13 އޮކްޓޯބަރު 2023 - 17:06 0
13 އޮކްޓޯބަރު 2023 - 17:06 0
މޮންޓެވީޑޯ، އުރުގުއޭ (އޮކްޓޫބަރު 13) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާއާ 1-1 އިން އެއްވަރުވެ، ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑް ހުއްޓުމަކަށް އައިއިރު، ޕެރަގުއޭ 1-0 އިން ބަލިކޮށް އާޖެންޓީނާ އިން ސައްތަ އިން ސައްތަ ރެކޯޑާ އެކު ކުރިއަށް ފިޔަވަޅެއް ޖެހިލައިފި އެވެ.
ކޮލިފައިންގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އާޖެންޓީނާ އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ ކުރީގަ އެވެ. ދެ ވަނައިގައި އޮތް ބްރެޒިލަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ކޮލަމްބިއާ އެވެ. އުރުގުއޭ އާއި ކޮލަމްބިއާ ރޭ ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ.
ބްރެޒިލުން ރޭގެ މެޗުގައި ލީޑުނެގީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމުގެ ޑިފެންޑަރު، ގަބްރިއެލް މަގާޅައެސް ޖެހި ގޯލުންނެވެ. މި ގޯލަކީ ނޭމާ ކުރި އެޓޭކެއްގައި ލިބުނު ކޯނަރަކުން ގަބްރިއެލް އަށް ލިބުނު ފުރުސަތުގައި ޖެހި ގޯލެކެވެ. ވެނެޒުއޭލާ އިން އެއްވަރުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް، އެޑުއާޑް ބެލޯ ޖެހި ގޯލުންނެވެ.
މި މެޗުގެ ކުޅުން ނިމުނު ވަގުތު، ބްރެޒިލްގެ ނޭމާ ދަނޑުން ފައިބައިގެން ޓަނަލް އަށް އައި ވަގުތު ވެނެޒުއޭލާ ސަޕޯޓަރަކު ވަނީ ޕޮޕްކޯން ކޮތަޅަކުން ނޭމާ ގައިގައި ޖަހައިފަ އެވެ. ވެނެޒުއޭލާ އެފްއޭ އިން ވަނީ އެކަން ބަލާނެ ކަމަށް ބުނެފަ އެވެ.
ޕެރަގުއޭ އަތުން އަމިއްލަ ދަނޑުގައި ކުޅުނު އާޖެންޓީނާ އިން މޮޅުވީ މެޗު ފެށިގެން ތިން ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. އަނިޔާއިން ރަނގަޅުވެ، ފުލް ފިޓްނަސް އަށް އަންނަން މަސައްކަތް ކުރަމުން އަންނަ ލިއޮނަލް މެސީގެ ބައިވެރިވުމާ އެކު، އާޖެންޓީނާ އަށް މި ގޯލު ޖަހައިދިނީ ނިކޮލަސް އޮޓަމެންޑީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment