދިވެހީންގެ "ރިއާލިޓީ" އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި ސައިންސްވެރިން ހިމެނޭހެން އުފައްދާފައިވާ "އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" ނުވަތަ އައިޕީސީސީ އިން ލަފާކުރާ ގޮތުގައި 2100 އަންނަ އިރު ކަނޑުގެ ލޮނުގަނޑު އެއް މީޓަރު އުފުލޭނެ އެވެ. އަދި 2050 އަންނަ އިރު 0.5 މީޓަރު އުފުލުނަސް، އޭގެ ސަބަބުން ދިވެހިރާއްޖޭގެ 80 އިންސައްތައިގައި ދިރިއުޅެން އުނދަގޫވާނެ އެވެ. އެ މަންޒަރު މިހާރުވެސް ވަށައިގެން ބަލާލުމުން ހާމައަށް އެދަނީ ފެންނަމުންނެވެ.

މޫސުމީ ބަދަލުގެ އަސަރު މިހާރުވެސް ކުރޭ!

ރާއްޖޭގެ ރަށެއްގައި އުޅެ ބޮޑުވި ހަމަ ކޮންމެ މީހަކަށްވެސް މޫސުމީ ބަދަލުތަކުގެ އަސަރުތައް ފެންނާނެ އެވެ. ހުޅަނގު މޫސުމުގައި އުދަ އެރުން އިތުރުވެ، އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވާ ވާހަކައަކީ ކެނޑިނޭޅި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވެސް ފާހަގަކުރަމުން އަންނަ ކަމެކެވެ. 

ނިމިގެންދިޔަ ހުކުރު ދުވަހު ފާހަގަކުރި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހު އެ އޮތޯރިޓީ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކާރިސާތަކަށް އިޖާބަ ދިނުމަށް މި އަހަރު އެކަނިވެސް 5.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މި އަދަދު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވާނެ ކަމަށް އެ އޮތޯރިޓީން ވަނީ ލަފާކޮށްފަ އެވެ.

މާލޭ ރާޅުގަނޑަށް އުދަ އަރަނީ. ފަހަކަށް އައިސް އުދާ އަރާ މިންވަރާއި އުދައިގެ ބާރުމިނަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އެހެންނަމަވެސް، މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުރޭތޯ ބެލުމަށް އެންޑީއެމްއޭގެ ބަޔާނެއް ހަގީގަތުގައި މުހިންމެއް ނޫނެވެ. އެއީ ދިވެހި ވެށިން މާ ސާފުކޮށް އެކަން ސިފަވާތީ އެވެ. އެއީ ކޮންމެެ ދިވެއްސެއްގެ ވެސް ރިއާލިޓީ އެވެ.

އުދަ އެރުމުން ބޮޑެތި ގެއްލުންތައް ލިބުނު ޖުމްލަ 35 ހާދިސާ 2022 ގައި ހިނގި އެވެ. ދެކުނުގެ ރަށްތަކަށް އެރި އުދައިގެ ސަބަބުން ފަސް ރަށަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އެތައް ރަށް ހިމެނޭހެން އުދައިގެ އަސަރުކޮށް، މަގުތަކުގައި ޗަކަ ކޯރުތައް ހެދިގެންދިޔަ އެވެ. އެ ދުވަސްވަރު ޖުމްލަ ހަތް އަތޮޅެއްގެ 19 އަށްވުރެ ގިނަ ރަށަށް އުދަ އެރި އެވެ. ގދ. މަޑަވެލީ 98 އިންސައްތަ ގެއަށް ލޮނު ވަނެވެ. އެއީ އެ ދުވަސްވަރު އެތައް ރަށެއްގެ ރިއާލިޓީ އެވެ.

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށް ވަރަށް ބޮޑަށް ގިރާފައި. މިއީ ގިނަ ރަށްރަށުގެ މިއަދުގެ ހާލަތު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މޫސުމީ ބަދަލުތަކުގެ އަސަރު ފެންނަނީ އުދަ އަރަން ފެށުމުން އެކަންޏެއް ވެސް ނޫނެވެ. ރަށް ގިރުމުގެ ސަބަބުން މީހުން ދިރިއުޅެން އޮންނަ ސަރަހައްދު ކުޑަވަމުން އަންނަ ކަމީ ހަދާފައިހުރި ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭނާއި ދިރާސާތަކުން ވެސް ފެންނަން ހުރި ހަގީގަތެވެ.

