5 މާރިޗު 2025 - 14:38 5
މުހައްމަދު ޝަހްޒާން
ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: ޕީއެންސީން ބުނީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާކޮށް ހިނގާކަން ކަށަވަރު ކުރުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތެއް ކަމަށް -- ފޮޓޯ: ޕީއެންސީ
5 މާރިޗު 2025 - 14:38 5
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ކުރާ ތުހުމަތުގެ އަޑު ގަދަވުމުން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައީސްގެ ދިފާއުގައި ބަޔާނެއް ނެރެފި އެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިނިވަން މުއައްސަސާތަކުން އަދާ ކުރަމުން ދަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ ކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޝަރުއީ ނިޒާމުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިނަވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދެއްވައިފަ އެވެ، އަދި އެފަދަ މުއައްސަސާއަކުން އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ކުރުމަކީ ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ، އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިޔުމެވެ،" ރައީސްގެ ދިފާއުގައި ނެރުނު ބަޔާނުގައި ބުންޏެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި ގޮތެއް ނިންމުމުގައި ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ނުވަތަ ވަކި މައްސަލައެއް ބަލަމުން ދާތީ ތަފާތު ނުކުރެވޭނެ ކަމަށެވެ. އެގޮތުން ފަނޑިޔާރަކާމެދު ޝަކުވާއެއް ނުވަތަ މައްސަލައެއް މިނިވަން މުއައްސަސާއަކަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ބަލަމުން ދިޔުމަކީ އެ ކޮމިޝަންތަކުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ހަމައިން ބަލާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު މިހާރު ކަން ކުރެވެމުން އެ ދަނީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވާގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުންޏެވެ.
"ފަނޑިޔާރު ސުއޫދާމެދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު ވެސް އަމަލު ކުރެވެމުން ދަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އެކަށައެޅިފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިންނެވެ،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.
ޕީއެންސީން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދިޔުމުން ހާމަވަނީ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދާކަން ކަމަށެވެ. އަދި ރާއްޖޭގެ ދުސްތޫރީ ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަނީ ނަމޫނާ މަސައްކަތެއް ކަމަށް ވިދާޅުވެ ޕީއެންސީން ވަނީ އެމަނިކުފާނަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
ރައީސްގެ ދިފާއުގައި ޕީއެންސީން ބަޔާނެއް ނެރުނުއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ބިލެއް ފާސްކުރުމާއި އެ ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ އިތުރުން ގާނޫނުއަސާސީ ބަދަލު ކުރުމުން ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒުއަށް ކިޔަމުންނެވެ.
Comment