Advertisement

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ކާމިޔާބާއި ކުރިއެރުން

16 އޮކްޓޯބަރު 2023 - 08:52 2

ނިމާ ހަސަން

ނިމާ ހަސަން

މިދިޔަ އަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު އަފްއާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ކާމިޔާބާއި ކުރިއެރުން

16 އޮކްޓޯބަރު 2023 - 08:52 2

އެކްސިޑެންޓެއްގައި މީހެއްގެ ބޮލަށް އަނިޔާވެ، ސިކުނޑިއަށް އެޅިފައި ހުރި ލޭ ނެގުމަށް ރާއްޖޭގައި ފުރަތަމަ އޮޕަރޭޝަނެއް ކުރީ 2014 ވަނަ އަހަރު އެވެ. އެއީ އޭޑީކޭ ހޮސްޕިޓަލުން ރާއްޖެއަށް ނިއުރޯސާޖަރީ ނުވަތަ ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތައް ތައާރަފުކުރި އަހަރު ވެސްމެ އެވެ. ބޮލުގެ ނާށިގަނޑު ހުޅުވައިގެން، ސިކުނޑިއަށް އެޅިފައި ހުރި ލޭ ނަގައި އެ މީހާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ނަމަވެސް، މައިބަދައަށް ލިބިފައިވާ ގެއްލުންތަކަކަށް ފަރުވާ ދެވެން ނެތުމުން އޭނާ ރާއްޖޭން ބޭރަށް ފޮނުވި އެވެ.

އެ އޮޕަރޭޝަން ކުރިތާ ނުވަ އަހަރު ވެފައި ވާއިރު, މިހާރު އޭޑީކޭ ހޮސްޕިޓަލް އަދި ރާއްޖެއިން ވެސް ވަނީ ނިއުރޯސާޖަރީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މައިބަދައިގެ އޮޕަރޭޝަންތަކަށް ވެސް ރާއްޖޭން ބޭރަށް ފޮނުވާކަށް ނުޖެހެ އެވެ.

ނިއުރޯސާޖަރީ ކުރިއަރަމުން ދިއުމުގައި މުހިންމު ރޯލެއް އަދާކުރާ އެއް ކަމަކީ, އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން 2017 އިން ފެށިގެން ބާއްވާ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" އެވެ.

މިދިޔަ އަހަރު ބޭއްވި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް

އޭޑީކޭ ހޮސްޕިޓަލުގެ ސީނިއާ ނިއުރޯސާޖަން ޑރ. އަލީ ނިޔާފުގެ އިސްނެންގެވުމުގެ މަތިން 2017 ގައި ފެށި ސިކުނޑި އާއި ނާރުގެ ފުރަތަމަ މަހާސިންތާގައި ހުށަހެޅީ އެންމެ ހަތަރު ޕޭޕަރެވެ. ކުޑަ އިވެންޓެއްގެ ގޮތުގައި ފެށި އެ މަހާސިންތާގެ ބައެއްގެ ގޮތުގައި ވީޑިއޯއިން މަންޒަރު ދައްކައިގެން އޮޕަރޭޝަނެއް ކުރި އެވެ.

ކޮންމެ އަހަރެއްގެ މި މަހާސިންތާގެ ތެރެއިން ވެސް އާ ހިދުމަތެއް ރާއްޖެއަށް ތައާރަފު ކުރެ އެވެ. ނިއުރޯސާޖަރީ ދާއިރާގެ ބިދޭސީ މާހިރުން ގެނެސް, އެ މީހުންގެ ލަފައާއެކު ކޮންމެ އަހަރު ކޮންފަރެންސް ތެރެއިން ކުރިއަށް ގެންދާ ލައިވް ސާޖަރީ ހަދަނީ ރާއްޖޭގެ ނިއުރޯސާޖަނުންނެވެ. ކޮންމެ މަހާސިންތާއެއްގައި ވެސް އޮޕަރޭޝަން ކުރަނީ އެކަމަށް ބޭނުންވެފައިވާ ދިވެއްސެކެވެ. އަދި އެއީ އޭޑީކޭގެ ފަރާތުން ހިލޭކޮށްދޭ އޮޕަރޭޝަނެކެވެ.

ބްރެއިން އެންޑް ސްޕައިންގެ ފުރަތަމަ ކޮންފަރެންސްގައި ދެ ގައުމުން ބައިވެރިވިއިރު، ފަސް ވަނަ ކޮންފަރެންސާ ހަމައަށް އައި އިރު ރާއްޖެއިން ބޭރުގެ 10 ގައުމުން މާހިރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެ އެެވެ. އޭގެ ތެރޭގައި ޕޯޗުގަލް, ސްޕެއިން, ބްރެޒިލް, އިޓަލީ, މެލޭޝިޔާގެ އިތުރުން އިންޑިއާ, ނޭޕާލް އަދި އެމެރިކާ ހިމެނެ އެވެ.

