Advertisement

އެމްއެންޕީ އަށް ގޮނޑި ދޭން ޕީޕީއެމް/ޕީއެންސީގެ ބައެއް އާއްމު މެމްބަރުން ދެކޮޅު

11 އޮކްޓޯބަރު 2023 - 12:27 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ރިޔާސީ ކެމްޕޭން ނިންމާލުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން: މަޖިލީހަށް އެމްއެންޕީއާއެކު މަސައްކަތް ކުރުމަށް އެ ދެ ޕާޓީން ވަނީ އެއްބަސްވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެމްއެންޕީ އަށް ގޮނޑި ދޭން ޕީޕީއެމް/ޕީއެންސީގެ ބައެއް އާއްމު މެމްބަރުން ދެކޮޅު

11 އޮކްޓޯބަރު 2023 - 12:27 1

އަންނަ އަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްއެންޕީ އިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރަން އެއްބަސްވެފައިވާ ކަމަށް އެމްއެންޕީ އިން ބުނުމުން ޕީޕީއެމް/ޕީއެންސީގެ ބައެއް އާއްމު މެންބަރުން އެކަމާ ނުރުހުން ފާޅުކުރަން ފަށައިފި އެވެ.

ޕީޕީއެމް/ޕީއެންސީ އާ އެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން އެމްއެންޕީ އިން އެއްބަސްވެފައިވާކަން އިއުލާންކުރެއްވީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބު ހިމެނޭހެން ކުރިއަށް އޮތް ފަސް އަހަރު ބާއްވާ ހުރިހާ އިންތިހާބެއްގައި އެކުގައި މަސައްކަތްކުރަން އެއްބަސްވީ ނިމުނު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހެދި ކޯލިޝަން އެގްރިމެންޓުގައި ކަމަށެވެ.

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް، ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" ނާޒިމް ވިދާޅުވި އެވެ.

މިއާއެކު ޕީޕީއެމް/ޕީއެންސީ ގެ އާއްމު ބައެއް މެމްބަރުންނާއި ތާއީދުކުރާ މީހުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި 2000 ވޯޓު ހަމަނުވާ ޕާޓީއަކަށް، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ލިބުނު ޕާޓީއަކުން ދީލާލުން ބަލައިނުގަނެވޭނެ ކަމަށް ބައެއް މެމްބަރުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ޖަވާބެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެހެން މެމްބަރަކު ބުނި ގޮތުގައި މި އެއްބަސްވުމަކީ "ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ކަންފަތްމަތީ" ޖަހާ އެތިފަހަރެއް ކަމަށެވެ. އަދި ނިމިދިޔަ ދައުރުގައި އެމްއެންޕީ އިން ކުރި ކަމަކީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔުން ކަމަށާއި އެހެންވެ މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

"ބާތިލް ވޯޓަށްވުރެ މަދުން ވޯޓު ލިބުން ޕާޓީ އަކަށް ޕީޕީއެމް/ޕީއެންސީ މީހުންނާ އެކީ ޕްރައިމަރީ ގަ ވާދަކުރަން ލިބުމަކީ ބޮޑު ޖޯކެއް" އިތުރު މެންބަރަކު ލިޔެފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީ އާ އެކު ކޯލިޝަން ހެދުމަށް ފަހު އެމްއެންޕީ އިން އޭރު ބުނެފައިވަނީ އެއްބަސްވީ އެ ޕާޓީ އަށް މަގާމުތަކެއް ނުވަތަ ސަރުކާރުން ވަކި ޕަސެންޓެއް ހޯދަން ނޫން ކަމަށެވެ.