Advertisement

ބެންކޮކް މޯލެއްގައި ބަޑީގެ ހަމަލާއެއް ދީފި، ދިވެއްސަކަށް ގެއްލުންވިތޯ ބަލަނީ

3 އޮކްޓޯބަރު 2023 - 18:32 0


ބެންކޮކް މޯލެއްގައި ބަޑީގެ ހަމަލާއެއް ދީފި، ދިވެއްސަކަށް ގެއްލުންވިތޯ ބަލަނީ

3 އޮކްޓޯބަރު 2023 - 18:32 0

ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ލަގްޒަރީ ޝޮޕިން މޯލެއްގައި މިއަދު ދިން ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވެ، ހަ މީހުން ޒަހަމްވެފައިވާއިރު، މި ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ލިބުނުތޯ ބެލުމުގެ މަސައްކަތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ވިޔަފާރީގެ ބޭނުންތަކަށާއި، ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ބެންކޮކުގައި ދިން މި ހަމަލާގައި ދިވެއްސަކަށް އެއްވެސް ގެއްލުމެއްވި ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މިނިސްޓްރީން ބުނީ އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު މިގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާނަމަ އަދި އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ނުވަތަ ބެންކޮކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަމްބަރު 66611766502+ އަށް ގުޅަން ވަނީ އެދިފަ އެވެ.

ތައިލެންޑް ފުލުހުން އެންމެ ފުރަތަމަ ބުނީ، ފަތުރުވެރިންގެ މެދުގައި މަގުބޫލު މޯލެއް ކަމަށްވާ، ސިއަމް ޕަރަގަން މޯލުގައި މިއަދު މެންދުރުފަހު ގިނަ ބަޔަކު ވިޔަފާރިކުރަން ގޮސް ތިއްބާ ދިން ހަމަލާގައި ތިން މީހުން މަރުވި ކަމަށެވެ. ނަމަވެސް ފަހުން ބުނީ މަރުވީ އެކަކު ކަމަށެވެ. ޒަހަމްވި ހަ މީހުންގެ ތެރެއިން ފަސް މީހުންގެ ހާލު ދެރަ އެވެ.

ފުލުހުންނާ ހަވަލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ބަޑި ޖެހި ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ހައްޔަރުކޮށް މިހާރު އަންނަނީ ސުވާލުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ބަޑީގެ އަޑު އިވުމާ އެކު، ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ހާސްވެ، ސަލާމަތް ހޯދަން ނުކުތީ އޭރު ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރެއަށް މަގުމައްޗަށެވެ.

ފުލުހުން ވަނީ ތުހުމަތުކުރެވޭ ކުއްޖާ ބިންމަތީ ބަންޑުން ބާއްވާފައި ބިޑި އަޅުވާ ފޮޓޯ އާއްމުކޮށްފަ އެވެ.

މިއީ ތައިލެންޑުގައި އަހަރެއްހާ ދުވަސް ތެރޭ ހިނގި މިފަދަ ދެ ވަނަ ހާދިސާ އެވެ. މިދިޔަ އަހަރު ކުރީގެ ފުލުސް އޮފިސަރަކު ވަނީ ނާސަރީއެއްގައު ބަޑި އާއި ވަޅިން ހަމަލާދީ 22 ކުދިން މަރާލައިފަ އެވެ. އަދި 2020 ވަނަ އަހަރު ސިފައިންގެ މީހަކު ދިން ހަމަލާއެއްގައި 29 މީހުން މަރާލައި 57 މީހުން ޒަހަމްވި އެވެ.

މިއަދުގެ ހާދިސާއާ އެކު މުޅި ބެންކޮކް މިހާރު ވަނީ އެލާޓަށް ގެނެސްފަ އެވެ. އަދި އެ ސިޓީ ތެރޭގައި ވަނީ ބޮޑު ބިރުވެރިކަމަކާއި، ހާސްކަމެއް އުފެދިފަ އެވެ.