Advertisement

ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސް ވެސް ޑިޖިޓަލް ކުރަނީ

28 ސެޕްޓެންބަރު 2023 - 11:46 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސް ވެސް ޑިޖިޓަލް ކުރަނީ

28 ސެޕްޓެންބަރު 2023 - 11:46 0

ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ލައިސަންސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑު އުޅަނދު ދުއްވުމުގެ ހުއްދަ ދުކޮށްފައިވާ ފަރާތްތަކަށް ދީފައިވާ ލައިސަންސް ޑިޖިޓަލް ކުރުމަށް ނިންމައި އެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭ އެ ލައިސަންސް ޑިޖިޓަލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

"ސިސްޓަމް ފަރުމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ. ކުރިއަށް އޮތް ތިން މަސްތެރޭ އެކަން ނިމި މިހާރު މިބޭނުންކުރާ ޑިޖިޓަލް އެެއްގަމު ލައިސަންސްއާ އެ ގުޅިގެން ދާނެ،" އޮފިޝަލު ވިދާޅުވި އެެވެ.

އޮފިޝަލު ވިދާޅުވިގޮތުގައި ކަނޑުދަތުރުފަތުރަށް ދޫކުރާ ޑިޖިޓަލް ލައިސަންސް ހެއްދުމަށް 250ރ. ފީއެއް ނަގާނެ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ގަވާއިދާ އެއްގޮތަށް ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ކެޓަގަރީތައް ހިމަނައި ނިއަމިކަމުގެ ކޯސް ފުރިހަމަކުރުމާ އެކު ދުއްވުމުގެ އިމްތިހާނުން ފާސްވުމުން ލައިސަންސް ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

އޮފިޝަލު ވިދާޅުވީ ޑިޖިޓަލް ލައިސަންސް ތައާރަފުވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކުން ލައިސަންސް ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ޓްރާންސްޕޯޓުން ވަނީ އެއްގަމު ދަތުރުފަތުރުގެ ލައިސަންސްވެސް މި އަހަރުތެރޭ ޑިޖިޓަލް ކޮށްފަ އެވެ. ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފެށުމާ އެކު އަލަށް ލައިސަންސް ދޫކުރާއިރު އޮންނަނީ ޑިޖިޓަލް ލައިސަންސެކެވެ. ޑިޖިޓަލް ލައިސަންސާ އެކު ޓްރާންސްޕޯޓުގެ ހުރިހާ ހިދުމަތެއްހެން މިހާރު ވަނީ އޮންލައިންކޮށްފަ އެވެެ.

އެގޮތުން ލައިސަންސް އަށް އެދި ހުށަހެޅުމާއި އުޅަނދު ރަޖިސްޓްރީއަަށް އެދި ހުށަހެޅުން، ރަޖިސްޓްރީ ބަދަލުކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. ލައިސަންސް އާއި އުޅަނދުތަކުގެ ރަޖިސްޓްރީ އާއި އެއާ ގުޅުންހުރި ހުރިހާ ތަފްސީލެއް މިހާރު، މިނިސްޓްރީގެ އޮންލައިން ޕޯޓަލް "ސިމްސް" އިން ބަލާލެވެ އެވެ. އަދި އެއްވެސް ސަބަބަކާހުރެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާއެއް ކޮށްފި ނަމަ އެ ޖޫރިމަނާގެ ތަފްސީލުވެސް އެ ޕޯޓަލް އިން ފެންނާނެ އެވެ.