Advertisement

އިންތިހާބީ ރައީސްގެ އިލްތިމާސްއާ ދެކޮޅަށް ޔާމީން މިނިވަން ކުރަން ގޮވާލައި ސަޕޯޓަރުން މަގު މައްޗަށް!

3 އޮކްޓޯބަރު 2023 - 08:38 4


އިންތިހާބީ ރައީސްގެ އިލްތިމާސްއާ ދެކޮޅަށް ޔާމީން މިނިވަން ކުރަން ގޮވާލައި ސަޕޯޓަރުން މަގު މައްޗަށް!

3 އޮކްޓޯބަރު 2023 - 08:38 4

އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، މިހާރު ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޮވެމްބަރު 17 ގައި މިނިވަން ކުރާނެ ކަމަށާއި، މި އިންތިގާލީ މަރުހަލާގައި މުޒާހަރާތަކާއި އެއްވުންތައް ނުބޭއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޔާމީންގެ ސަޕޯޓަރުން އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި މަގު މައްޗަށް ރޭ ނުކުމެއްޖެ އެވެ.

ޔާމީނުގެ ވެރިކަމުގައި ދޫކުރި ވ. އާރަށު މުއާމަލާތާ ގުޅިގެން، ރިޝްވަތުގެ ހިފައި، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ގޭބަންދަށް ބަދަލުކުރީ، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހު، ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.

ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ރިޔާސީ ޓެކެޓުގައި ވާދަކޮށް 54 ޕަސެންޓު ވޯޓުންނެވެ. އެ ކާމިޔާބުގެ އުފާ ފާޅުކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެންމެ ލަސްވެގެން ހުވާކުރައްވާ ދުވަހު ޔާމީން މިނިވަންކުރާނެ ކަމަށެވެ

ރޭގެ ޖަލްސާގައި މުއިއްޒު ރައްޔިތުންނާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ. އެ މަނިކުފާނު ވެރިކަމަށް އިންތިހާބުކޮށްފައި އެ ވަނީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އެހެންވެ، ހަމަޖެހޭ އުސޫލުން ކަންކަން ކުރިޔަށް ގެންދަން ފުރުސަތު ލިބެން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ. އެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށްވީ ކޮންމެ ވައުދެއް އެގޮތުގައި ފުރިހަމަ ކަމާއެކީ ނިންމައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭގެން އެއްކަންތަކަކީ އަޅުގަނޑުމެން ރައީސް ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހަށް (ނޮވެމްބަރު 17) ދާއިރުގައި މިހާރު އޮތް ޕްރޮސެސްއިން އެ މަނިކުފާނު މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަ ށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ."

މުޒާހަރާކުރަމުން ދިޔަ ވަގުތު ޔާމީން ކުޑަދޮރުން އެ މަންޒަރު ބައްލަވަނީ.


އެހެންވެ އެކަންކަން އެގޮތަށް ކުރިޔަށް ގެންދަން ފުރުސަތު ދިނުމަށް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނަށް މުއިއްޒު ގޮވާލެއްވި އެވެ. އޭގެ ބޭރުން މަގު މައްޗަށް ނުކުމެ އެކި ކަހަލަ ޖަލްސާތައް ބާއްވައި އަޑުގަދަކޮށް، ހިނގާލުން ބާއްވައި ނުހެދުމަށް ގޮވާލެއްވި އެވެ.

"އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން،" މުއިއްޒު އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑަށް މި މަސައްކަތް ކުރަން ތިބޭފުޅުން ހަވާލުކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގަންވައިފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ."

ނަމަވެސް، ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހު ޔާމީންގެ ސަޕޯޓަރުން އެ މަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހި ކައިރިޔަށް އެއްވެ އެ މަަނިކުފާނު މިނިވަންކުރުމަށާއި އިސްތިއުނާފުގެ މައްސަލަ އަވަސް ކުރުމަށް އަދި އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލި އެވެ.

އެ ވަގުތު އެ މަނިކުފާނު ގޭގެ ކުޑަދޮރުން އެ މަންޒަރު ބައްލަވަމުންނެވެ.

ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް އެއްގަލަކަށް އަރައިގެން އެކުގައި މަސައްކަތް ކުރުމަށް މުއިއްޒު ރޭ ގޮވާލެއްވި އެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.