ވ. ތިނަދޫގައި 2019 ގައި ހެދި ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް 2020 ގައި ގޯތި ދޫކުރަން ބެލިއިރު ގާނޫނުން ލާޒިމް ކޮށްފައިވާ ގޮތަށް ގޮނޑުދޮށާއި ގޯއްޗާ ދެމެދުގައި ދޫކޮށްފައިވާ 60 ފޫޓުގެ 'ވެޖަޓޭޝަން އޭރިއާ' އެންމެ 20 ފޫޓަށް ކުޑަވެ، ގޯތި ދެވޭ ގޮތެއް ނުވި އެވެ. މިއީ 50 އަހަރު ކުރީގެ ވާހަކައެއް ނޫނެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން މިހާރުވެސް ދިވެހިން ކުރަމުންދާ ތަޖުރިބާތަކެވެ.

ކްލައިމެޓް ޑިޕްލޮމެސީ" ސިޔާސަތު ބަދަލުވަނީތަ؟

މި ތަޖުރިބާތަށް ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް "އެލައެންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" ނަމުގައި 42 ގައުމުގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެއް އުފެދިގެން އައީ 1989 ވަނަ އަހަރު ރާއްޖެއިން އިސްނަގައިގެން ކުރި މަސައްކަތުންނެވެ.

އޭގެ ފަހުން "ކްލައިމެޓް ޑިޕްލޮމެސީ"ގައި ރާއްޖެއަކީ އަބަދުވެސް ނަން ހިނގާ, އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ. ރާއްޖޭގެ ހުރިހާ ރައީސުން ވެސް ބައިނަލްއަގްވާމީ މުޖުތަމައުގައި އެންމެ އަޑުހަރުކޮށް ދައްކާ ވާހަކައަކީ މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރާއި އެކަމުން އަރައިގަތުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ އެވެ.

މޫސުމީ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތަކަށް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އޮކްޓޯބަރު 2009 ގައި އޭރު ރާއްޖޭގެ ވެރިކަން ކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭއްވި ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުން --- ފޮޓޯ: ވެން.ކޮމް


ދިވެހީންގެ މިއަދުގެ ހާލަތަކީ މާދަމާ މުޅި ދުނިޔޭގެ ވެސް ހާލަތު ކަމަށް ވިސްނައިދިނުމަށް ހުރިހާ ރައީސުން ވެސް މަސައްކަތް ކުރަނީ، މޫސުމީ ބަދަލުތަކުން ކުރާ އަސަރަކީ ދިވެހީންނަށް އެކަނި އެ ކަމަށް ހައްލެއް ގެނެވޭނެ ކަމަކަށް ނުވާތީ އެވެ. މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގިނަ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހެނީވެސް އެހެންވެ އެވެ.

"އަލް ޖަޒީރާ" އިންޓަވިއުގައި ޑރ. މުއިއްޒުވެސް އެކަން ފާހަގަކުރައްވަ އެވެ. އެހެން ނަމަވެސް، މޫސުމީ ބަދަލުތަކާއި ގުޅިގެން ސައިންސްވެރިން ދައްކަނީ ފުލޯކު ވާހަކަ ކަމަށް ޑރ. މުއިއްޒު ގަބޫލު ކުރައްވާ ނަމަ، އެ ކަމަށް ހައްލެއް ހޯދުމަށް ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން އެހީތެރިކަން ހޯދަން އުދަގޫވާނެ އެވެ. ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސްޓޭންޑް ބަދަލުވެ، މޫސުމީ ބަދަލުތަކަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު ތަނބެއް ގޮތުގައި އޮތް އޮތުން ނިމިގެންދާނެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ދިފާއުގައި ރާއްޖޭން އުފުލަމުންދިޔަ އަޑު ފަނޑުވެގެން ދިޔުމަކީ، ކުރިމަގުގައި ދުނިޔޭގެ ޗާޓުން ރާއްޖެ ފަނޑުވެގެން ދިޔުމަށްވެސް ހުޅުވޭ ދޮރެކެވެ. އަދި އެއީ، ޑރ. މުއިއްޒު ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތާ ވެސް ދެކޮޅު ނިންމުމެކެވެ.

