10 އޮކްޓޯބަރު 2023 - 09:47 0
މުހައްމަދު ޖަމްޝަތު ވަހީދު
އިންތިހާބީ ރައީސް ޑރ. މުއިއްޒު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން އެމަނިކުފާނުގެ ސަރުކާރުގެ އިސް މަގާމުތަކަށް އަންނާނެ ކަމަށް ބެލެވޭ--- ފޮޓޯ: އަދަދު
10 އޮކްޓޯބަރު 2023 - 09:47 0
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރަން އެމަނިކުފާނު ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
މ. ދިމްޔާތުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ފިރުޒުލް ވިދާޅުވީ މި އަދަދަކީ މި ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި އުފެއްދި ސިޔާސީ މަގާމުތަކަށްވުރެ މަދު އަދަދެއް ކަމަށެވެ.
މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.
"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ހިމެނޭހެން," ފިރުޒުލް ވިދާޅުވި އެވެ.
ޑރ. މުއިއްޒު އެކުލަވާލައްވާނީ އެންމެން ވެސް ޝާމިލުވާނެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, ކެބިނެޓާއި, ސިޔާސީ މަގާމުތަކަށް ވެސް ފުރުސަތު ދެއްވާނީ ގާބިލު އިލްމީ ބޭފުޅުންނަށް ކަމަށް އޭނާ ވިދާޅުވި އެެވެ.
މި ސަރުކާރުގެ އެކި ވުޒާރާތަކާއި އެމްބަސީތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ފާޑުކިއުންތައް ސަރުކާރަށް އެކި ގޮތްގޮތުން ވަނީ އަމާޒުވެފަ އެެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment