Advertisement

ލިވަޕޫލަށް މޮޅެއް، ވެސްޓް ހޭމް އަށް ޔޫރަޕްގައި ރެކޯޑެއް

6 އޮކްޓޯބަރު 2023 - 11:52 0


ލިވަޕޫލަށް މޮޅެއް، ވެސްޓް ހޭމް އަށް ޔޫރަޕްގައި ރެކޯޑެއް

6 އޮކްޓޯބަރު 2023 - 11:52 0

ލިވަޕޫލް (އޮކްޓޫބަރު 6) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ލިވަޕޫލުން 2-0 އިން ބެލްޖިއަމްގެ ސެއިންޓް ގިލޮއިސް އަތުން މޮޅުވިއިރު، ފްރެއިބާގްގެ މައްޗަށް ރަށުންބޭރުގައި 2-1 އިން ކުރިހޯދައި ވެސްޓް ހޭމް ޔުނައިޓެޑުން ޔޫރަޕްގައި ރެކޯޑެއް ހަދައިފި އެވެ.

މިދިޔަ އަހަރު ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދި ވެސްޓް ހޭމް އިން މި ވަނީ ޔޫރަޕްގައި ޖެހިޖެހިގެން 17 މެޗުން މޮޅުވި އިނގިރޭސި ފުރަތަމަ ޓީމުގެ ރެކޯޑް ހަދައިފަ އެެވެ. މީގެ ކުރިން، އިނގިރޭސި ޓީމުތައް ކަމަށްވާ މެންޗެސްޓާ ސިޓީ، ލީޑްސް ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ޖެހިޖެހިގެން 16 މެޗުން މޮޅުވެފަ އެވެ. ސިޓީގައި ޕެޕް ގާޑިއޯލާ އެ ކަން ހާސިލްކުރިއިރު، ލީޑްސް އިން 1960ގެ އަހަރުތަކުގެ ތެރޭގައި އަދި ޓޮޓެންހަމް އިން 1970ގެ އަހަރުތަކުގެ ތެރޭގައި ވަނީ ޔޫރަޕްގައި ޖެހިޖެހިގެން ގިނަ މެޗުތަކަކުން މޮޅުވެފަ އެވެ.

ފްރެއިބާގް ދަނޑުގައި ވެސްޓް ހޭމް އިން ލޫކަސް ޕަކޭޓާގެ ގޯލުން ލީޑުނެގިއިރު، ފްރެއިބާގަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރޮލާންޑް ސަލާއި އެވެ. ވެސްޓް ހޭމް މޮޅުކޮށްދިން ގޯލު ޖެހީ ނައީފް އެގާޑް އެވެ. މިއީ ކޯނަރަކުން ޖޭމްސް ވޯޑް-ޕްރައުސް ނެގި ބޯޅައަކުން އެގާޑް ޖެހި ގޯލެކެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ވެސްޓް ހޭމް އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއް ވަނައިގަ އެވެ. ފްރެއިބާގް ދެ ވަަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އޮލިމްޕިއާކޯސް އާއި ހަތަރެއްގައި އޮތް ބާކާ ޓޮޕޯލާ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ލިވަޕޫލަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ފުރަތަމަ ހާފުގައި ރީބައުންސް ބޯޅައަކުން ރަޔާން ގްރަވެންބާކް ޖެހި ގޯލުންނެވެ. މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ ޑިއޯގޯ ޖޮޓާ އެވެ. މިއީ ކައުންޓަ އެޓޭކެއްގައި ޖޮޓާ ޖެހި ގޯލެކެވެ.

ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ގްރޫޕް އީގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އޮތް ޓުލޫސް އެވެ. ޓުލޫސް ވަނީ ރޭ 1-0 އިން ލާސްކް ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތް ސެއިންޓް ގިލޮއިސް އަށް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ލާސްކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.