ކުރިމަގަށް ކުރަން ޖެހޭ ކަންކަން ގިނަ

ހަގީގަތުގައި މޫސުމީ ބަދަލުތަކުގެ ވާހަކަ ދައްކަން ޖެހެނީ އެއީ ދިވެހީންގެ ދިރިހުރުމާ އިންތިހާއަށް ގުޅިފައި އޮތް ކަމަކަށްވީމަ އެވެ. ދުނިޔޭގެ ފިނި ހޫނުމިން 2027 ވަނަ އަހަރު މަދު ދުވަސްކޮޅަކަށް ނަމަވެސް 1.5 ޑިގްރީ އުފުލިގެންދާނެ ކަމަށް ސައިންސްވެރިން ވަނީ މިހާރުވެސް ލަފާ ކޮށްފަ އެވެ. މިއީ މުސްތަގުބަލުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭރުގެ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަންކަމެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރަށްތަކަށް ބީއްސާލާ ބޮޑެތި ރާޅުތައް މައިތިރި ކުރާނޭ ގޮތެއް ހޯދުމަށް ދިވެހީންގެ ހައްގުގައި ކެނޑިނޭޅި ވެރިމީހާ ވަކާލާތު ކުރަންޖެހޭނެ އެވެ. ރަށްތަކުގެ ފެން ފަށަލަ ލޮނުވެ، ކަނޑުގެ އެސިޑިޓީ މަތިވުމުގެ ސަބަބުން މުރަކަ ހުދުވާ ވާހަކައަކީ ރާއްޖޭގެ ވެރިން ތާއަބަދުމެ ދައްކާން ޖެހޭ ވާހަކަތަކެވެ.

ރާއްޖޭގެ ފަރެއް ހުދުވެފައި. ދުނިޔޭގެ ފިނިހޫނުމިން އިތުރުވެ ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާތީ މުރަކަތައް މަރުވެ ގެއްލުންތައް ދަނީ ލިބެމުން. މިކަމުގެ އަސަރު ޓޫރިޒަމަށް ވެސް ކުރާނެ --- ފޮޓޯ: އެކްއެސްލް ކެޓްލިން ސީވިއު ސާވޭ


މުރަކަތައް މަރުވެ، އޭގެ ސަބަބުން ކަނޑުގެ ދިރުންތައް ނެތިގެންދާ ނަމަ، އެއީ އިގްތިސާދީ ގޮތުން ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. މަސްވެރިކަމާއި ފަތުރުވެރިކަމަށް ބިނާވެފައި އޮތް އިގްތިސާދު ބަރޯސާވެފައިވާ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަންނަ ކޮންމެ ބަދަލަކީ ސީދާ އަދި ނުސީދާ އަސަރު ދިވެހިންނަށް ކުރާނޭ ކަންކަމެވެ.

އަށާރަސަތޭކައިގެ އަހަރުތަކާ އަޅައިބަލާއިރު މިހާރުވެސް ކަނޑުގެ ލޮނުގަނޑު އަށް އިންޗި އުފުލިއްޖެ އެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ބެލުމަށް ރަށަކަށް ދާކަށް ނުޖެހޭނެ އެވެ. އޭގެ އަސަރު މާލޭގައި އުޅެބޮޑުވާ އެންމެނަށް ވެސް ފެންނާނެ އެވެ. ބުރިޖު ޕްލެޓުފޯމު ނުވަތަ ބުރިޖާއި ދިމާލުން އަރާ އުދައިން ވެސް އެކަން ހާމަވާނެ އެވެ.

މިކަންކަމުން ރާއްޖެއަށް ލިބޭ ގެއްލުންތަކަކީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނެސް، އެ ބޭފުޅުންގެ އެހީތެރިކަމާ ނުލައި ހައްލު ނުކުރެވޭނޭ ކަންކަމެވެ. މޫސުމީ ބަދަލުތަކުން ގެއްލުން ލިބޭ ކަމީ ހަގީގަތެވެ. އެ ވާހަކަތައް އަބަދުވެސް ދައްކަންވީ އެވެ. މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކިޔައި ދިނުމަށް ސައިންސްވެރިން ވެސް ރާއްޖެ ގެންނަންވީ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭކަން ދުނިޔޭގެ ސަމާލުކަމަށް ވެސް ގެންނަންވީ އެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ބޮޑެތި ގައުމުތަކާ މަޝްވަރާ ކުރަންވީ އެވެ. ދިވެހީންގެ ހައްގުގައި ރެޔާއި ދުވާލު ވަކާލާތު ކުރަންވީ އެވެ. އެއީ, އަންނަން އޮތީ ޖީލުތަކަށްޓަކައި ވެސް މި ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ މީހަކުމެ އަދާކުރަން ޖެހޭ ގައުމީ ވާޖިބެކެވެ.