11 އޮކްޓޯބަރު 2023 - 15:35 0
11 އޮކްޓޯބަރު 2023 - 15:35 0
މެޑްރިޑް (އޮކްޓޫބަރު 11) - އިނގިރޭސި ގައުމީ ޓީމުގެ މިޑްފިލްޑަރު ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ބަދަލުވީ ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ނޫނެކޭ ބުނެފައިކަން ހާމަވެއްޖެ އެވެ.
ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅުނު ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ބަދަލުވީ 110 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އެ ކުލަބާ އެކު އޭނާ ސޮއިކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
ބެލިންހަމް އަކީ ޔޫރަޕްގެ ޗެމްޕިއަން، ސިޓީ އިން ވެސް ހޯދަން ބޭނުންވި ކުޅުންތެރިއެކެވެ. ސިޓީ އިން ވަނީ ބެލިންހަމް ގަތުމަށް އޭނާގެ ބައްޕައާ އެކު މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފަހު ވަގުތު 20 އަހަރުގެ ބެލިންހަމް ނިންމީ ރެއާލަށް ބަދަލުވާށެވެ.
އިނގިރޭސި ޗެމްޕިއަން ސިޓީއަށް ބެލިންހަމް ނޫނެކޭ ބުނިކަން ހާމަކުރީ ރެއާލްގެ ބޯޑު މެންބަރު ހޯސޭ މެނުއެލް އޮޓޭރޯ އެވެ.
އޮޓޭރޯއާ ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނާ ގޮތުން ބެލިންހަމް ސިޓީއަށް ގެންދިޔުމަށް އެކުލަބުން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި، އެކަން ކާމިޔާބުނުވީ ކުޅުންތެރިޔާ އަމިއްލައަށް ދެކޮޅު ހެދުމުންކަމަށެވެ.
ރެއާލަށް ސޮއިކުރުމަށް ފަހު ބެލިންހަމް ބުނެފައިވަނީ ދުނިޔޭގެ އެންމެ ކާމިޔާބު ކުލަބާ ގުޅުމަކީ އޭނާގެ ހުވަފެންކަމަށާއި، އެކުލަބާއިއެކު ރަނގަޅު ކާމިޔާބީތައް ހޯދޭނެކަމަށް އުއްމީދުކުރާކަމަށެވެ.
ބެލިންހަމް އަންނަނީ އޭނާ ރެއާލް އަށް ކުޅެމުން އަންނަ ފުރަތަމަ ސީޒަންގައި ވެސް މޮޅަށް ކުޅެމުންނެވެ. އެ ގޮތުން މިހާތަނަށް 10 މެޗު އެ ކުލަބަށް ބެލިންހަމް ކުޅެފައިވާއިރު، އޭނާ ވަނީ 10 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގުގައި ކުޅުނު އަށް މެޗުގައި ޖެހި އަށް ގޯލާއި، ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅުނު ދެ މެޗުގައި ޖެހި ދެ ގޯލު ހިމެނެ އެވެ.
މި ވަގުތު ސްޕެނިޝް ލީގު ތާވަލްގެ އެއް ވަނައިގައި ރެއާލް އޮތީ ބެލިންހަމްގެ މޮޅު ކުޅުމާ އެކު ޖަހަމުން އަންނަ ގޯލުތަކުގެ ސަބަބުންނެވެ. ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ ކުރީގައިވެސް އޮތީ ބެލިންހަމް އެވެ.
ރެއާލްގެ އެންމެ މުހިންމު އެޓޭކަރު ވިނީޝިއުސް ޖޫނިއާ އަށް އަނިޔާވި ދަނޑިވަޅުގައި އެޓޭކުގައި ތަފާތު ދައްކަމުން އަންނަ ބެލިންހަމަށް ރެއާލްގެ އެހާރާއި މިހާރުގެ ކުޅުންތެރިން އަންނަނީ ތައުރީފް ކުރަމުންނެވެ. މީގެ އިތުރުން ކޯޗު ކާލޯ އޮންޗެލޮޓީ ވެސް ވަނީ ބެލިންހަމް އާ ލީގެއްގައި ކުޅެ ދައްކަމުން އަންނަ ކުޅުން ފާހަގަކޮށްފަ އެވެ.
Comment