Advertisement

ތަރައްގީގެ ދުވެލި ދެމެހެއްޓޭނީ ތައުލީމީ ދާއިރާއަށް ސަމާލުކަންދީގެން: ރައީސް

5 އޮކްޓޯބަރު 2023 - 11:54 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހު; ތަރައްގީގެ ދުވެލި ދެމެހެއްޓޭނީ ތައުލީމީ ދާއިރާއަށް ސަމާލުކަންދީގެން ކަމަށް ވިދާޅުވި


ތަރައްގީގެ ދުވެލި ދެމެހެއްޓޭނީ ތައުލީމީ ދާއިރާއަށް ސަމާލުކަންދީގެން: ރައީސް

5 އޮކްޓޯބަރު 2023 - 11:54 0

ދުނިޔެއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ, ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރި ކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށެވެ.

"ދުނިޔެއަށް އަންނަ އިގްތިސޯދީ ކުރިއެރުމާއި އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތައުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއާޔަތްކޮށް، ޅަ ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ހިތާބުގައި ރައީސް ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނީ، ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ޓީޗަރުންތަކެއް އުފެއްދިގެން ކަމަށެވެ. އެހެންކަމުން، ތައުލީމާއި ތަރުބިއްޔަތުގެ ދާއިރާގެ ތެރެއަށް މެހެމުން އަންނަ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއިފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި ޓީޗަރުން ސާބިތުވެ ތިބެ، އެކަމުގައި ރިވެތި ނަމޫނާ ދެއްކުމަކީ، އިޖްތިމާއީ ފޭރާން ހެޔޮކުރުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެކެވެ.

"ގައުމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ޒިންމާދާރު ޖީލެއް ބިނާވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިންނެވެ. ހެޔޮލަފާ ޒުވާނުންތަކެއް މުޖްތަމައުގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާ އެކުގައެވެ. ގައުމު ތަރައްގީކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުންކަން ކަށަވަރު،" ހިތޯބުގައި ވެ އެވެ.

ރައީސް ވިދާޅުވީ އެ ސަބަބުތަކަށްޓަކައި ފެންވަރު ރަނގަޅު ޓީޗަރުން އުފައްދައި، ޓީޗަރުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަކީ، ސަރުކާރުން ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ޓީޗަރުން ކަމަށެވެ.

ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވިޔަސް، ނުވަތަ އަމިއްލަ ސްކޫލްތަކުގައި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކުމެ އެ އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ޓީޗަރުންނަށް ޝުކުރާއި ތައުރީފު އަރިސް ކުރައްވާފަ އެވެ.