"[ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ] މައިގަނޑު އެއް މަގުސަދަކީ މައުލޫމާތު ހިއްސާ ކުރުމާއި ރިސާޗްގެ ކުރިއެރުން ހޯދުމާއި, ތަފާތު އާ އީޖާދުތަކާއި އާ އޮޕަރޭޝަންތައް ރާއްޖެއަށް ތައާރަފު ކުރުން އަދި ނެޓްވޯކިން،" ޑރ. ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ހަރަކާތުގެ ސަބަބުން ރާއްޖެއަށް އާ ހިދުމަތްްތައް ތައާރަފު ވެގެން ދިއުމުގެ އިތުރަށް, ހޮސްޕިޓަލަށާއި, ސިއްހީ ދާއިރާއަށް އާންމުން ކުރާ އިތުބާރު އިތުރުވެގެން ދެ އެވެ.

ޑރ. އަލީ ނިޔާފްް, ބްރެއިން އެންޑް ސްޕައިން ކޮންފަރެންސާ ބެހޭ ގޮތުން 'އަދަދު' އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ޝާބިން/ އަދަދު


މި މަހާސިންތާއަކީ ނިއުރޯސާޖަރީއަށް ހާއްސަ މަހާސިންތާއެއް ކަމުގައިވީ ނަމަވެސް, އެހެނިހެން ދާއިރާތަކަށް ހާއްސަ ޑޮކްޓަރުންނާއި, އޮޕަރޭޝަން ޑޮކްޓަރުންނަށް ވެސް ފައިދާ ހުރި ސެޝަންތައް ކުރިއަށް ގެންދެ އެވެ. މެޑިކަލް އޮފިސަރުންނަށް ވެސް ސްޓްރޯކް މެނޭޖްމަންޓް ފަދަ ކަންކަމަށް މި މަހާސިންތާގެ ތެރެއިން ތަމްރީނު ދެ އެވެ.

މި އަހަރު ބާއްވަނީ ބްރެއިން އެންޑް ސްޕައިން ގެ ފަސް ވަނަ މަހާސިންތާ އެވެ. މި ފަހަރު ހާއްސަ ކުރަނީ ފަންކްޝަނަލް ނިއުރޯސާޖަރީ އަދި މިނިމަލް އިންވޭސިވް ސާޖަރީ އަށެވެ. މަހާސިންތާގައި މި ދެކަމަށް ހާއްސަ ޕޭޕަރުތަކެއް ހުށަހަޅައި، ވޯކްޝޮޕްތަކެއް އަދި ލައިވް ސާޖަރީއެއް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.

ފަންކްޝަނަލް ނިއުރޯސާޖަރީ އަދި މިނިމަލް އިންވޭސިވް ސާޖަރީ

ފަންކްޝަނަލް ނިއުރޯސާޖަރީ އަކީ ތުރުތުރު އަޅާ ބައްޔޭ މިކިޔާ ޕާކިންސަންސް ޑިޒީސް އަދި ޓްރެމާގެ އިތުރުން ހަރަކާތްތެރިވުމުގައި ހުންނަ ޑިސްއޯޑާތަކުގެ ތެރެއިން އަންނަ ޑިސްޓޯނިއާ ނުވަތަ ބޭއިހްތިޔާރުގައި ހަށިގަނޑަށް ގެނެވޭ ހަރަކާތްތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ކުރާ އޮޕަރޭޝަންތަކެވެ.

މިދިޔަ އަހަރުގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމާއި އޭޑީކޭގެ ޗެއާމަން އަހުމަދު ނަޝީދު އަދި އެ ހޮސްޕިޓަލްގެ އިސްވެރިން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މިނިމަލް އިންވޭސިވް ސާޖަރީތަކުގެ ތެރެއިން ޑީޕް ބްރެއިން ސްޓިމިއުލޭޝަނާ ގުޅޭ އޮޕަރޭޝަންތަކަށް ސަމާލުކަން ދޭން އޭޑީކޭއިން ނިންމާފައިވެ އެވެ. އެއީ ޕޭސްމޭކާއެއް ގޮތަށް މަސައްކަތް ކުރާނެހެން ސިކުނޑިއަށް ލައްވާ ލީޑެއްގެ ސަބަބުން ބަލިތަކަށް ފަރުވާ ހޯދަން ކުރާ އޮޕަރޭޝަނެކެވެ.

