5 އޮކްޓޯބަރު 2023 - 10:25 0
5 އޮކްޓޯބަރު 2023 - 10:25 0
ޒިއުރިކް (އޮކްޓޫބަރު 5) - ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ދުނިޔޭގެ ތިން ބައްރެއްގެ ހަ ގައުމެއްގައި ބާއްވަން ފީފާ އިން ނިންމައިފި އެވެ.
ފީފާ ވޯލްޑް ކަޕް އެންމެ ފުރަތަމަ ބާއްވާފައިވަނި 1930ގައި އުރުގުއޭގަ އެވެ. އޭގެ ފަހުން ވޯލްޑްކަޕަށް 100 އަހަރު ފުރޭ މުބާރާތް ބާއްވަން ފީފާއިން ފުރުސަތުދިނީ ސްޕެއިން، ޕޯޗިގަލް އަދި މޮރޮކޯ އަށެވެ. މި ތިން ގައުމުގައި މިމުބާރާތުގެ މެޗުތައް ރަސްމީކޮށް ކުޅުނު ނަމަވެސް މުބާރާތުގެ ފުރަތަމަ ތިން މެޗު ކުޅޭނީ ދެކުނު އެމެރިކާގެ އުރުގުއޭ، އާޖެންޓީނާ އަދި ޕެރެގުއޭގަ އެވެ.
ދެކުނު އެމެރިކާގެ ތިން ގައުމެއްގައި 2030ގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ކުޅެން ފުރުސަތުދީފައިވަނީ ތާރީހީ ކާމިޔާބީ ފާހަގަކޮށް ވޯލްޑްކަޕްގެ ފެށުން އަލުން އިއާދަކުރުމަށްކަމަށް ފީފާއިން ހާމަކުރެ އެވެ.
2030ގެ ވޯލްޑްކަޕް ބާއްވާ ތިން ގައުމުކަމަށްވާ ސްޕެއިން އަކީ 1982 ވަނަ އަހަރު މި މުބާރާތް ބޭއްވި ގައުމެކެވެ. ޕޯޗުގަލް އިން އަލަށް ވޯލްޑްކަޕް ހޯސްޓްކުރާއިރު، މޮރޮކޯއަކީ ވޯލްޑްކަޕްގެ މެޗުތައް ކުޅޭ އެފްރިކާ ބައްރުގެ ދެވަނަ ގައުމެވެ. މީގެ ކުރިން 2010ގެ ވޯލްޑްކަޕް ވަނީ ސައުތު އެފްރިކާގައި ބާއްވާފަ އެވެ.
100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ 2030ގެ ވޯލްޑްކަޕަށް މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން، ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއަށް އޮޓޮމެޓިކް ކޮލިފިކޭޝަނެއް ލިބޭނެ އެވެ. އަނެއްކޮޅުން މުބާރާތުގެ ފުރަތަމަ ތިން މެޗު އެކަނި ބޭއްވި ނަމަވެސް، 48 ގައުމު ވާދަކުރާ ވޯލްޑްކަޕަށް އުރުގުއޭ، އާޖެންޓީނާ އަދި ޕެރެގުއޭވެސް ހޮސްޓުންގެ ގޮތުގައި ކޮލިފައިވާނެ އެވެ.
2030ގެ ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ޔޫރަޕްގެ ދެ ގައުމާއި އެފްރިކާގެ ގައުމަކަށްދޭން ފީފާއިން ނިންމާފައިވާއިރު ޖެހިގެން އަންނަ ވޯލްޑްކަޕް ކަމަށްވާ 2034ގެ ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތުދިނުމުގައި އޭޝިއާ އާއި އޯޝޭނިއާގެ ގައުމަކަށް އިސްކަންދޭނެކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އޭޝިއާ އަދި އޯޝެނިއާ ބައްރަކީ ފުޓްބޯޅައިގެ ފުރުސަތުތައް މަދުން ލިބޭ ހިސާބަކަށްވުމާ އެކު މިފަދަ ބޮޑު މުބާރާތެއްގެ ފުރުސަތު މި ބައްރުގެ ގައުމުތަކަށް ވެސް ލިބެން ޖެހޭނެކަމަށެވެ.
ފީފާގެ މި ނިންމުމާ އެކު 2034ގެ ވޯލްޑް ކަޕަށް ބިޑުކުރުމަށް ސައުދީ އަރަބިއްޔާ އިން އަންނަނީ ތައްޔާރު ވަމުންނެވެ. މިވަގުތު ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާ އެކު ވަރުގަދަ ލީގެއް ކުރިއަށްދާ ސައުދީ އަރަބިއްޔާ އަކީ ފުޓްބޯޅައިގެ ފޯރިގަދަ އަދި ވަސީލަތްތައް ހަމަޖައްސަން ބަލާއިރުވެސް މުއްސަނދި ގައުމެކެވެ.
Comment