16 އޮކްޓޯބަރު 2023 - 13:48 0
16 އޮކްޓޯބަރު 2023 - 13:48 0
ރިއޯ ޑީ ޖަނެއިރޯ، ބްރެޒިލް (އޮކްޓޫބަރު 16) - ވެނެޒުއޭލާއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާ ދަނޑުން ފައިބައިގެން ދަނިކޮށް ސަޕޯޓަރަކު އޭނާގެ ބޮލަށް ޕޮޕްކޯން އުކީ ނޭމާ ރުޅިއަރުވަން ނޫން ކަމަށް އެކަން ކުރި ސަޕޯޓަރު ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ވެލެޒުއާލާ އާއި ބްރެޒިލް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗަށް ފަހު ނޭމާ ޗޭންޖިން ރޫމަށްދަނިކޮށް ސަޕޯޓަރުންގެ ތެރެއިން އެއްލި ޕޮޕްކޯން އޭނާގެ ބޮލުގައި ޖެހުމުން ނޭމާ ވަނީ ރުޅިގަދަވެ ސަޕޯޓަރުންނާ ދިމާކޮށްލައިފަ އެވެ. އޭނާ ޗޭންޖިން ރޫމަށް ގެންދައިޔައީ ކައިރީގައި ތިބި ބްރެޒިލްގެ ކުޅުންތެރިންނާ އޮފިޝަލުންނެވެ.
މިކަމާ ހިތްހަމަ ނުޖެހިފައިހުރި ނޭމާ ވަނީ މެޗަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް އެ އަމަލު ކުށްވެރިކޮށްފަ އެވެ. އޭނާ ބުނީ މިފަަދަ އަމަލުތަކަކީ ފުޓްބޯޅަ އަށް ހުރި ހުތުރެއް ކަމަށާއި، އަދި މިއީ އިންސާނުންނަށް އިހުތިރާމް ކުޑަވާ ކަހަލަ އަމަލެއް ކަމަށެވެ.
ނޭމާއާ ދިމާ އަށް ޕޮޕްކޯން އުކި ސަޕޯޓަރުވަނީ އެކަމަށް މައާފަށް އެދިފަ އެވެ. އޭނާ ބުނީ ނޭމާ ޓަނަލްއާ ދިމާއަށް ދިޔައިރު ގޮވިކަމަށާއި، ޕޮޕްކޯން އުކީ ނޭމާއަށް އަޑު ނީވޭތީ ކަމަށެވެ. އަދި ޕޮޕްކޯން އުކީ އޭނާ ސަޕޯޓަރުންނާ ދިމާއަށް ބަލާތޯ، އެއީ ނޭމާގެ ސަމާލުކަން ހޯދަންވެގެން ކުރި ކަމެއް ކަމަށެވެ.
އެ ސަޕޯޓަރު ބުނީ އޭނާ އަކީ ނޭމާ އަށް ތާއިދުކުރާ އޭނާގެ ހާޑްކޯ ސަޕޯޓަރެއް ކަމަށާއި، އެއީ ނޭމާ އަށް އަނިޔާކުރުމުގެ ގަސްތުގައި ކުރިކަމެއް ނޫން ކަމަށެވެ.
ނޭމާގެ ބޮލަށް ޕޮޕްކޯން އުކުމުން ބްރެޒިލްގެ ކޯޗު ފެނާންޑޯ ޑިނިޒް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އެއީ ކުޅުންތެރިންނަށް ކުރެވޭ ބޭ އިހްތިރާމެއް ކަމަށެވެ.
ވެނެޒުއޭލާއާ އެއްވަރުވެ ދެކުނު އެމެރިކާގެ ކޮލިފައިންގެ ތާވަލްގެ ދެ ވަނަ އަށް ބްރެޒިލް ވަނީ ވެއްޓިފަ އެވެ. އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އެވެ.
ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލްއަށް ކުރިއަށް އޮތީ އަންނަ އަންގާރަ ދުވަހު އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗެވެ.
Comment