"ޑީޕް ބްރެއިން ސްޓިމިއުލޭޝަން ބޭނުން ކޮށްގެން ތުރުތުރު އަޅާބަލި, ހިނގަން އުދަނގޫވެ ފަޔާއި އަތަށް ވާންވެފައި ހުރުމާއި, ޑިސްޓޯނިއާގެ އިތުރުން ނަސްފާނީ ބައްޔެއް ކަމަށްވާ އޯސީޑީ އަދި މަސްތުވާތަކެއްޗަށް ދެވިހިފުމަށް ވެސް ފަރުވާ ކުރެވޭނެ" ޑރ. ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފެދުމުގައި ސިކުނޑިއަށް ލިބޭ އުނިކަމެއްގެ ސަބަބުން ހިނގަން އުނދަގޫ ކުދިންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ފަދަ މައިބަދައިގެ އޮޕަރޭޝަނެއް ވެސް ވޯކްޝޮޕްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްގައި ޖުމްލަ 43 ޕޭޕަރު ހުށަހަޅަ އެވެ. އޭޑީކޭގެ ފަރާތުން ހަތް ޕޯސްޓާ ޕްރެޒެންޓޭޝަން ހުށަހަޅާއިރު ތިން ނިއުރޯސާޖަނުންނާއި, އޯތެޕެޑިކް ދެ ޑޮކްޓަރުން ޕޭޕަރު ހުށަހަޅާނެ އެވެ. ރާއްޖޭގެ ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ތެރެއިން ޑރ. އިހުދުالله އަދި ޑރ. އަހުމަދު ރަޝީދު ވެސް މިފަހަރު ޕޭޕަރު ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިމަހު 23 އިން 26 އަށް މި މަހާސިންތާ ބާއްވާނީ އޭޑީކޭ ހޮސްޕިޓަލުގައި އަދި ވިލާ ނޯޓިކާ ރިސޯޓުގަ އެވެ. މަހާސިންތާ ނިންމާލަން ހަމަޖެހިފައި ވަނީ ބައިވެރިންނާއެކު މަސް ދަތުރަކުންނެވެ

ފައިގައި ވާގި ނެތި، ހިނގިކުމަށް ދަތިވާ މީހުންނަށް އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރާ އުފެއްދުމެއް، މިދިޔަ އަހަރު ބޭއްވި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ބޭރުގެ ކުންފުންޏެއްގެ އުފެއްދުމެއް ދައްކާލަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ނިއުރޯސާޖަރީ ދާއިރާއިން ރާއްޖެ ހޯދި ކުރިއެރުން

ރާއްޖެއަށް ނިއުރޯސާޖަރީ ތައާރަފު ކުރިތާ ނުވަ އަހަރު ވީއިރު, މި ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ އެވެ. އެންމެ ފުރަތަމަ ސިކުނޑީގެ އޮޕަރޭޝަން ކުރި ބަލިމީހާގެ މައިބަދައަށް ލިބުނު ގެއްލުމަށް ނުވަތަ ސްޕައިން ޓްރައުމާއަށް އޭރު ފަރުވާ ނުދެވުނަސް މިހާރު އެ އޮޕަރޭޝަން ވެސް ރާއްޖެއިން ކުރެވޭނެ އެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި މައިބަދައާއި ސިކުނޑީގެ ޓިއުމާ އަދި އޭވީއެމް, އެނިއުރިޒަމް, ޑޫރަލް އޭވީ ފިސްޓިއުލާ ހިމެނޭހެން ސިކުނޑީގެ ލޭ ހޮޅިތަކުގެ ތަފާތު ބަލިތަކުގެ އޮޕަރޭޝަންތައް ވެސް ކުރެވޭނެ އެވެ.

މައިބަދައިގެ އާދައިގެ ހުރިހާ އޮޕަރޭޝަނެއް މިހާރު ރާއްޖޭގައި ކުރެވޭއިރު, އެޑްވާންސް ލެވެލްގެ ބައެއް އޮޕަރޭޝަންތައް ވެސް ކުރެވެ އެވެ.

މިދިޔަ އަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން ތައާރަފުކުރި ނިއުރޯއެންޑޯވަސްކިއުލާ ސާވިސް އަކީ ކުޑަ އޮޕަރޭޝަނަކުން ބޮޑު ފައިދާއެއް ވާގޮތަށް ކުރި އޮޕަރޭޝަނެކެވެ. އެއީ ހަށިގަނޑުގެ ބޮޑެތި ލޭ ހޮޅިތަކުގެ އެތެރެއިން ލާފައި ގޮސް, އެނިއުރިޒަމް ފަދަ ބަލިތަކަށް ފަރުވާ ދޭ އޮޕަރޭޝަނެކެވެ.

ހަމަ އެގޮތަށް, ކޮންމެ އަހަރެއްގެ މަހާސިންތާގައި ވެސް ރާއްޖެއަށް އާ ހިދުމަތްތަކެއް ތައާރަފުކޮށް, ނިއުރޯސާޖަރީގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދަމުން ގެންދާނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވީ ސިއްހީ ދާއިރާގެ އެންމެ ކާމިޔާބު މަހާސިންތާ އެވެ.